"ދަ ސްކައި އިޒް ޕިންކް"ގެ ޝޫޓިން ފަށައިފި

ވަރުގަދަ ކާސްޓަކާ އެކު، ރޯއީ ކަޕޫރު ފިލްމްސްގެ ފުރަތަމަ ޕްރޮޖެކްޓު، "ދަ ސްކައި އިޒް ޕިންކް"ގެ ޝޫޓިން އިއްޔެ ފަށައިފި އެވެ.

ވާހަކަދެއްކުންތެރިޔާ އައިޝާ ޗޯދުރީގެ ހަޔާތުގެ މައްޗަށް އުފައްދާ އެ ފިލްމުގެ ލީޑު ކާސްޓުގެ ތެރޭގައި ހިމެނެނީ ކުޅަދާނަ އެކްޓަރު ފަރްހާން އަޚްތަރު، ޕްރިޔަންކާ ޗޯޕްރާ އަދި ޒާއިރާ ވަސީމް އެވެ.

މިއީ މެދުކެނޑުމަކަށް ފަހު ޕްރިޔަންކާ ފެނިގެންދާނެ ފުރަތަމަ ހިންދީ ފިލްމެވެ. ޕްރިޔަންކާ "ދަ ސްކައި އިޒް ޕިންކް"ގެ މަސައްކަތް ފަށާފައި މިވަނީ ސަލްމާން ޚާންގެ ފިލްމު "ބާރަތު" ދޫކޮށްލުމަށް ފަހު އެވެ.

ފިލްމުގެ މަސައްކަތް ފެށިކަން ހާމަކޮށް ޕްރިޔަންކާ ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ ބައެއް މީހުންގެ ވާހަކަތަކަކީ ކޮންމެހެން ވެސް ކިޔައިދޭން ޖެހޭ ވާހަކަތަކެއް ކަމަށާއި އައިޝާ އާއި އޭނާގެ ހިތްވަރުގަދަ މައިންބަފައިންގެ ވާހަކަ ފިލްމެއްގެ ސިފާގައި ގެނެސްދެވޭތީ އުފަލުން ހުރި ކަމަށެވެ.

އައިޝާ ޗޯދުރީ އަކީ އުމުރުން އެންމެ 13 އަހަރުގައި ޕަލްމޮނަރީ ފައިބްރޯސިސްގެ ޝިކާރައަކަށްވެ، މޯޓިވޭޝަނަލް ސްޕީކާއަކަށް ވި މީހެކެވެ.

ފިލްމުގައި އައިޝާގެ ރޯލުން ފެނިގެންދާނީ ޒާއިރާ އެވެ. ޕްރިޔަންކާ އަދި ފަރްހާން ފެނިގެންދާނީ ޒާއިރާގެ މައިންބަފައިންގެ ރޯލުންނެވެ.

ޝޯނާލީ ބޯސްގެ ވާހަކައެއްގެ މައްޗަށް އުފައްދާ އެ ފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ކުރީކޮޅު އެވެ.

comment ކޮމެންޓް