އީދާ ދިމާކޮށް ހިޔާ މަޝްރޫއުގެ ފޯމު ބަލައިގަންނާނެ ދުވަސްތައް އާންމުކޮށްފިއެވެ.
ހައުސިން މިނިސްޓްރީ އިން ބުނީ ހައްޖު ދުވަހާއި އީދު ދުވަސް އަދި އީދު ހަފްތާގެ ހުކުރު ދުވަހު (20، 21 އަދި 24 އޮގަސްޓު) ހިޔާ މަޝްރޫއުގެ ފޯމު ބަލައި ނުގަންނާނެ ކަމަށެވެ.
އެ ނޫން ދުވަސްތަކުގައި ފޯމު ބަލައިގަންނާނީ ހެނދުނު 10:00 އިން މެނދުރު 12:00 އަށް، އަދި މެންދުރުފަހު 2:00 އިން ހަވީރު 4:00 އަށް ކަމަށް މިނިސްޓްރީން ބުންޏެވެ.
ހިޔާ މަޝްރޫއުގެ ދަށުން ފޯމު ބަލައިގަތުން ކުރިއަށްދަނީ އެކަމަށްޓަކާ ހައުސިން މިނިސްޓްރީގައި ގާއިމުކޮށްފައިވާ އެކްސްޕޯގައެވެ.
މިނިސްޓްރީން ބުނީ އެންމެ ފަހު ވަގުތަށް މަޑުނުކޮށް، ވީހާވެސް އަވަހަކަށް ފޯމު ހުށަހެޅުމަށް އެދޭ ކަމަށެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހީގެ ދަށުން ދޫކުރާ ފްލެޓުތަކަށް ކުރިމަތިލުމުގެ ސުންގަޑިއަކީ މިމަހުގެ 31 އެވެ. އަދި ހިޔާ އެކޮމްޕްލިޝްޑް މަޝްރޫއުގެ ދަށުން ފޯމު ބަލައިގަތުން އިއްޔެ ފަށާފައިވާއިރު އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 31 ގެ ނިޔަލަށް ފޯމު ބަލައިގަންނާނެއެވެ.
ހިޔާ އެކޮމްޕްލިޝްޑް މަޝްރޫއުގެ ދަށުން ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް 1،000 ހެކްޓަރުގެ ބިން ހިއްކާނެ ކަމަށް ސަރުކާރުން ބުނެ އެވެ. އެގޮތުން ގުޅީފަޅުން 230 ހެކްޓަރު އަދި އެނބޫދޫ ފަޅާ އިންވެގެން އޮންނަ ފުށިދިއްގަރު ފަޅުން 800 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފަ އެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހިޔާ މަޝްރޫއުގެ ދަށުން ތަރައްގީކުރާނީ ޖުމްލަ 7،000 ފުލެޓެވެ.