އަތޮޅު ތެރޭގައި ހިންގަމުން ދިޔަ ޕީޕީއެމްގެ ދެ ޖަގަހައަކަށް ރޭ ދަންވަރުގެ ވަގުތެއްގައި ކަޅުތެޔޮ ޖަހައި ގެއްލުން ދީފިއެވެ.
ގެއްލުން ދީފައިވަނީ ލ. ފޮނަދޫ ޖަގަހައަކާއި އދ. މާމިގިލީ ޖަގަހައަކަށެވެ.
ފޮނަދޫ ކައުންސިލްގެ ނައިބު ރައީސް މޫސާ އަބްދުﷲ "ސަން" އަށް ވިދާޅުވީ ރޭ ދަންވަރު އެ ރަށު ޕީޕީއެމްގެ ޖަގަހައަށް ކަޅުތެޔޮޖަހައި ގެއްލުންދީފައިވާ ކަމަށެވެ.
"ރޭ ދަންވަރު ބަޔަކު ވަނީ ޕީޕީއެމްގެ ޖަގަހަ އަށް ކަޅުތެޔޮޖަހައި ގެެއްލުން ދީފައި. މިކަން ވަރަށް ބޮޑަށް ކުށްވެރިކުރަން،" އޭނާ ވިދާޅުވިއެވެ.
މާމިގިލީގައި ޕީޕީއެމްއިން ހަރަކާތްތެރިވާ އިސް ފަރާތަކުން "ސަން" އަށް ބުނީ ރޭގެ ފަތިހުގެ ވަގުތެއްގައި އެ ރަށުގެ ޕީޕީއެމް ޖަގަހައަށް ބަޔަކު ގެއްލުންދީ، ކަޅުތެޔޮ ޖެހި ކަމަށެވެ. އެކަން ކުރިކަމުގެ ތުހުމަތު އޭނާ ކުރެއްވީ ކުރެއިދިކޮޅު ސިޔާސީ ފަރާތްތަކަށް ތާއީދުކުރާ ބަޔަކަށެވެ.
އޭގެ އިތުން ރަށުގައި ދަމާފައިހުރި ޕީޕީއެމްގެ ބައެއް ދިދަފަތިތަށް ވެސް ކަނޑާލާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
ސެޕްޓެމްބަރު 23 ގައި ބާއްވާ ރިޔާސީ އިންތިޚާބަށް ކުރިމަތިލުމުގެ މުއްދަތު އިއްޔެ ހަވީރުގެ ނިޔަލަށް ހަމަވެފައިވާ އިރު، އިލެކްޝަންސް ކޮމިޝަނުން ކެންޑިޑަސީ ބަލައިގަތީ ދެ ކެންޑިޑޭޓެއްގެއެވެ. އެއީ އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ފަރާތުން އިންތިހާބަށް ކުރިމަތިލެއްވި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ)އާއި ޕީޕީއެމްގެ ފަރާތުން ދެވަނަ ދައުރަކަށް ކުރިމަތިލައްވާ އެ ޕާޓީގެ މުސްތަޝާރު އަދި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމެވެ.
އިންތިހާބަށް އަމިއްލަ ގޮތުން ކުރިމަތިލެއްވި ހުސައިން ނަސީރުގެ ކެންޑިޑަސީ ފޯމުގައި މައްސަލަތަކެއް އުޅޭތީ އިލެކްޝަންސް ކޮމިޝަނުން ވަނީ އެ ފޯމު ބަލައިނުގަތުމަށް ނިންމާފައެވެ. ނަސީރުގެ ފަރާތުން އިއްޔެ ހާމަކުރި ގޮތުގައި، އެ މައްސަލައިގައި އޭނާ ސުޕްރީމް ކޯޓަށް މާދަމާ ދާނެއެވެ.
މީގެ އިތުރުން އިންތިހާބަށް އަމިއްލަ ގޮތުން ކުރިމަތިލައްވާނެކަން މީގެ ކުރިން އިއުލާނުކުރެއްވި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި ލޯކަލް ގަވަމަންޓް އޮތޯރިޓީގެ ކުރީގެ ނައިބު ރައީސް ޝުޖާއު ހުސައިން ވަނީ ރިޔާސީ ރޭހުގައި ވާދަނުކުރައްވަން ނިންމެވިކަން އިއްޔެ ހާމަކުރައްވާފައެވެ.