ޝަހީމް ފުވައްމުލަކަށް، ވިދާޅުވަނީ އުފާވެރި ޚަބަރު ތަކެއް ދެއްވާނެ ކަމަށް

ޑރ. މުހައްމަދު ޝަހީމްް އަލީ ސައީދު ކެންޕެއިން ދަތުރުފުޅެއްގައި ފުވައްމުލަކަށް ފުރާ ވަޑައިގަތުމުގެ ކުރިން ނޫސްވެރިންނާ ބައްދަލު ކުރައްވަނީ --- ސަން ފޮޓޯ/ މުހައްމަދު އަވްޝަން

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ގެ ރަނިން މޭޓް ޑރ. މުހަންމަދު ޝަހީމް އަލީ ސައީދު ކެންޕެއިން ދަތުރުފުޅެއްގައި ފުވައްމުލަކަށް ފުރާ ވަޑައިގެންފިއެވެ.

ފުވައްމުލަކަށް ފުރާ ވަޑައިގަތުމުގެ ކުރިން ނޫސްވެރިންނާ ބައްދަލުކުރައްވައި ޝަހީމް ވިދާޅުވީ އެ ދަތުރުފުޅުގައި ފުވައްމުލަކުގެ ރައްޔިތުނަށް އުފާވެރި ޚަބަރުތަކެއް ދެއްވާނެ ކަމަށެވެ. ނަމަވެސް އެއީ ކޮން ޚަބަރުތަކެއްކަމެއް ޝަހީމް ވިދާޅެއްނުވެއެވެ.

"އަޅުގަނޑު މިދަނީ ފުވައްމުލަކު ރައްޔިތުންނަށް އުފާވެރި ޚަބަރުތަކެއް ހިފައިގެން. އެ ޚަބަރުތައް އަޅުގަނޑު ދޭނީ ފުވައްމުލަކު ރައްޔިތުންނާ ބައްދަލުކުރައްވާފައި،" ޝަހީމް ވިދާޅުވިއެވެ.

އެއްވެސް މީހަކީ އޭނާގެ ނުވަތަ ޕީޕީއެމްގެ އިދިކޮޅު ފަރާތެއްނޫން ކަމަށާއި އޭނާގެ އެއްވެސް އިދިކޮޅު ފަރާތެއް ނުހުންނާނެ ކަމަށްވެސް ޝަހީމް ވިދާޅުވިއެވެ.

އެ ދަތުރުފުޅުގައި ފުވައްމުލަކު ރައްޔިތުންގެ ހާލު ވަރަށް ގާތުން ބައްލަވާނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޝަހީމް ފުވައްމުލަކަށް ފުރާ ވަޑައިގެންނެވި އިރު އިދިކޮޅު ކޯލިޝަންގެ ރަނިން މޭޓް ފައިސަލް ނަސީމް ހުންނެވީ ކެންޕެއިން ދަތުރުފުޅެއްގައި ޅ. ހިންނަވަރުގައެވެ.

މީގެ ކުރިން ޝަހީމް ވަނީ ކެންޕެއިން ދަތުރުފުޅެއްގައި ގއ. އަތޮޅުގެ ހުރިހާ ރަށްތަކަށް ވެސް ވަޑައިގެންފައެވެ. އަދި އެއަށްފަހު އޭނާ ވަނީ މޭލޭޝިއާ އަށް ވަޑައިގެން އެގައުމުގައި އުޅޭ ދިވެހި ކިޔަވާ ކުދިންނާވެސް ބައްދަލު ކުރައްވާފައެވެ.

comment ކޮމެންޓް