މާބަނޑު އަންހެނަކާއި އެއް އަހަރުގެ ދަރިފުޅުގެ މަރާއެކު ޣައްޒާއަށް ހިތްދަތިކަން

އީނާސް އާއި އޭނާގެ ދަރިފުޅުގެ ޖަނާޒާގައި ފަލަސްތީނުގެ އެތައް ސަތޭކަ މީހުން ބައިވެރިވި -- ފޮޓޯ: އަލް ޖަޒީރާ

ޣައްޒާ (އޮގަސްޓު 10): އިސްރާއީލުން މިދިޔަ ބުދަ ދުވަހު ޣައްޒާއަށް ދިން ހަމަލާތަކުގައި ޝަހީދުވި 23 އަހަރުގެ އީނާސް އަބޫ ޚަމަޝްއާއި އޭނާގެ އެއް އަހަރުވީ ދަރިފުޅުގެ ޖަނާޒާގައި ފަލަސްތީނުގެ އެތައް ސަތޭކަ މީހުން ބައިވެރިވެއްޖެއެވެ.

އިސްރާއިލުން ބުދަ ދުވަހުގެ ރޭ ހަމަލާތައް އަމާޒުކުރި ސަރަހައްދުތަކުގެ ތެރޭގައި ގާޒާގެ ދައިރު އަލް ބަލާހު ހިމެނެއެވެ. އެއީ މިދިޔަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން އީނާސްއާއި އޭނާގެ ފިރިމީހާ މުހައްމަދާއި، އެ ދެ މީހުންގެ އަންހެން ދަރިފުޅު ބަޔާން ދިރިއުޅެމުން އައި ސަރަހައްދެވެ.

އެ އާއިލާގެ އަވަށްޓެރިން ބުނި ގޮތުގައި އިސްރާއީލުން އެ ހަމަލާތައް ދިނީ ދަންވަރު 2:00 ޖަހަން އުޅެނިކޮށެވެ. އަދި އެ ރޭ، ދެ ފަހަރެއްގެ މަތިން ވަރުގަދަ ގޮވުމެއްގެ އަޑު އިވިގެން ދިޔައެވެ.

މަންޒަރު ދުށް ފަރާތްތަކުން ބުނި ގޮތުގައި ހަމަލާއަށް ފަހު މުހައްމަދުގެ އާއިލާ ދިރިއުޅެމުން ދިޔަ ގެއިން ފެނިގެން ދިޔައީ އެންމެންނަށްވެސް ސިހުން ލިބުނު މަންޒަރެކެވެ.

އީނާސް އާއި މުހައްމަދުގެ ގެޔަށް ދިން ހަމަލާގައި އެގެޔަށް ލިބިފައިވާ ގެއްލުން -- ފޮޓޯ: އަލްޖަޒީރާ

"މުޅި ތަނުގައި ލޭ. އަހަރެމެން ތިބީ ޝޮކެއް ޖެހިފައި. އަހަރެމެންނަށް އީނާސްއާއި ބަޔާންގެ ހަށިގަނޑުގެ ބައިތައް ފެނުނު އަދި ވަގުތުން އެމްބިއުލާންސަށް ގުޅާ އެމީހުންގެ ހަށިގަނޑުގެ ބައިތައް ހޮވަން ފެށިން،" ޝަހީދުވި އާއިލާގެ އަވަށްޓެރިއެއް ކަމަށްވާ ޚާލިދު އަބޫ ސަންޖަރު ބުންޏެވެ.

ސަންޖަރު ބުނި ގޮތުގައި އެމްބިއުލާންސް އެ ގެއަށް ދިޔަ އިރުވެސް މުހައްމަދު ހަމަޔަކަށް ނޭޅެއެވެ. އަދި އޭނާގެ ހަޅޭއްލެވުން ހުއްޓުމަކަށް ނާންނަކަމަށް ސަންޖަރު ބުންޏެވެ.

ޣައްޒާގެ ހެލްތު މިނިސްޓްރީގެ ތަރުޖަމާނު އަޝްރަފް އަލް ގިދުރާ ވިދާޅުވި ގޮތުގައި މުހައްމަދު ބޮލަށާއި ހަށިގަނޑަށް ވަނީ ސީރިއަސް އަނިޔާތަކެއް ލިބިފައިއެވެ.

"މުހައްމަދު ބުނި ގޮތުގައި ހަމަލާގެ ބާރުގަދަ ކަމުން އޭނާ ވިއްސައިގެން ގޮސް ސީލިންގަ ޖެހިފައި ބިންމައްޗަށް ވެއްޓުނީ،" މުހައްމަދުގެ އާއިލާގެ މެމްބަރެއް ކަމަށްވާ ކަމާލް ބުންޏެވެ.

