ޣައްޒާއިން މުދާ ބަދަލު ކުރާ މަގު އިސްރާއީލުން ހުޅުވާލައިފި

ފަލަސްތީނުގެ ރައްޔިތުން ދަނީ ޣައްޒާގެ ބޯޑަރު ކައިރީ މުޒާހަރާ ކުރަމުން -- ފޮޓޯ: ރޮއިޓާސް

ގުދުސް (އޮގަސްޓު 15): ޣައްޒާ އާއި އިސްރާއީލާ ދެމެދު މުދާ ބަދަލު ކުރެވެން އޮންނަ ހަމައެކަނި މަގު އިސްރާއީލުން މިއަދު ހުޅުވާލައިފި ކަމަށް އެގައުމުގެ ޑިފެންސް މިނިސްޓްރީން ބުނެފި އެވެ.

އިސްރާއީލުން މިއަދު ކަރަމް ޝަލޮމް ހުޅުވާލީ، ޣައްޒާ އާއި އިސްރާއީލާ ދެމެދު އޮންނަ ބޯޑަރުގައި ހަމަނުޖެހުން ނުހިނގާ ނަމަ އެމަގު ހުޅުވާލާނެ ކަމަށް އިއްޔެ އެގައުމުގެ ޑިފެންސް މިނިސްޓްރީން ބުނި ފަހުންނެވެ.

އިސްރާއީލުން ކަރަމް ޝަލޮމް ބަންދުކޮށް، އެމަގުން ޣައްޒާއަށް އެތެރެ ކުރެވޭނީ ހަމައެކަނި އިންސާނީ ހައްގެއްގެ ގޮތުގައި ބަލާ ތަކެތި ކަމަށް ނިންމީ މިދިޔަ މަހުގެ ނުވަ އެއްގައި އެވެ. އެފަދަ ތަކެތީގެ ތެރޭގައި ހިމެނެނީ ކާބޯތަކެއްޗާއި، ބޭހާއި، ސާފުތާހިރުކަމަށް ބޭނުންވާ ތަކެއްޗާއި ޖަނަވާރުތަކަށް ކާންދޭ ތަކެއްޗެވެ.

އަދި މިމަހުގެ ދޭއްގައި އިސްރާއީލުން ވަނީ ޣައްޒާއަށް ތެޔޮ އެތެރެ ކުރުން މަނާކޮށް، ޣައްޒާގެ ރައްޔިތުންނަށް މަސްވެރިކަން ކުރަން ހުއްދަކޮށްފައިވާ ސަރަހައްދު ކުޑަކޮށްފަ އެވެ.

އިސްރާއީލުން ޣައްޒާއާ ދެކޮޅަށް އެފިޔަވަޅުތައް އެޅީ މާޗް 30ގައި ފަލަސްތީނުގެ ރައްޔިތުން، ޣައްޒާގެ ބޯޑަރު ކައިރީގައި މުޒާހަރާ ކުރަން ފެށުމުންނެވެ. ގްރޭޓް މާޗް އޮފް ރިޓާންގެ ނަމުގައި ފެށި އެމުޒާހަރާތަކުގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 157އަށް ވުރެ އިތުރުވެފަ އެވެ.

ކަރަމް ޝަލޮމްގެ އިތުރުން ޣައްޒާއިން މުދާ ބަދަލު ކުރެވެން އޮންނަނީ މިސްރުގެ ރަފަހް ބޯޑަރު މެދުވެރިކޮށެވެ. ފާއިތުވި އަހަރުތަކުގެ ތެރޭގައި އެބޯޑަރު އާއްމުކޮށް ހުންނަނީ ބަންދުކޮށްފައި ނަމަވެސް، މި އަހަރުގެ ރޯދަ މަސް ތެރޭގައި މިސްރުން ވަނީ ރަފަހު ބޯޑަރު ހުޅުވާފައި އެވެ.

comment ކޮމެންޓް