ޓްރެއިިނިންގައި ޑިބްރައިނާގެ ކަކުލަށް އަނިޔާވެއްޖެ

މެންޗެސްޓާ ސިޓީގެ މިޑްފީލްޑަރު ކެވިން ޑެބްރައިނާ--

ބެލްޖިއަމްއަށް ނިސްބަތްވާ މެންޗެސްޓާ ސިޓީގެ މިޑްފީލްޑަރު، ކެވިން ޑިބްރައިނާގެ ކަކުލަށް ޓްރެއިންގައި އަނިޔާވެއްޖެއެވެ.

ބުދަ ދުވަހު މެންޗެސްޓާ ސިޓީގެ ޓްރެއިނިންގައި ޑިބްރައިނާގެ ކަކުލު ހުޅަށް އަނިޔާވި ނަމަވެސް، އޭނާއަށް ލިބުނީ ކިހާވަރެއްގެ ބޮޑު އަނިޔާއެއް ކަމެއް އަދި ކަށަވަރެއް ނުވެ އެވެ. އަނިޔާގެ ކުޑަ ބޮޑު މިން ބެލުމަށް މިހާރު ޓެސްޓުތައް ހަދަމުންދާ ކަމަށް ސިޓީއިން ބުނެ އެވެ.

2016 ވަނަ އަހަރުވެސް ޑިބްރައިނާގެ ކަކުލަށް އަނިޔާވެ ގިނަ ދުވަސްތަކެއް ވަންދެން ކުޅުމާ ދުރަށް ދާން ޖެހުނެވެ. އެހެން ކަމުން، އޭނާގެ އަނިޔާ އެހާ ބޮޑު ނުވާނެ ކަމަށް ސިޓީގެ ސަޕޯޓަރުން އުންމީދު ކުރެއެވެ. އެ އަހަރުގެ އީއެފްއެލް ކަޕްގެ ސެމީ ފައިނަލުގައި ޑިބްރައިނާގެ ކަކުލަށް އަނިޔާވުމުގެ ސަބަބުން އޭނާއަށް އެ ސީޒަންގެ 12 މެޗު ގެއްލުނެވެ.

މިދިޔަ ސީޒަނުގައި ޕްރިމިއާ ލީގާއި އީއެފްއެލް ކަޕް ހޯދި މެންޗެސްޓާ ސިޓީގެ ޓީމުގައި ޑިބްރައިނާ ވަނީ މުހިންމު ދައުރެއް އަދާ ކޮށްފައެވެ. އެގޮތުން އޭނާ ވަނީ 12 ގޯލު ޖަހައި 21 އެސިސްޓު ހަދާފައެވެ. އެއާއެކު މިދިޔަ ސީޒަނުގައި ސިޓީގެ ޕްލޭޔާ އޮފް ދަ ސީޒަންކަން ވެސް އޭނާއަށް ލިބުނެވެ.

ޕްރިމިއާ ލީގުގެ ޓައިޓަލް ދީފާއުކުރަން މިފަހަރު ސިޓީ ނުކުންނަ އިރު، ލީގުގެ ފުރަތަމަ މެޗުގައި އެ ޓީމު ވަނީ އާސެނަލްގެ މައްޗަށް ކުރި ހޯދައިފައެވެ. ދެން އެ ޓީމު ކުޅޭނީ ވުލްވާހޭމްޓަންއާއެވެ.

comment ކޮމެންޓް