ރާއްޖެ ތަމްސީލުކުރުމަށް ސައިނާ ޗައިނާގައި!

"ސިލްކް ރޯޑް އެންޑް ޔަންގް ޑްރީމް"ގައި ރާއްޖެ ތަމްސީލް ކޮށްދޭ ސައިނާ ....

މޯލްޑިވިއަން އައިޑޮލް ސީޒަން ތިނެއްގެ ރަނަރަފް އައިމިނަތު ސައިނާ މުހައްމަދު ރަޝީދުގެ އަޑު އައިޑޮލް އަށްފަހު ފަނޑުވެގެން ދިޔުމުން އޭނާގެ ފޭނުންތިބީ މާޔޫސްވެފައެވެ. ސައިނާގެ އަޑު އަހާލަން ބޭނުން ވެފައެވެ. މިހެންތިއްބާ ސައިނާގެ ފުރަތަމަ ޝޯވ ޝަލަބީ އާއެކު މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ވަނީ ބަރިސްޓާގައި ދީފައެވެ. އެއަށްފަހު ސައިނާ އަނެއްކާވެސް ދަނީ އޭނާގެ އަޑު އިއްވާލަދޭން ތައްޔާރުވަމުންނެވެ.

މިހާރު ސައިނާ ހުރީ ޗައިނާގައެވެ. ޗައިނާގައި މިހާރު ކުރިޔަށްދާ "ސިލްކް ރޯޑް އެންޑް ޔަންގް ޑްރީމް" ޕްރޮގްރާމްގައި ރާއްޖެ ތަމްސީލުކޮށްދޭށެވެ. އެއީ އެ ޕްރޮގްރާމް އިންތިޒާމުކުރި ފަރާތްތަކުން ސައިނާއަށް ދިން ދައުވަތެކެވެ.

"އެ މީހުން އިންވިޓޭޝަން ފޮނުވީ. ވަރަށް އުފާވެފައި މިހުރީ މިކަހަލަ ބޮޑު އިވެންޓަކުން ޗާންސްއެއް ލިބުނީމަ،" ސައިނާ "ސަން"އާ ވާހަކަ ދައްކަމުން ބުންޏެވެ.

ސައިނާއާ ބޭރުގެ މީޑިއާއަކުން އިންޓަވިއުކުރަނީ...

މި މަހުގެ 11 އިން ފެށިގެން 14 ވަނަ ދުވަހުގެ ނިޔަލަށް ޗައިނާގައި ކުރިޔަށް ގެންދާ އެ މީހުންގެ ކަލްޗަރަލް ޕްރޮގްރާމްގައި ޖުމްލަ 27 ގައުމަކުން ބައިވެރިވެއެވެ. ސައިނާ ވަނީ އެ މީހުންގެ އެވޯޑިން ސެރެމަނީގައި ލަވަ ހުށަހަޅައިދޭ ފަސް ލަވަކިޔުންތެރިންގެ ތެރޭގައިވެސް ހިމެނިފައެވެ. ސައިނާގެ ހުނަރަށް އެ ޕްރޮގްރާމް އިންތިޒާމުކުރި ފަރާތްތަކުގެ ތައުރީފެވެ.

"އިއްޔެ ރިހާސަލް ވެސް ނިމިއްޖެ. އަޅުގަނޑުގެ ޕާފޯމަންސް އެންމެންނަށް ވަރަށް ކަމުދިޔަ. ވަރަށް އުފާވޭ މިކަހަލަ އިވެންޓެއްގަ ރާއްޖެ ތަމްސީލު ކޮށްލަން އަޅުގަނޑަށް ލިބުނީމަ،" އައިޑޮލްގެ ލަވަތަކުން ގިނަ ބައެއް އޭނާގެ އަޑުގެ ޖާދޫގައި ޖައްސާފައިވާ ސައިނާ ބުންޏެވެ.

ސައިނާގެ ހުނަރަށް ތައުރީފްކޮށް، ބޭރުގެ ބައެއް މީޑިއާއިންވެސް ވަނީ އޭނާއާ އިންޓަވިއުކޮށްފައެވެ.

comment ކޮމެންޓް