ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން އިންތިޒާމްކޮށްގެން ބާއްވާ ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ފައިނަލަށް ލ. ގަން އަދި މާފަންނު ދަތުރުކޮށްފި އެވެ.
ރޭ ކުޅުނު އެ މުބާރާތުގެ ސެމީފައިނަލްގައި ގަން ނުކުތީ ތިމަރަފުށްޓާ ދެކޮޅަށެވެ. އެ މެޗުގެ ފުރިހަމަ ވަގުތު ނިމުނު އިރު ދެ ޓީމު އޮތީ 2-2 ގެ ނަތީޖާއަކުން އެއްވަރުވެފަ އެވެ. އެއްވަރުވެގެން ފުރިހަމަ ވަގުތު ނިމުމާ އެކު ޕެނަލްޓީ ޖެހި އިރު، ޕެނަލްޓީގައި ގަން ކުރި ހޯދީ 5-3ގެ ނަތީޖާއަކުންނެވެ. އެ މެޗުގެ މޭން އޮފް ދަ މެޗް ކަމަށް ހޮވުނީ ގަމު ޓީމުގެ އަހްމަދު ރަޝީދު އެވެ.
މުބާރާތުގައި މާލެއިން ވާދަ ކުރާ ހަމައެކަނި ޓީމު ކަމަށްވާ މާފަންނު ފައިނަލަށް ދަތުރުކުރީ ސެމީގައި އޭދަފުށީގެ މައްޗަށް ކުރި ހޯދައިގެންނެވެ. އެ މެޗުގައި ވެސް ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ. މެޗުގެ ފުރިހަމަ ވަގުތު ނިމުނު އިރު ދެ ޓީމު އޮތީ 3-3ގެ ނަތީޖާއިން އެއްވަރުވެފަ އެވެ. ޕެނަލްޓީ ޖަހައިގެން މާފަންނު މޮޅުވީ 6-5 ގެ ނަތީޖާއަކުންނެވެ. މެޗުގެ މޭން އޮފް ދަ މެޗު ކަމަށް ހޮވުނީ މާފަންނު ޓީމުގެ މުހައްމަދު އިހުރާން އެވެ.
ފައިނަލަށް ދަތުރި ކުރި ދެ ޓީމުގެ ތެރެއިން ގަން ސެމީއަށް ދަތުރު ކުރީ ކުއާޓާ ފައިނަލްގައި އަލިފުށީގެ މައްޗަށް 2-0 ގެ ނަތީޖާއަކުން ކުރި ހޯދައިގެންނެވެ. މާފަންނު ސެމީއަށް ދަތުރު ކުރީ ކުއާޓާގައި ކ. މާފުއްޓާ ވާދަކޮށް 1-0 ގެ ނަތީޖާއިން ކުރިހޯދައިގެންނެވެ.
ގޯލްޑްން ފުޓްސަލް ޗެލެންޖުގެ ފައިނަލް މެޗު އޮންނާނީ މި މަހުގެ 15 ވަނަ ދުވަހުގެ ރޭ 8:30 ގަ އެވެ.
ރާއްޖޭގެ ހުރިހާ ރަށަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަމަށްވާ ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މި އަހަރު 55 ޓީމު ވާދަކޮށްފައިވެ އެވެ. އަތޮޅު ބުރުގެ ޗެމްޕިއަންކަން ހޯދާ ޓީމުތަކަށް ޒޯން ބުރުން ޖާގައެއް ލިބޭ އިރު، ފައިނަލް ބުރުގައި ވާދަކުރާނީ ޒޯން ޗެމްޕިއަނުންނާއި ރަނަރަޕު ޓީމުތަކެވެ.
މިދިޔަ އަހަރުގެ މުބާރާތުގެ ފައިނަލުގައި ފޭދޫ ބަލިކޮށް، ޗެމްޕިއަންކަން ހޯދީ ހެންވޭރުންނެވެ. އެ މެޗުން ހެންވޭރު މޮޅުވީ 3-0ގެ ނަތީޖާއަކުންނެވެ.
ކުރީ އަހަރެކޭ އެއްގޮތަށް މި އަހަރު ވެސް ޗެމްޕިއަން ޓީމަށް ހުށަހަޅާފައި ވަނީ 65،000 ރުފިޔާ އެވެ. އަދި ރަނަރަޕް ޓީމަށް ހުށަހަޅާފައި ވަނީ 25،000 ރުފިޔާގެ ފައިސާގެ އިނާމެކެވެ.