ކޮލަމާފުށީގެ ނަރުދަމާއާއި ފެނުގެ ނިޒާމު އިފްތިތާހުކޮށްފި

ގއ. ކޮލަމާފުށީ ނަރުދަމާ ނިޒާމާއި ފެނުގެ ނިޒާމު ރަސްމީކޮށް އިފްތިތާހުކޮށްދެއްވައިފިއެވެ.

ކޮލަމާފުށީގައި ގާއިމްކޮށްފައިވާ ފެނާއި ނަރުދަމާގެ ނިޒާމު ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމެވެ.

ކޮލަމާފުށީ ފެނާއި ނަރުދަމާގެ ނިޒާމު ގާއިމްކުރުމުގެ މަސައްކަތް ކޮށްފައިވަނީ މާލޭ ވޯޓާ އެންޑް ސްވަރޭޖު ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިންނެވެ. މި ދެ މަޝްރޫއަށް އޮފިޑް ފަންޑުން ވަނީ ލޯނު އެހީ ދީފައެވެ.

ކޮލަމާފުށީ ފެނުގެ ވިއުގަ ގާއިމް ކުރުމަށް 24 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ. މި މަޝްރޫޢުގެ ދަށުން 8.2 ކިލޯމީޓަރު ދިގުމިނުގެ ފެން ވިއުގައެއް އެރަށުގައި ވަނީ ގާއިމްކޮށްފައެވެ. އަދި 86 ޓަނުގެ ދެ ޑީސެލިނޭޝަން ޕްލާންޓު ބަހައްޓައި މިޕްލާންޓްތަކުން އުފައްދާފެން ރައްކާކުރުމަށް 794 ޓަނުގެ ތާނގީއަކާއި 521 ޓަނުގެ ތާނގީއެއް ވަނީ ބަހައްޓައިފައެވެ. މި އެރަށުގެ 324 ގޭބިސީތަކާއި އެހެނިހެން ޢިމާރާތްތަކަށް ފެނުގެ ޚިދުމަތް ލިބިގެން ދާނެއެވެ.

ކޮލަމާފުށީ ނަރުދަމާގެ ނިޒާމު ގާއިމްކުރުމަށް 31 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ. މި މަޝްރޫޢުގެ ދަށުން 7.8 ކިލޯމީޓަރުގެ ނަރުދަމާ ވިއުގައެއް އެރަށުގައި ވަނީ ޤާއިމް ކޮށްފައެވެ. އެރަށުގައި 250 ޓަނުގެ ސުވޭޖް ޓްރީޓްމަންޓް ޕްލާންޓެއް ބަހައްޓާފައިވައިރު މި ޕްލާންޓު، މުސްތަގުބަލުގައި 500 ޓަނަށް ބަދަލު ކުރާނެ ކަމަށް އެންވަޔަރަމެންޓު މިނިސްޓްރީ އިން ބުނެއެވެ. މި މަޝްރޫޢުގެދަށުން ކޮލަމާފުށީގެ 324 ގޭބިސީއާއި އެހެނިހެން ޢިމާރާތްތަކުގައި ނަރުދަމާގެ ޚިދުމަތް ލިބިގެންދާނެއެވެ.

comment ކޮމެންޓް