މާފަރު އެއާޕޯޓަށް ފެށޭ މަހު ޝެޑިއުލް ފްލައިޓްތައް ޖައްސަން ފަށާނެ: ޒަމީރު

މާފަރު އެއާޕޯޓުގެ މަސައްކަތް ކުރިއަށްދާ ގޮތް މިނިސްޓަރު ޒަމީރު ބައްލަވާ ލައްވަނީ --- ސަން ފޮޓޯ

ނ. މާފަރުގައި ގާއިމް ކުރަމުންދާ މާފަަރު އިންޓަނޭޝަނަލް އެއާޕޯޓަށް ފެށޭ މަހު ޝެޑިއުލް ފްލައިޓްތައް ޖައްސަން ފަށާނެ ކަމަށް ޓުއަރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.

މިއަދު މާފަރު އިންޓަނޭޝަނަލް އެއާޕޯޓަށް ވަނީ ޓެސްޓް ފްލައިޓް ޖައްސާފަ އެވެ. ޓެސްޓް ފްލައިޓުގައި ވަޑައިގެން މާފަރު އެއާޕޯޓުގައި ހުންނަވާ މީޑިއާތަކާ ވާހަކަފުޅުދައްކަވަމުން ޒަމީރު ވިދާޅުވީ އެ އެއާޕޯޓުގެ ރަންވޭގެ ހުރިހާ މަސައްކަތެއް މިހާރު ނިމިފައިވާ ކަމަށެވެ.

އަދި މިހާރު ޓަވަރުގެ އިތުރުން އެއާޕޯޓު ޓާމިނަލްގެ މަސައްކަތް ކުރިއަށްދާ ކަމަށާއި އެކަންކަން ނިމި ސެޕްޓެމްބަރު މަހުގެ ތެރޭގައި ޝެޑިއުލް ފްލައިޓްތައް މާފަރު އެއާޕޯޓަށް ޖައްސަން ފަށާނެ ކަމަށް ޒަމީރު ވިދާޅުވި އެވެ.

" މި އެއާޕޯޓު ހުޅުވިގެން ދިޔައިމަ މި ސަރަހައްދަކީ ރާއްޖޭގެ ޓުއަރިޒަމް އެންމެ އަގުބޮޑު ސަރަހައްދަށް ވެގެންދާނެ." ޒަމީރު ވިދާޅުވި އެވެ.

މާފަރު އެއާޕޯޓަކީ، ސިންގަޕޫރުގެ ޓަފް އޮފް ޝޯ ކުންފުންޏާ ހަވާލުކޮށްގެން އަބޫދާބީ ފަންޑުގެ 60 މިލިޔަން ޑޮލަރުގެ ހިލޭ އެހީގެ ދަށުން ހަދާ އެއާޕޯޓެކެވެ.

އެ އެއާޕޯޓުގެ ތަރައްގީ ކޮށްފައި ވަނީ 2.2 ކިލޯ މީޓަރުގެ ދިގު ރަންވޭ އަކާ އެކުގަ އެވެ. އެއީ މިހާރު އުދުހޭ އެންމެ ބޮޑެތި މަތިންދާބޯޓުތައް ކަމަށްވާ، އެއާބަސް އޭ 320 އަދި ބޮއިންގް 737 މަރުކާގެ މަތިންދާބޯޓު ޖެއްސޭ ވަރުގެ ރަންވޭ އެކެވެ.

އެއާޕޯޓުގައި ހުންނަވައި މީޑިއާތަކާ ވާހަކަފުޅު ދައްކަވަމުން އެމްޑީއޭގެ ޑެޕިއުޓީ ލީޑަރު އަދި ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަލީ މައުރޫފު ވިދާޅުވީ މާފަރު އެއާޕޯޓާއެކު ނ.އަތޮޅުގެ އިގްތިސާދީ މައި ދޮރާށި ހުޅުވިގެން ދާނެ ކަމަށެވެ.

އެ އެއާޕޯޓަކީ މާފަރުގެ އިތުރުން މުޅި އަތޮޅާއި ސަރަހައްދުގެ ރައްޔިތުންނަށްވެސް އެތަައް ފައިދާތަކެއް ލިބިގެންދާނެ އެއާޕޯޓެއްކަން މައުރޫފު ފާހަގަކުރެއްވި އެވެ.

comment ކޮމެންޓް