އިބޫ ވެވަޑައިގަންނަވާ ވައުދުތައް ފުއްދުމަށް ފައިސާ ހޯދާނެ ގޮތް ބުނެދޭން ޖެހޭ: ތޯރިގު

އެންވާރަމަންޓް މިނިސްޓަރު ތޯރިގު އިބްރާހިމް ވާހަކަދައްކަވަނީ --- ފޮޓޯ/ އެންވާރަމަންޓް މިނިސްޓްރީ

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އިދިކޮޅު ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް(އިބޫ)، ރަށްތަކަށް ވަޑައިގެން ވެވަޑައިގަންނަވާ ވައުދުތައް ފުއްދެވުމަށް ފައިސާ ހޯދާނެ ގޮތެއް ރައްޔިތުނަށް ބުނެދޭން ޖެހޭނެ ކަމަށް ތިމާވެއްޓާ ބެހޭ ވަޒީރު ތޯރިގު އިބްރާހިމް ވިދާޅުވެއްޖެއެވެ.

ރައީސް އަބްދުﷲ ޔާމީން، ތ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ދިޔަމިގިލީ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ތޯރިގު ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ރަށްތަކަށް ވަޑައިގެން، ކޮށްދެއްވާނެ ކަމަށް ބުނާ ގިނަ ކަންތައްތަކަކީ މި ސަރުކާރުން ފައްޓަވާފައިވާ ކަންތައްތައް ކަމަށާއި އޭގެ ބަދަލުގައި ރަނގަޅަށް ތައްޔާރުވެގެން ރަށްތަކަށް ވަޑައިގަތުމުން އެ މައްސަލަ ނުޖެހޭނެ ކަމަށެވެ.

"އިދިކޮޅު ލީޑަރަށް ހާއްސަކޮށް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ރަށް ރަށަށް ވަޑައިގަތުމުގެ ކުރިން މިހާރު ރައީސް އޮފީހުން ނެރުއްވާފައި ravvehi.gov.mv ސައިޓް ބައްލަވާލައްވާފައި ދެން އެ ރަށަށް ވަޑައިގެން އެ ރަށުގައި ކޮށްދެއްވަން ހުރި ކަންތައްތަކުގެ ވާހަކަ ދެއްކެވިއްޔާ ތިބޭފުޅުންނަށްވެސް މާ ފަސޭހަވާނެ،" މިނިސްޓަރު ވިދާޅުވިއެވެ.

މިހާރުގެ ސަރުކާރުން މަޝްރޫއުތައް ހިންގަމުން ދަނީ ޕްލޭނެއްގެ ދަށުންކަން ފާހަގަކޮށް ތޯރިގު ވިދާޅުވީ އިދިކޮޅު ފަރާތްތަކުގެ އެއްވެސް ކަހަލަ ސްޓްރެޓިޖިކް ޕްލޭނެއް ނެތް ކަމަށާއި އެ ފަރާތްތަކުން ވަމުން އަންނަނީ ހުސް ވައުދުތަކެއް ކަމަށެވެ.

"އަޅުގަނޑަށް ދެން ހީވަނީ މިހެން މިވާން ޖެހޭ ސަބަބަކީ އިދިކޮޅު ކެންޑިޑޭޓު ސަރުކާރާއި ހަވާލުވަނީ އެންމެ 18 މަސް ދުވަހަށް ކަމަށް ވާތީ. އެހެންވީމަ ކޮންމެހެން ނުޖެހޭ މާ ވިސްނުންތެރި ގޮތެއްގައި ރައްޔިތުންނަށް ކަންތައްތައް ކޮށްދެއްވާނެކަމުގެ ވާހަކަ ވިދާޅުވާކަށް،" ތޯރިގު ވިދާޅުވިއެވެ.

އިދިކޮޅު ކެންޑިޑޭޓަށް ވެރިކަން ލިބިވަޑައިގެންފި ނަމަ ދައުރު ފުރިހަމަ ނުކޮށް އިސްތިއުފާދެއްވާނެ ކަމަށް ތޯރިގު ވަނީ ތުހުމަތުކުރައްވާފައެވެ. އަދި މިހާރު ވެވަޑައިގަންނަވާ ވައުދުތަކުން ރެކެވިދާނެ ކަމަށް އެ ފަރާތްތަކަށް ވިސްނިފައި އޮތުމަކީވެސް އެކަށީގެންވާ ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މީގެ ކުރިން އެމްޑީޕީއަށް ވެރިކަން ލިބުމުން ވެސް އަމަލުކޮށްފައިވަނީ އެ ގޮތަށްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

"ކޮން ގޮތަކަށްތޯ ފައިސާ ހޯއްދަވާނީކަން ވެސް މި ބޭފުޅުން އަދި ކިޔާ ނުދެއްވާ. އެ ބޭފުޅުން އަބަދުވެސް ދައްކަވަމުން އަންނަ ވާހަކައެއް އެއީ ތިމަންނަމެން ވަރަށް ކަންބޮޑުވެއޭ ސަރުކާރުން ލޯނު ނަގައިގެން މަސައްކަތް ކުރާތީ،" ތޯރިގު ވިދާޅުވިއެވެ.

އިދިކޮޅު ފަރާތްތަކުން މަޝްރޫއުތައް ހިންގުމަށް ފައިސާ ހޯއްދަވާނެ ގޮތަކާއި މެދު ތޯރިގު ވަނީ ސުވާލު އުފައްދަވާފައެވެ. އަދި ރާއްޖޭގެ ހަރުމުދާ ވިއްކާލައިގެން ފައިސާ ހޯއްދަވަން ޕްލޭން ކޮށްފައިވޭތޯވެސް މިނިސްޓަރު ވަނީ ސުވާލު ކުރައްވާފައެވެ.

comment ކޮމެންޓް