ހައިކޯޓުގެ އުތުރު ގޮފީގެ މަސައްކަތްތައް ފަށަން އަންގައިފި

ހައިކޯޓުގެ އުތުރު ގޮފީގެ މަސައްކަތް ފެށުމަށް ސުޕްރީމް ކޯޓުން ވަނީ އަންގާފައި --- ސަން ފައިލް ފޮޓޯ/ އިހްތިޝާމް މުހައްމަދު

ހދ. ކުޅުދުއްފުށީގައި ގާއިމުކޮށްފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ އުތުރު ގޮފީގެ ޝަރީޢަތްތައް ހިންގުމުގެ ހުރިހާ އިންތިޒާމެއް ހައިކޯޓުން ކުރިއަށް ގެންދިޔުމަށް، ސުޕްރީމް ކޯޓުން އަންގައިފިއެވެ.

ސުޕްރީމް 14 އޮގަސްޓް 2018 ވަނަ ދުވަހު އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ނެރުއްވާފައިވާ ގަރާރެއްގައި ކަނޑައަޅުއްވާފައި ވަނީ ހައިކޯޓުގެ އުތުރު ގޮފީގައި ޝަރީއަތްތައް ކުރިއަށް ގެންދިއުމަށްޓަކައި އިދާރީ ގޮތުން ހަމަޖައްސަން ޖެހޭ އެންމެހައި އިންތިޒާމްތައް ހަމަޖެހިފައިވުމާއި އެކު، ހައިކޯޓުގެ އުތުރު ގޮފީގެ ޝަރީޢަތްތައް ކުރިއަށް ގެންދިޔުމުގެ އިންތިޒާމުތައް އެ ކުރިއަށް ގެންދިޔުމަށެވެ.

އަދި 14 އޮގަސްޓް 2018 ވަނަ ދުވަހު ސުޕްރީމް ކޯޓުގެ އާންމު ސިޓީން ވަނީ، ހައިކޯޓުގެ އުތުރު ގޮތްޕަށް ނިސްބަތްވާ ސަރަހައްދުތަކުގެ ކޯޓުތަކާއި ޓްރައިބިއުނަލްތަކުން ނިންމާ މައްސަލަތައް އިސްތިއުނާފުކުރުމަށް، އެ މައްސަލައެއް ނިންމި ކޯޓަކަށް ނުވަތަ ޓްރައިބިއުނަލްއަކަށް ހުށަހެޅުމުން، އެ މައްސަލައިގެ ފައިލް ލިޔުންތަކާއެކު ސީދާ ދިވެހިރާއްޖޭގެ ހައިކޯޓުގެ އުތުރު ގޮތްޕަށް ފޮނުވުމަށް އަންގާފައެވެ.

ހައިކޯޓުގެ އުތުރު ގޮފީގެ މަސައްކަތް ފެށުމުން، އެ ގޮތްޕަށް ނިސްބަތްވާ ސަރަހައްދުތަކުގެ ކޯޓުތަކާއި ޓްރައިބިއުނަލްތަކުން ނިންމާ މައްސަލަތައް އިސްތިއުނާފުކުރުމަށް، އާންމު ރައްޔިތުންނަށް ލުއި ފަސޭހަ ވެގެންދާނެއެވެ. އަދި އިސްތިއުނާފުގެ މަރުހަލާ ކުރިއަށް ނުގޮސް ހުރި މައްސަލަތައް އަވަސްވެ، މައްސަލައިގެ ހިމެނޭ ޚަސްމުން ކުރަން ޖެހޭ ޚަރަދުތައް ކުޑަވެގެންދާނެއެވެ.

އުތުރު ގޮފީގެ މަސައްކަތް އަލުން ފަށަން ތައްޔާރުވެފައިވާ އިރު ހައިކޯޓުގެ ދެކުނު ގޮފީގެ މަސައްކަތް ހުއްޓިފައި އޮތުމަށް ފަހު އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު އަބްދުﷲ ދީދީގެ އިރުޝާދާއި އެކު އެ ގޮފީގެ މަސައްކަތްވެސް އަލުން މިހާރު ވަނީ ފަށާފައެވެ.

comment ކޮމެންޓް