ކުރީގެ ދެ މިނިސްޓަރުން ކަމަށްވާ ޝަރީފާއި ޠާރިޤް ސަފީރުކަމަށް އައްޔަންކޮށް، ފަތްކޮޅު އަރުވައިފި

ސަފީރުކަމުގެ ފަތްކޮޅު އެރުއްވުމަށްފަހު ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ކުރީގެ ދެ މިނިސްޓަރުން ކަމަށްވާ އާދަމް ޝަރީފް ޢުމަރާއި ޠާރިޤް އިބްރާހީމާ ބައްދަލުކުރައްވަނީ --- ފޮޓޯ: ރައީސް އޮފީސް

ކުރީގެ ދެ މިނިސްޓަރުން ކަމަށްވާ އާދަމް ޝަރީފް ޢުމަރަށާއި ޠާރިޤް އިބްރާހީމަށް ސަފީރުކަމުގެ ފަތްކޮޅު މިއަދު އަރުވައިފިއެވެ.

މި ސަރުކާރުގެ ފުރަތަމަ އެންވަޔަރަމަންޓް މިނިސްޓަރު ޠާރިޤާއި ކުރީގެ ލޯކަލް ގަވަނަންސް މިނިސްޓަރު ޝަރީފް ސަފީރުކަމަށް އައްޔަންކުރަން، ޕީއެންސީގެ ސާފު އަޣުލަބިއްޔަތު އޮންނަ 20ވަނަ މަޖިލީހުން ރުހުންދިނީ މިމަހުގެ 15ވަނަ ދުވަހެވެ.

އޭގެ 10 ދުވަސްފަހުން މިއަދު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ، ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ޠާރިޤަށާއި ޝަރީފަށް ސަފީރުކަމުގެ ފަތްކޮޅު އަރުއްވައިފައެވެ. ޠާރިޤް އެކުވެރި ޢަރަބި އިމާރާތް (ޔޫއޭއީ)ގެ ސަފީރުކަމަށް އައްޔަންކުރެއްވިއިރު، ޝަރީފް އައްޔަންކުރައްވައިފައިވަނީ ޤަޠަރަށެވެ.

މިދިޔަ އޭޕްރިލް މަހުގެ 10 ވަނަ ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވައިގެން ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވި 10 މިނިސްޓަރުންގެ ތެރޭ އެ ދެ ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ. ޝަރީފާއި ޠާރިޤް އިސްތިއުފާދެއްވުމުން، އެ ބޭފުޅުން ފުރަތަމަ އައްޔަންކުރެއްވީ ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖްގެ މަގާމަށެވެ.

ރައީސް އޮފީހުން މީގެ ކުރިން ހާމަކޮށްފައިވާ ގޮތުގައި، މިނިސްޓަރުން ކުއްލި ގޮތަކަށް އިސްތިއުފާދެއްވީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގެވުމަށް ރައީސް ގެންނަވަން ބޭނުންފުޅުވާ ހެޔޮ ބަދަލުތަކަށް ފުރުސަތު ދެއްވުމަށް ކަމަށެވެ.

އޭރު އިސްތިއުފާދެއްވި ބޭފުޅުންގެ ތެރެއިން، ކުރީގެ ހެލްތު މިނިސްޓަރު ޢަބްދުالله ނާޒިމް އިބްރާހީމް މިނިސްޓަރު ފެންވަރުގައި ވަނީ ރައީސް އޮފީހުގެ މަގާމަކަށް އައްޔަންކުރައްވައިފައެވެ. އަދި ރައީސް އޮފީހުގެ ދިވެހިބަހާއި ސަގާފަތާ ބެހޭ މުޝީރު ކަމަށް މި މަހުގެ އަށް ވަނަ ދުވަހު ކުރީގެ މިނިސްޓަރު އާދަމް ނަސީރު އިބްރާހިމް އައްޔަންކުރެއްވި ނަމަވެސް، އޭގެ ޖެހިގެން އައި ދުވަހު އޭނާ ވަނީ އިސްތިއުފާ ދެއްވައިފައެވެ.

މި ސަރުކާރުގެ ކުރީގެ ލޯކަލް ގަވަނަންސް މިނިސްޓަރު އާދަމް ޝަރީފް ޢުމަރު ޤަޠަރުގެ ސަފީރުކަމަށް އަދި ކުރީގެ އެންވަޔަރަމަންޓް މިނިސްޓަރު ޠާރިޤް އިބްރާހީމް އެކުވެރި ޢަރަބި އިމާރާތުގެ ސަފީރުކަމަށް ވަނީ އައްޔަންކުރައްވައިފައެވެ. މި ދެ ބޭފުޅުންނަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފައިވަނީ މި މަހުގެ 15 ވަނަ ދުވަހުއެވެ. މިއީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގެވުމަށް ރައީސް ގެންނެވި ބަދަލުތަކުގެ ތެރެއިން، މިދިޔަ އޭޕްރިލް މަހު އިސްތިއުފާދެއްވި މިނިސްޓަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ދެ ބޭފުޅުންނެވެ. އޭގެ ފަހުން އެ ބޭފުޅުން ތިއްބެވީ ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖްގެ މަގާމުގައެވެ.

  • ޠާރިޤް އިބްރާހީމް އައްޔަންކުރެއްވީ އެކުވެރި ޢަރަބި އިމާރާތުގެ ސަފީރުކަމަށެވެ.
  • އާދަމް ޝަރީފް ޢުމަރު އައްޔަންކުރެއްވީ ޤަޠަރުގެ ސަފީރުކަމަށެވެ.
  • މަޖިލީހުން ރުހުންދިންތާ 10 ދުވަސް ފަހުން ރައީސުލްޖުމްހޫރިއްޔާ ވަނީ ފަތްކޮޅު އަރުވައިފައެވެ.
  • މި ދެ ބޭފުޅުންނަކީ ރައީސްގެ އެންގެވުމަކަށް ކުރިން ކުއްލި ގޮތަކަށް އިސްތިއުފާދެއްވި ދެ މިނިސްޓަރުންނެވެ.
  • ކުރިން އިސްތިއުފާދެއްވި އެހެން ބައެއް ބޭފުޅުންނަށްވެސް ސަރުކާރުގެ އިސް މަގާމުތައް ވަނީ ދެއްވައިފައެވެ.
comment ކޮމެންޓް