ޓްރިވެންޑްރަމްގައި ހާލުގައި ޖެހިފައިވާ ދިވެހިންގެ ހާލު ގާތުން އެބަ ބަލަން: ކޮންސިއުލޭޓް

ޓްރިވެންޑްރަމްގައި ހާލުގައި ޖެހިފައިވާ ދިވެހިންތަކެއް-- ފޮޓޯ: ޓްރިވެންޑްރަމް ކޮންސިއުލޭޓް

އިންޑިއާގެ ކެރަލާ ސްޓޭޓަށް ކުރަމުންދާ ވިއްސާރައިގައި އެ ސްޓޭޓުގެ ވެރިރަށް ޓްރިވެންޑްރަމްގެ ކޯރެއް ބަންޑުންވުމުގެ ސަބަބުން އެ ސަރަހައްދުގައި ހާލުގައި ޖެހިފައިވާ ދިވެހިންގެ ހާލު ވަރަށް ގާތުން ބަލަމުންގެންދާ ކަމަށް އެ ޓްރިވެންޑްރަމްގައި ހުންނަ ރާއްޖޭގެ ކޮންސިލޭޓްއިން ބުނެފިއެވެ.

އެ ކޮންސިއުލޭޓުން މިއަދު ޓުވީޓެއްގައި ބުނީ އެ ހާދިސާގައި ހަލުގައި ޖެހިފައިވާ މީހުންނާ އަބަދުހެން ގުޅައި ހާލު ބަލަމުންގެންދާ ކަމަށެވެ.

އިންޑިއާގައި ހުންނަ ރާއްޖޭގެ އެމްބަސީގެ ޑެޕިއުޓީ ކޮންސިއުލޭޓް ޖާދުއްﷲ ތައުފީގު "ސަން"އަށް މިއަދު ވިދާޅުވީ ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ކޯރެއް ބަންޑުންވެ، ދިވެހި ހަތަރު އާއިލާއެއް ދިރިއުޅެމުންދާ ގެތަކަށް ފެންވަދެ ގޭތެރޭގައި ފެންބޮޑުވެފައިވާ ކަމަށެވެ.

އަދި ސަލާމަތަށް ޓަކައި މިހާރު އެ ގެތަކުގައި މީހުން ތިބީ އެއްވަނަ ފަންގިފިލާއަށް އަރައި ކަމަށް ޖާދުﷲ ވިދާޅުވިއެވެ. އެމީހުންގެ ފުރާނައަށް ނުރައްކާވާ ވަރަށް ހާލު ދެރަ ނުވާކަމަށާއި އެހެން ނަމަވެސް އެމީހުންނަށް ކައްކައި ކެއުމަށް އުނދަގޫތަކެއް ކުރިމަތިވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޓްރިވެންޑްރަމްގައި ހާލުގައި ޖެހިފައިވާ ދިވެހިންތަކެއް ދިރިއުޅޭ ގެއެއް-- ފޮޓޯ: ޓްރިވެންޑްރަމް ކޮންސިއުލޭޓް

ޖާދުﷲ ވިދާޅުވީ އެ ހަތަރު އާއިލާގައި އުޅޭ މެމްބަރުންގެ އަދަދުތައް މިހާރު ކަށަވަރު ކުރަމުންދާ ކަމަށެވެ. އަދި އެމީހުންނަށް އެހީތެރިކަން ފޯރުކޮށްދީ، އެމީހުންގެ ތެރެއިން ރައްކާތެރި ސަރަހައްދުތަކަށް ގެންދަން ޖެހޭ ފަދަ ހާލަތެއްގައި ތިބީ ކޮންބައެއްކަން ބަލަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

ވިއްސާރަ ހުއްޓާލައިފިނަމަ ހަތަރު ގަޑިއިރުގެ ތެރޭގައި ފެން ހިނދޭނެ ނިޒާމު އެ ސަރަހައްދުގައި ކުރިން ގާއިމުކޮށްފައިވާ ކަމަށާއި ނަމަވެސް ވިއްސާރަ ހުއްޓާނުލައިފި ނަމަ ފެން ހިނދެން އެއަށް ވުރެ ގިނައިރު ނަގާނެކަމަށް ވެސް ޖާދުﷲ ވިދާޅުވިއެވެ.

ކެރެލާއަށް ކުރަމުންދާ ވިއްސާރައިގައި އެ ސްޓޭޓުގައި ގިނަ އަދަދެއްގެ މީހުން މިހާތަނަށް މަރުވެފައިވެއެވެ.

comment ކޮމެންޓް