މަތީ ތައުލީމު ހާސިލު ކުރާ ދަރިވަރުންނަށް ޒަކާތު ފަނޑުގެ އެހީއަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި

ހައި އެޗީވާސް ސްކޮލަޝިޕް ހާސިލްކުރި ދަރިވަރަކަށް އެޑިއުކޭޝަން މިނިސްޓަރު އެވޯޑް އަރުވަނީ---ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

އަމިއްލަ ގޮތުން ކިޔަވަމުން ދަނިކޮށް މާލީ ގޮތުން ދަތިވެ ކިޔެވުމަށް ބުރޫއަރައިފިނަމަ، އެފަދަ ދަރިވަރުންނަށް ޒަކާތު ފަންޑުން އެހީއަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އިސްލާމިކް މިނިސްޓްރީއިން މިއަދު ނެރުން ބަޔާނުގައި ވާގޮތުން އެ ފުރުސަތު ހުޅުވާލާފައިވާއިރު އެހީ ދިނުމުގައި ވަކި ޝަރުތުތަކެއް ހުރުން ލާޒިމު ވެގެން ވެއެވެ.

އެހީ ދިނުމުގެ ޝަރުތުތައް

  • ދިވެހި ރައްޔިތަކަށް ވުން.
  • މަތީ ތައުލީމު ހާސިލް ކުރާދަރިވަރަކަށް ވުން.
  • ކިޔަވަމުންދާ ކޯހުގެ 50 ޕަސެންޓް ފުރިހަމަކޮށްފައިވުން ސަރުކާރު ނުވަތަ ސަރުކާރުގެ މުއައްސަސާ އަކުން ހިލޭ އެހީގެ ގޮތުގައި ކިޔެވުމުގެ ފުރުސަތު ލިބިގެން، އެ ދަރިވަރެއްގެ ކިޔެވުމުގެ ހަރަދު ހަމަޖެހިފައިވާ ފަރާތެއް ކަމެއްގައި ނުވުން.
  • އެހީ އަށް އެދޭ ފަރާތަކީ ސަރުކާރު ނުވަތަ ދައުލަތުގެ އެހެން މުއައްސަސާއަކުން ލޯނު އެހީއެއް ލިބިފައިވާ ދަރިވަރެއްނަމަ ލޯނު ގެ ފައިސާ ހަލާސްކޮށްފައިވާ ނުވަތަ ގަވައިދުން ދައްކަމުންދާ ފަރާތަކަށްވުމާއި އެދޭ ކޯހާއި އެއްފެންވަރެއްގެ ކޯހެއް ދައުލަތުގެ ހަރަދުގައި މިވަގުތު ފުރިހަމަ ކުރައްވަމުންދާ ދަރިވަރަކަށް ނުވުން.
  • ޑީއެޗްއީ އިން ބްލެކްލިސްޓް ކުރާ ފަރާތެއްކަމަށް ނުވުމުގެ އިތުރުން ކިޔަވަމުންދާ ކޯހަކީ އިސްލާމް ދީން ހުއްދަކުރާ ދާއިރާއަކުން ހަދާ ކޯހެއްކަމުގައި ވުން.
  • އެހީއަށް އެދި ހުށައަޅުއްވަން ބޭނުންފުޅުވާ ފަރާތްތަކުން،

އެ އެހީއަށް އެދޭ ފޯމު ފުރިހަމަކޮށް ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑްގެ ކޮޕީއާއި ތައުލީމީ ސެޓްފިކެޓް ތަކުގެ އެޓެސްޓް ކުރެވިފައިވާ ކޮޕީއާއި ސަރުކާރު މެދުވެރިވެގެން އެހީއެއް ލިބިފައި ވާނަމަ އެކަން އަންގައިދޭ ރަސްމީ ލިޔުމާއި އަދި މިހާރު ކިޔަވަމުންދާ ކަމުގެ ލިޔުން ހުށަހަޅަން ޖެހޭނެކަމަށް އެ އިއުލާންގައި ވެއެވެ.

މި އެހީގެ ދަށުން ދެވޭނީ ރާއްޖެއިން ބޭރަށްނަމަ 17 ކުދިންނަށް ކޮންމެ ކުއްޖަކަށް ގިނަވެގެން 100,000 ރުފިޔާއެވެ. އަދި ރާއްޖޭގައި ނަމަ 36 ކުދިންނަށް ކޮންމެ ކުއްޖަކަށް ގިނަވެގެން 20,000 ރުފިޔާކަމަށްވެސް އެ އިއުލާންގައި ފާހަގަކޮށްފައިވެއެވެ.

އެ އެހީގެ ދަށުން ރާއްޖޭގައި ކިޔަވާ ދަރިވަރުންނަށް ދިނުމަށް ހަމަޖެހިފައިވަނީ ކޯސް ފީ ކަމަށް އެ އިއުލާނުގައިވެއެވެ. މީގެ ތެރޭގައި އެ އިންސްޓިޓިއުޓަކަށް ދައްކަންޖެހޭ އެހެނިހެން ފީތައްވެސް ހިމެނޭނެއެވެ. އެ އެހީ ދިނުމަށް ކަނޑައަޅާ ދަރިވަރުންގެ ކޯހުގެ ޓިއުޝަން ފީއަށްވާ ފައިސާ ދައްކާނީ، މަތީ ތައުލީމުދޭ މުއައްސަސާގެ އިންވޮއިސް، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒަށް ލިބުމުން، އޭގައިވާ ގޮތުގެމަތިން ކިޔަވައިދޭ މުއައްސަސާއަށެވެ. މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒަށް އެ އިންވޮއިސް ލިބުނުކަން ކަށަވަރުކުރުމަކީ ދަރިވަރުގެ ޒިންމާއެއްކަމަށްވެސް އެ އިއުލާންގައި ބުނެއެވެ.

އެހީ އަށް އެދި ހުށަހަޅާ ދަރިވަރަށް އެހީ ދިނުމަށް ކަނޑައަޅައިފިނަމަ ހުށަހެޅި ލިޔެކިޔުންތަކުގެ އަސްލު ހުށަހަޅަން އެ މިނިސްޓްރީން ފަހުން އަންގައިފިނަމަ، އެ ލިޔެކިޔުންތައް ވަގުތުން ހުށަހަޅަން ތައްޔާރުކޮށްފައި ބަހައްޓަންވާނެކަމަށް މިނިސްޓްރީ އިން އިލްތިމާސް ކުރެއެވެ.

ހުށަހަޅާ މަތީ ތަޢުލީމުގެ އެއްވެސް ސެޓްފިކެޓަކީ (ޕްރޮވިޝަނަލް ކަމުގައި ވިޔަސް) ރާއްޖެއިން ބޭރުގެ ސެޓްފިކެޓެއް ނަމަ، އޮންނަންވާނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ވެލިޑޭޓްކޮށްފައެވެ.

އެހީ ލިބޭ ދަރިވަރުން ކޯސް ފުރިހަމަ ކުރުމަށްފަހު، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒަށް ކޯސް ފުރިހަމަ ކުރެވިފައިވާކަން ލިޔުމުން އަންގަން ވާނެއެވެ. އަދި ހާސިލުކުރި ކޯހުގެ ސެޓްފިކެޓްގެ އެޓެސްޓްކޮށްފައިވާ އަސްލު ކޮޕީ ހުށަހަޅަން ޖެހޭނެކަމަށް މިނިސްޓްރީގެ އިއުލާންގައި ބުނެފައިވެއެވެ.

comment ކޮމެންޓް