ބްރިޖު މަތީގެ ކައިވެނި ހަފްލާތައް މި މަހުގެ 31 ގައި

"ސިނަމާލެ ބުރިޖު"ގެ މަސައްކަތްތައް ނޫސްވެރިންނަށް ދައްކާލުން، ބުރިޖުގެ ސުޕަސްޓަރަކްޗާ ގުޅުވާލާ ވަނީ ނިންމާފައި:ސަން ފޮޓޯ/ ފަޔާޒް މޫސާ

ސިނަމާލެ ބްރިޖުމަތީ ކުރާ ކައިވެނިތައް މިމަހުގެ 31 ގައި އޮންނާނެކަމަށް ހައުސިން މިނިސްޓްރީއިން ހާމަކޮށްފިއެވެ.

ބްރިޖުގައި ކުރާ ކައިވެނިތަކުގެ ބެކްޑްރޮޕް ހަދައިދޭނެ ފަރާތެއް ހޯދުމަށް ހައުސިން މިނިސްޓްރީއިން މިއަދު ކުރި އިއުލާނުގައިވާ މައުލޫމާތު ކަރުދާހުގައި ބުނެފައި ވާގޮތުން ބްރިޖުމަތީގައި ކުރާ ކައިވެނި ހަފްލާތައް އޮންނާނީ 31 އޮގަސްޓް ވާ ހުކުރު ދުވަހުގެ ހަވީރު ހަތަރަކުން ހަޔަކަށެވެ.

ބްރިޖުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކައިވެނި ހަފްލާތަކުގެ ވެޑިންގ ބެކްޑްރޮޕާއި އެއާއި ގުޅިގެން ކުރަންޖެހޭ އެންމެހައި ޑެކޮރޭޝަންތައް ހަދައިދޭނެ ފަރާތެއް ހޯދަން ހައުސިން މިނިސްޓްރީއިން ވަނީ މިއަދު އިއުލާނުކޮށްފައެވެ.

ކައިވެނީގެ ރަސްމިއްޔާތު ހަތަރު ތީމަކަށް ބާއްވައިދޭނެއެވެ. އެއީ މޯލްޑިވިއަން، ސަންސެޓް، ފްލޯރަލް އަދި ވިންޓޭޖެވެ. މީގެ ކުރިން ތީމްތަކުގެ ތެރޭގައި "ޗައިނީޒް ތީމް" އޮތް ނަމަވެސް، މިއަދު އާންމުކުރި މައުލޫމާތު ކަރުދާހުގައި އެ ތީމެއް ނެތެވެ.

މި މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 19 ވަނަ ދުވަހުގެ 13:30 ގެ ކުރިން އަގު ހުށަހެޅުމަށް ހައުސިން މިނިސްޓްރީގެ އިއުލާނުގައިވެއެވެ.

ހައުސިން މިނިސްޓްރީން މީގެ ކުރިން ބުނީ ބްރިޖުގައި ކުރާ ކައިވެންޏަކީ ދެ މީހުންގެ ވެސް އަލަތު ކައިވެންޏަށް ވާންޖެހޭނެ ކަމަށާއި އެ ކައިވެނީގެ ރަސްމިއްޔާތުގައި 50 މީހުންނަށް ބައިވެރިވެވޭނެ ކަމަށެވެ.

ކައިވެނި ހަފްލާގެ ސައިގެ ކަންތަކާއި ފޮޓޯނެގުން އަދި ޑެކަރޭޝަންގެ ހަރަދު ކުރާނީ ސަރުކާރުންނެވެ. ބްރިޖުމަތީގައި އޮންނާނީ ހަމައެކަނި ކައިވެނީގެ ރަސްމިއްޔާތެވެ.

ދުއިސައްތަ މިލިއަން ޑޮލަރު ހަރަދުކޮށްގެން އަޅާ ސިނަމާލެ ބްރިޖުގެ ސްޓްރަކްޗާގެ މަސައްކަތް މިހާރު ވަނީ ނިންމާލައިފައެވެ. މިހާރު ކުރިއަށް ދަނީ ލައިޓު ހަރުކުރުމާއި ތާރު އެޅުން ފަދަ މަސައްކަތްތަކެވެ. މި މަހުގެ ފަހުކޮޅު ބްރިޖު ހުޅުވޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

comment ކޮމެންޓް