މެލޭޝިއާ އިން ރާއްޖެއަށް ދިން 250 ސްކޮލާޝިޕަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

ޑރ. އަބްދުﷲ ނަޒީރު--ފޮޓޯ// ސަން

މެލޭޝިއާ ސަރުކާރުން ރާއްޖެ އަށް ދިން 250 ޖާގައިގެ ސްކޮލާޝިޕަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އެ ސްކޮލާޝިޕަކީ މެލޭޝިއާގެ ހަޔާ އެޑުކޭޝަންގެ ދަށުން ހިންގަމުން އަންނަ އެޑިއުކޭޝަން ގްލޯބަަލް ސާވިސަސް އިން ރާއްޖެ އަށް ހުޅުވާލާފައިވާ 500 ސްކޮލާޝިޕެވެ.

މިދިޔަ ފެބްރުއަރީ މަހު އެ 500 ޖާގައިގެ ސްކޮލާޝިޕްގެ 250 ޖާގަ ވަނީ ހުޅުވާލައިފަ އެވެ. އަދި އެ 250 ސްކޮލާޝިޕަށް ހޮވުނު ބައެއް ކުދިން މިހާރު ކިޔަވަން ފައްޓާފައިވާ ކަމަށް ވެސް ޑިޕާޓްމެންޓް އޮފް ހަޔާ އެޑުއުކޭޝަން (ޑީއެޗްއީ) ހިންގުމާ ހަވާލުވެ ހުންނެވި ޑރ. އަބްދުﷲ ނަޒީރު ވިދާޅުވި އެވެ.

ޑރ. ނަޒީރު ވިދާޅުވި ގޮތުގައި މިހާރު ހުޅުވާލާފައިވާ ސްކޮލާޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު އިއްޔެ އިން ފެށިގެން ވާނީ ހުޅުވާލައިފަ އެވެ. އެގޮތުން އޮންލައިންކޮށް ވެސް ސްކޮލާޝިޕްތަކަށް ކުރިމަތިލެވޭނެ ކަމަށް ވެސް ޑރ. ނަޒީރު ވިދާޅުވި އެވެ.

ގޭގައި ނުވަތަ ފޯނުގައި އިންޓަނެޓް ނެތް ނަމަ، ވެލާނާ ބިލްޑިންގެ ދެވަނަ ފްލޯގެ ސްޓޫޑަންޓް ލައުންޖުން ވެސް ސްކޮލާޝިޕްތަކަށް އެޕްލައި ކުރެވޭނެ ކަމަށް ވެސް ޑރ. ނަޒީރު ވިދާޅުވި އެވެ.

އޮންލައިންކޮށް އެޕްލައި ކުރާ އިރު މައްސަލައެއް ދިމާވެއްޖެ ނަމަ އެކަމެއް މެސެޖް އަކުން ކުއްޖާގެއަށް އަންގާނެ ކަމަށް ވެސް ޑރ. ނަޒީރު ވިދާޅުވި އެވެ.

ޑރ. ނަޒީރު ވިދާޅުވި ގޮތުގައި މިފަހަރު ހުޅުވާލާފައިވާ 250 ސްކޮލާޝިޕްގައި، ޑިޕްލޮމާއަށް ކިޔެވުމަށް 10 ޖާގަ ހުޅުވާލާފައިވާ އިރު، ޑިގްރީ އަށް 190 ޖާގަ އަދި މާސްޓާ ޑިގްރީއަށް 50 ޖާގަވަނީ ހުޅުވާލައިފަ އެވެ. އަދި ޑިޕްލޮމާ 10 ޖާގައަކީ ހަމައެކަނި އެއާކްރާފްޓް އިންޖިނިއަރިންގްއަށް އިން 10 ޖާގަކަމަށް ވެސް ނަޒީރު ވިދާޅުވި އެވެ.

އެ ސްކޮލަޝިޕްތަކަކީ ވީހާ ވެސް ގިނަ ކުދިން އެޕްލައި ކުރުމަށް ޑރ. އަބްދުﷲ ނަޒީރު އެދިވަޑައިގަތެވެ.

comment ކޮމެންޓް