ކެރަލާއަށް ކުރަމުންދާ ވިއްސާރާގައި 167 މީހަކު މަރުވެއްޖެ

ކެރަލާއަށް ކުރަމުންދާ ވިއްސާރާގައި ފެންބޮޑުވުމުގެ ސަބަބުން 167 މީހަކު ވަނީ މަރުވެފައި -- ފޮޓޯ: އޭއެފްޕީ

ދިއްލީ (އޮގަސްޓު 17): އިންޑިއާގެ ކެރަލާއަށް ކުރަމުންދާ މޫސުމީ ވިއްސާރާގައި ބޯކޮށް ވާރޭ ވެހި، ފެންބޮޑުވުމުގެ ސަބަބުން 167 މީހަކު މަރުވެއްޖެ އެވެ.

ކެރަލާގެ ސަރުކާރުން ބުނި ގޮތުގައި ގިނަ އަދަދެއްގެ މީހުން މަރުވެފައި ވަނީ ފެންބޮޑުވެ، ބިންގަނޑު ފޭބުމުގެ ސަބަބުން ކުނީގެ ދަށުވެގެންނެވެ.

އެ ވިއްސާރައިގެ ސަބަބުން ކެރަލާގެ 13 ޑިސްޓުރިކްޓުގައި ވަނީ ރެޑް އެލާޓަށް ގެނެސް، ސްކޫލުތައް ބަންދުކޮށްފަ އެވެ. އަދި ސަލާމަތީ ސަބަބުތަކާ ހެދި ބައެއް ޑިސްޓުރިކްޓުތަކަށް ފަތުރުވެރިން ދިޔުން ވަނީ މަނާކޮށްފަ އެވެ.

މީގެ އިތުރުން ފެންބޮޑުވުމުގެ ސަބަބުން ކޮޗިން އިންޓަނޭޝަނަލް އެއާޕޯޓު މިމަހުގެ 26 އާ ހަމައަށް ބަންދު ކުރުމަށް ވަނީ ނިންމާފައި އެވެ.

ފެންބޮޑުވުމުގެ ސަބަބުން ކޮޗިން އެއާޕޯޓު ވަނީ ބަންދުކޮށްފައި -- ފޮޓޯ: ރޮއިޓާސް

ކެރަލާގައި ފެންބޮޑުވެފައިވާ ސަރަހައްދުތަކުގައި ރެސްކިއު ވޯކަރުން ދަނީ ހެލިކޮޕްޓަރާއި ބޯޓު ބޭނުންކޮށްގެން މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެސްޓޭޓުގެ 150،000 އަށް ވުރެ ގިނަ މީހުން މިހާރު ވަނީ އެހީ ފޯރުކޮށްދޭ ކޭމްޕުތަކަށް ބަދަލުކޮށްފަ އެވެ.

އިންޑިއާގެ މީޓިއޮރޮލޮޖިކަލް ސެންޓަރުން ބުނާ ގޮތުގައި އާދިއްތަ ދުވަހާ ޖެހެންދެން ކެރަލާއަށް ބޯކޮށް ވާރޭ ވެހެމުންދާނެ އެވެ.

ކެރަލާގެ ޗީފް މިނިސްޓަރު ވިދާޅުވި ގޮތުގައި އެއީ 1924 ވަނަ އަހަރުގެ ފަހުން އެ ސްޓޭޓަށް މޫސުމީ ވިއްސާރައިގެ ސަބަބުން އެހާވަރަށް ގެއްލުން ލިބުނު ފުރަތަމަ ފަހަރެވެ.

ގުޅޭ ޓެގު
comment ކޮމެންޓް