އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) އުޅުއްވަނީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް ވުރެ އެތައް ތަނެއްފަހަތުގައި ކަމަށް އެންވަޔަރުމެންޓު މިނިސްޓަރު ތޯރިގު އިބްރާހީމް ވިދާޅުވެއްޖެއެވެ.
ތ. ވޭމަންޑޫގައި ސަރުކާރުން ކުރިއަށްގެންދިޔަ ތަރައްގީގެ މަޝްރޫއު ތަކުގެ ނިމުން ފާހަގަ ކުރުމަށް އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ތޯރިގު ވިދާޅުވީ ރަށް ރަށަށް ރައިސް ޔާމީން ގެނެސް ދެއްވާފައިހުރި ތަރައްގީ އިބޫ އަށް އެނގިވަޑައިނުގަންނަވާ ކަމަށާއި އިބޫ އުޅުއްވަނީ ރައީސް ޔާމީން އަށް ވުރެ އެތައްތަނެއް ފަހަތުގައި ކަމަށެވެ.
"އެތައް ރަށަކަށް އިބޫ ގޮސް އެބަބުނޭ ނަރުދަމާ އަޅައިދޭނަމޭ. ހަގީގަތް ބަލާއިރު އެ ރަށެއްގައި ރައީސް ޔާމީން އޮތީ ނަރުދަމާ އަޅާފައި. ރައީސް ގެނެސްދެއްވި ތަރައްގީއެއް އިބޫ އަކަށް ނޭނގެ. އިބޫ އުޅެނީ އެތައްތަނެއް ފަހަތުގައި،" ތޯރިގު ވިދާޅުވިއެވެ.
ތޯރިގު ވިދާޅުވީ ދިވެހީންގެ ހަރުމުދާ ވިއްކާލަން އެމްޑީޕީއަށް ފުރުސަތު ދީގެން ނުވާނެ ކަމަށާއި އިބޫ އަށް ތަރައްގީ ގެނެސްނުދެވޭނެ ކަމަށެވެ.
ރާއްޖޭގެ ތިމާވެއްޓާއި ސިއްހަތާއި ތައުލީމަށް ރައީސް ޔާމީން ކޮށްދެއްވި އަގުހުރި މަސައްކަތްތައް އިބޫ އަށް ދުވަހަކުވެސް ކޮށް ނުދެވޭނެކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
"ރައީސް ޔާމީން ރާއްޖޭގެ ތައުލީމަށާއި ތިމާވެއްޓާއި ސިއްހީ ދާއިރާއަށް ކޮށްދެއްވި މަސައްކަތްތަކަކީ އިބޫ އަށް ދުވަހަކުވެސް ކޮށްދެވޭނެ ކަމެއް ނޫން. ރައީސް ޔާމީން ތަރައްގީ ގެނެސްދެއްވިޔަސް ކޮންމެ ކޮންމެ މީހަކަށް އެކަމެއް ނުވާނެ،" އޭނާ ވިދާޅުވިއެވެ.
ދިވެހީންގެ ތަރައްގީގެ ބާނީ އަކީ ރައީސް ޔާމީން ކަމަށާއި، ތަރައްގީ ބޭނުންވާނަމަ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް ޔާމީނަށް ވޯޓު ދޭންޖެހޭކަމަށް ތޯރިގު ވިދާޅުވިއެވެ.