ކުޅުދުއްފުށީ އެއާޕޯޓުގެ މަސައްކަތް ލަސްވީ އިދިކޮޅުން ދެކޮޅު ހެދުމުން: ރައީސް

ތ. ކަނޑޫދޫގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކުރުން: ރައީސް ޔާމީން ވަނީ ކަނޑޫދޫއަށް ވަޑައިގެން ރައްޔިތުންނާ ބައްދުލުކުރައްވާފައި - ފޮޓޯ/ ރައީސް ޔާމީން

ހދ. ކުޅުދުއްފުށީ އެއާޕޯޓުގެ މަސައްކަތް ލަސްވީ އެ މަޝްރޫއަށް އިދިކޮޅުން ދެކޮޅު ހެދުމުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ވިދާޅުވެއްޖެ އެވެ.

ތ. ބުރުނީ ނަރުދަމާގެ ނިޒާމު އިފްތިތާހު ކުރުމަށް މިއަދު އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެއާޕޯޓު އަޅަން ޗަސްބިން ހިއްކަމުންދިޔަ އިރު އެންމެ ބޮޑަށް އެކަމާ އިހުތިޖާޖު ކުރީ އިދިކޮޅު މީހުން ކަމަށެވެ.

މި ސަރުކާރުގެ ކުރީކޮޅު ކުޅުދުއްފުށީގައި އެއާޕޯޓު އެޅުމަކީ ބޭނުންކަމެއް ކަމަށް އިއުލާނު ކުރުމުން އެކަމާ އެންމެ ބޮޑަށް ދެކޮޅު ހެދީ ވެސް އިދިކޮޅުންކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ މަޝްރޫއު ފެށުން ލަސްވީ އެ ސަބަބާ ހުރެ ކަމަށެވެ.

"އެއާޕޯޓަކީ އެ ރަށަށް ބޭނުންވާ ކަމެއްކަން ރަށުގެ ރައްޔިތުންނަށް ގަބޫލުކުރެވި ކައުންސިލުގެ ފަރާތުންނާއި ރައްޔިތުންގެ ފަރާތުން މަޝްރޫއަށް އާނ ބަސް ބުނީމާ އަޅުގަނޑުމެން މަޝްރޫއު ފެށީ،" ރައީސް ވިދާޅުވި އެވެ.

ލާމަރުކަޒީ ނިޒާމުގެ ބާރުކަނޑުވާލާފައިވާ ކަމަށް އިދިކޮޅުން ބުނަމުންދާ ވާހަކައަށް ރައްދުދެއްވައި ރައީސް ވިދާޅުވީ ކައުންސިލުތައް ބާރުވެރިވާން ޖެހޭނީ ރައްޔިތުންނަށް ފައިދާ ހުރި މަޝްރޫއުތަކަށް ހުރަސްއަޅާ އެޅުމުން ނޫން ކަމަށެވެ.

"ކޮންމެ ކުލައެއްގެ ކޮންމެ ފިކުރެއްގެ ކައުންސިލެއް އޮތް ނަމަވެސް ރައްޔިތުންގެ ތަރައްގީއަށް އެ ރަށްރަށުގައި ކުރެވެން ހުރި މަސައްކަތްތަކަށް ހުރަސްއަޅާ އެއްޗެއް ނޫން،"

ފެރީ ނިޒާމުން ކުޅުދުއްފުށީގެ ދަތުރުފަތުރުގެ ކަންތައް ހަމަޖެހޭނެ ކަމަށް އިދިކޮޅުން ކުރިން ބުނި ކަމަށާއި ނަމަވެސް ޗަސްބިން ހިއްކައިގެން އެ ރަށުގެ އެއާޕޯޓު އެޅޭނެކަން ޔަގީންވެ މަސައްކަތްފެށުމުން އެރަށުގައި އެއާޕޯޓު އަޅާނެ ކަމަށް އިދިކޮޅުން ވެސް ބުނަމުންދާ ކަމަށް ރައީސް ވިދާޅުވި އެވެ.

"ކުޅުދުއްފުށީގެ އެއާޕޯޓުގެ މަސައްކަތް މިހާރު ގޮސްފައިވާ ހިސާބުން އެއްވެސް ބަޔަކަށް ކިހިނެއްތޯ އެކަން ހުއްޓާލެވޭނީ. އެއީ، ހިނގާނެ ކަންކަން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މިހާރު އިދިކޮޅުގައި ތިބި މީހުންނަށް ވެސް ވެރިކަން ކުރަން ފަސް އަހަރު ލިބުނު ކަމަށެވެ. އެ ފަސް އަހަރާ މި ހިނގަމުންދާ ފަސްއަހަރާ އެއްކޮށް ރައްޔިތުންގެ ތަރައްގީ އަށް ބޭނުންވާ މަޝްރޫއުތަކަށް ބޭނުންވާ ބަޖެޓަށް ވޯޓު ދިނުމަށް ނުވަތަ އެ ބޭފުޅުން ބޭނުންވާ ގޮތަކަށް ސަރުކާރުން ގެންނަ ތަރައްގީގެ މިސްރާބު ބަދަލުކުރަން ވެސް ފުރުސަތު ލިބުނު ކަމަށެވެ. ނަމަވެސް އެ މުއްދަތުގެ ތެރޭގައި ތަރައްގީގެ މަޝްރޫއަކަށް އިދިކޮޅުން ދިން ވޯޓެއް ނޯންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ދެހާސް ތޭރަ އައުމުގެ ކުރިން ބުރުނީގައި ތަރައްގީގެ އެއްވެސް މަޝްރޫއެއް ހިނގާފައި ނެތް ކަމަށް ވިދާޅުވެ ރައީސް ވަނީ އެ ރަށުގައި ފުޓްސަލް ދަނޑެއް އަޅާދެއްވާނެ ކަމަށާއި އެ ރަށުގެ ގޮނޑުދޮށް ހިމާޔަތްކޮށްދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.

comment ކޮމެންޓް