އުމުރުން 30 އަހަރުގެ މުހައްމަށް އަދިވެސް ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

ބަނޑަށް ގާތްގަނޑަކަށް ނުވަ މަސްވެފައިވާ އޭނާގެ އަންހެނުންނާއި ދޮޅު އަހަރުގެ ދަރިފުޅަށް ވީގޮތެއް މުހައްމަދަށް އަދި ނޭނގޭ ކަމަށްވެއެވެ.

މުހައްމަދުގެ 23 އަހަރުގެ ކޮއްކޮ ކާމިލްވެސް ޝަހީދުވެފައި ވަނީ އިސްރާއީލް ސިފައިން ދިން ހަމަލާތަކުގައެވެ. އެއީ މިދިޔަ މާޗް މަހު ފަލަސްތީނުގެ ރައްޔިތުން ގްރޭޓް މާޗް އޮފް ރިޓާންގެ ނަމުގައި ފެށި މުޒާހަރާތަކުގެ ތެރެއަށް އިސްރާއީލް ސިފައިން ދިން ހަމަލާތަކުގެ ތެރެއިންނެވެ.

އިސްރާއީލުން ދިން ހަމަލާގައި ޝަހީދުވި 18 މަހު ބަޔާންގެ ކުޅޭ ތަކެތި -- ފޮޓޯ: އަލްޖަޒީރާ

މުހައްމަދުގެ އާއިލާއިން ވަނީ އެ ހަމަލާގެ ސަބަބުން އޭނާގެ ފުރާނައަށްވެސް ނުރައްކާވެއްޖެ ނަމަ، އެއީ އެ އާއިލާއަށް ތަހައްމަލު ކުރަން ވަރަށް ދަތިވާނެ ކަމެއް ކަމަށް ބުނެފައެވެ.

"އަހަރެމެންނަށް އަދިވެސް ކާމިލްގެ މަރުން އަރައިނުގަނެވޭ،" މުހައްމަދުގެ ދައްތަ ފާއިޒާ ބުންޏެވެ.

ފާއިޒާ ބުނި ގޮތުގައި ބުދަ ދުވަހުގެ ރޭ، އެ ހަމަލާތައް ދިނުމުގެ ކުރިން މުޅި އާއިލާއިން ރޭގަނޑުގެ ކެއުމަށް އިށީނީ އެކުގައެވެ.

"އަޅުގަނޑުމެން އެންމެން ތިބީ ކޮއްކޮގެ ގޭގައި. އަދި އަހަރުމެން އެގެއިން ދިޔަ އިރު ހުރިހާ ކަމެއްވެސް ރަނގަޅު. އަހަރުމެންނަށް އެ ގެއަށް ދެވުނީ އަލްވަދާއު ކިޔުމުގެ ގޮތުން ކަންނޭނގެ،" ފާއިޒާ ބުންޏެވެ.

ބުދަ ދުވަހު ޣައްޒާއަށް ދިން ހަމަލާތަކަށް ފަހު އިސްރާއީލް އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައިވާ ގޮތުން އެ ހަމަލާތައް ދިނީ، ހަމާސްއިން 150 ވަރަކަށް ރޮކެޓް ހަމަލާ އެ ގައުމަށް ދިނުމުގެ ސަބަބުންނެވެ. އަދި އެ ހަމަލާތަކުގައި އިސްރާއިލުގެ ހަ މީހަކު ޒަހަމްވި ކަމަށްވެސް އެ ގައުމުން ބުންޏެވެ.

ނަމަވެސް މާބަނޑު އަންހެނަކާއި މައުސޫމު ކުއްޖަކަށް އަމާޒުކޮށް އިސްރާއީލުން އެ ފަދަ ހަމަލާތަކެއް ދޭންވީ ސަބަބެއް އީނާސްގެ އާއިލާއަކަށް ނުވިސްނެއެވެ.

"އަހަންނަކަށް އެކަމެއް ނުވިސްނޭ. އަހަރެންގެ ދައްތައަށާއި ދައްތަގެ ދަރިފުޅަށް ހަމަލާދިން ސިފައިންގެ މީހާއަށް، އަހަންނަށް ކުރެވޭ އިހުސާސުތައް އެންމެ ސިކުންތަކަށްވެސް އިހުސާސުކުރެވޭނެ ނަމައޭ ހިތަށް އަރާ. އަހަރެން ދިރިއުޅެން ޖެހިފައިވާ ވޭނާއި ކެކުޅުން އޭނާއަށްވެސް އިހުސާސުކުރެވޭނެ ނަމަ،" 19 އަހަރުގެ އީމާން ބުންޏެވެ.

ފަލަސްތީނުގެ ރައްޔިތުން، އެމީހުންގެ ކާބަފައިންގެ ވަޒަނަށް އެނބުރި ދިޔުމުގެ ހައްގު ދިނުމަށް ގޮވާލައި، ޣައްޒާގެ ބޯޑަރު ކައިރީ ފެށި މުޒާހަރާތަކުގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 157އަށް ވުރެ އިތުރުވެފައި އެވެ.

comment ކޮމެންޓް