ޓްރަމްޕްގެ މިޒާޖު އިރު އިރުކޮޅާ ބަދަލުވޭ، ވާހަކައެއް ނުދައްކާނަން: އިރާނު

އީރާނުގެ ޚާރިޖީ ވަޒީރު މުހައްމަދު ޖަވާދު ޒަރީފް --

ތެހެރާން (އޮގަސްޓް 14) : އެމެރިކާއިން އީރާނަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅައި ބިރުދައްކަމުން ގެންދާ ހިނދަނކު އެމެރިކާއާ ވާހަކަ ނުދައްކާނެ ކަމަށާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަކީ އިރުކޮޅަކުން މިޒާޖު ބަދަލުވާ، ސީރިޔަސްކަމެއް ނެތް ބޭފުޅެއްކަމުން އޭނާއާ ވާހަކަ ނުދައްކާނެ ކަމަށް އީރާނުން ބުނެފިއެވެ.

އަލްޖަޒީރާއަށް ދެއްވި ބަސްދީގަތުމެއްގައި އީރާނުގެ ޚާރިޖީ ވަޒީރު މުހައްމަދު ޖަވާދު ޒަރީފް ވިދާޅުވީ ދަތިކުރުމުގެ ފިޔަވަޅުތައް ބާއްވައި ބިރު ދައްކައިގެން އީރާނުގެ ލީޑަރުންނާ ވާހަކަދައްކަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހެޅުއްވި ހުށަހެޅުމަކީ ދެކޮޅުނުޖެހޭ ހުށަހެޅުމެއް ކަމަށާ ޓްރަމްޕަކީ އިރުކޮޅަކުން މިޒާޖު ބަދަލުވާ ކުޅޭކުޅޭ ޒާތުގެ ސީރިޔަސްކަމެއް ނެތް ބޭފުޅެއް ކަމުގައެވެ. ޓްރަމްޕާއި އޭނާގެ ރިޔާސީ ޓީމަށް އީރާން އިތުބާރު ނުކުރާކަމަށާ އެމެރިކާ ބޭނުންވާ ގޮތަކަށް އީރާނުގެ ސިޔާސަތުވެސް ބަދަލުނުކުރާނެ ކަމަށް ޒަރީފް ވިދާޅުވިއެވެ.

އީރާނުގެ ބެލިސްޓިކް މިސައިލް ޕްރޮގްރާމް ހުއްޓާލުން ނިއުކްލިއާ ޕްރޮގްރާމްގައި ހިމެނުމަށް ޓްރަމްޕް ހުށަހެޅުއްވި ހުށަހެޅުމާ ބެހޭގޮތުން ޒަރީފް ވިދާޅުވީ އެމެރިކާއާއި އިސްރާއީލަށް މިސައިލާއި އެ ނޫންވެސް ހަތިޔާރު ތަރައްގީކޮށް ހަތިޔާރު އުފެއްދޭއިރު އީރާނަށް ހަތިޔާރު ނުއުފެއްދެން ޖެހޭ ގާނޫނީ އެއްވެސް ސަބަބެއް ނެތްކަމުގައެވެ. އީރާނަކީ އެމެރިކާއާއި އިސްރާއީލު ގޮތަށް އެހެން ގައުމުތަކަށް އިސްވެ ހަމަލާދީ އުދުވާން ހިންގާ ގައުމެއް ނޫންކަން ދުނިޔެވެސް ގަބޫލުކުރާ ކަމަށް ޒަރީފް ވިދާޅުވިއެވެ.

އެމެރިކާއިން އީރާނާ ދެކޮޅަށް ކިތަންމެ ވަރަކަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅި ނަމަވެސް އީރާނުން ބެލިސްޓިކް މިސައިލް ޕްރޮގްރާމްވެސް ހުއްޓާނުލާނެ ކަމަށާ އަދި މެދުއިރުމަތީގައި ގެންގުޅޭ ސިޔާސަތު ބަދަލުނުކުރާނެ ކަމަށްވެސް ޒަރީފް ވިދާޅުވިއެވެ. މީގެ އިތުރުން އެމެރިކާގެ ބިރު ދެއްކުންތަކުން އެމެރިކާއަށް އެއްވެސް އެއްޗެއް ޙާސިލުނުވާނެ ކަމަށާއި އެމެރިކާ ބޭނުންވާގޮތަށް ނިއުކްލިޔަރ އެއްބަސްވުމެއްގައިވެސް ސޮއި ނުކުރާނެކަމަށް ވިދާޅުވިއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އީރާނުގެ ނިއުކްލިއާ އެއްބަސްވުމުން ވަކިވެ ނިއުކްލިއާ އައު އެއްބަސްވުމެއްގައި ސޮއިކުރުމަށްޓަކައި އެމެރިކާއާ މަޝްވަރާކުރުމަށް އީރާނަށް ގޮވާލާފައެވެ.

ނިއުކްލިއާ އައު އެއްބަސްވުން ބިނާވާންޖެހޭނީ އީރާނުގެ ބެލިސްޓިކް މިސައިލް ޕްރޮގްރާމް ހުއްޓާލައި މެދުއިރުމަތީގައި އީރާން ގެންގުޅޭ ސިޔާސަތަށް ބަދަލުގެނަސް އީރާނުގެ ބާރާއި ނުފޫޒު ކުޑަކުރުމުގެ މައްޗަށް ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.

ޒަރީފް ވިދާޅުވީ އެމެރިކާ މިއަދު ދަނީ ދުނިޔޭގައި އެކަހެރިވަމުން ކަމަށާ އެމެރިކާގެ ބަރާއި ނުފޫޒުވެސް ކުޑަވަމުންދާ ކަމުގައެވެ.

ޗައިނާ، ރަޝިއާ އަދި ތުރުކީގެ އިތުރުން ޔޫރަޕަށްވެސް އެމެރިކާއިން ބިރުދައްކަމުން ގެންދާއިރު މި ގައުމުތައް ގުޅިގެން އެމެރިކާގެ ޑޮލަރުގެ ބާރު ކަނޑުވާލުމަށް މަސައްކަތްތަކެއް ކުރަމުން ގެންދާކަމަށް ރިޕޯޓުތައް ބުނެއެވެ.

އެމެރިކާއިން ޑޮލަރުގެ ބިރު ދައްކައި ގައުމުތަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅަމުންދާއިރު ދޭދޭ ގައުމުތަކުގެ ވިޔަފާރީގެ މުއާމަލާތްތައް ޑޮލަރަށް ބަރޯސާވެގެން ދުނިޔޭގެ ގައުމުތައް ދެން ނުތިބޭނެކަމަށް މުހައްލިލުން ވިދާޅުވެއެވެ. ދޭދޭ ގައުމުތަކުގެ ވިޔަފާރީގެ މުއާމަލާތްތަކުގައި ކުޑަވަމުންދާވަރަކަށް އެމެރިކާ ގެ ބާރާއި ނުފޫޒު ކެނޑޭނެ ކަމަށް އެފަރާތްތަކުން ބުނެއެވެ.

(އަލްޖަޒީރާ)

comment ކޮމެންޓް