މާފު ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގެ ދަށުން ކުށްވެރިންނަށް އަދަބު ދިނުމުގެ ބައެއް ޝަރުތުތައް ލުއިކޮށްދީފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ސަރުކާރުގެ ގެޒެޓްގައި އާންމުކޮށްފައިވާ އިއުލާންގައިވާ ގޮތުން ޖިނާއި ކުށެއްގެ މައްސަލާގައި ޝަރުއީ ކޯޓަކުން ހުކުމް ކޮށްފައިވާ ނަމަ ގަވައިދުގެ ހަތަރު ވަނަ މާއްދާގެ (ހ)ގައި ބަޔާންކޮށްފައިވާ ކުށެއްގެ ދައުވާ އަކަށް ނުވެފައި ދައުވާ އުފުލި ތާރީހުން ފެށިގެން ހުކުމް ނުކުރެވި މީލާދީ ގޮތުން އެއް އަހަރު ފާއިތުވެއްޖެ ނަމަ އެ މީހަކީ އެ ކުށުގެ އަދަބަށް ލުއި ލިބުމަށް ޝަރުތު ހަމަވާ މީހެކެވެ.
ނަމަވެސް ބޮޑެތި ކުށްތަކުގައި ދައުވާ އުފުލާފައިވާ ކުށްވެރިންނަކަށް އަދަބު ލުއި ނުކުރޭވޭނެ ކަމަށް އެ ގަވާއިދުގައިވެ އެވެ. އެގޮތުން މީހުން މެރުމާއި ބިރުދެއްކުމާއި ތޫނު ހަތިޔާރު ބޭނުން ކުރުމުގެ ކުށްތަކާއި އިސްލާމީ ޝަރީއަތުގައި ހައްދު ކަނޑައަޅާ ކުށްތަކާއި ޓެރަރިޒަމް ކުށްތަކާއި މީހުން ޓްރެފިކް ކުރުމުގެ ކުށްތަކުގައި ދައުވާ އުފުލާފައިވާ ކުށްވެރިންނަކަށް އެ ގަވައިދުގެ ދަށުން ލުޔެއް ނުލިބޭނެ ކަމަށް ގަވާއިދުގައިވެ އެވެ.
މިއަދު އާންމުކޮށްފައިވާ ކުށްވެރިންނަށް ލުއި ދިނުމުގެ ގަވައިދަށް މިއަދުން ފެށިގެން އަމަލު ކުރެވެމުން ދާނެ ކަމަށް އެ އިއުލާންގައި ބުނެފައިވެ އެވެ.