މިއަދަށް ތާވަލު ކުރި ނަދީމްގެ މައްސަލަ ކެންސަލް ކޮށްފި

ޔުމްނާ މައުމޫން އާއި އޭނާގެ ފިރިކަލުން މުހައްމަދު ނަދީމް--

އެކެއް ފެބްރުއަރީގެ އަމުރާ ގުޅިގެން ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުނު ކަމުގެ ދައުވާ އުފުލާފައިވާ ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމްގެ މައްސަލައިގައި މިއަދަށް ތާވަލު ކުރި އަޑުއެހުން ކެންސަލް ކޮށްފި އެވެ.

ނަދީމްގެ މައްސަލައިގެ އަޑުއެހުން މިއަދު ކްރިމިނަލް ކޯޓުގައި ތާވަލު ކުރީ 13:30 އަށެވެ. އެ އަޑުއެހުން ކެންސަލް ކޮށްފައިވާ އިރު ކެންސަލް ކުރި ސަބަބު ކްރިމިނަލް ކޯޓުގެ އޮފިޝަލުން ކަށަވަރުކޮށް ނުދިނެވެ.

ނަދީމަށް ދައުލަތުން އިއްވާފައިވާ ދައުވާގައި ބުނެފައި ވަނީ ގާނޫނު އަސާސީ އިން ދައުލަތް ހިންގުމުގެ ވަކިވަކި ބާރުތައް ލިބިދީ އުފައްދާފައިވާ މުއައްސަސާތަކުގެ ހިންގުމުގެ ނިޒާމުތަކަށް ބުރޫއަރައި ގައުމީ ސަލާމަތާއި ރައްޔިތުންގެ ރައްކާތެރިކަމާ ގުޅިފައިވާ އެތައް މަސްހަލަތުތަކެއް ގެއްލޭ ގޮތަށް ސުޕްރީމް ކޯޓުން އެކެއް ފެބުރުއަރީގައި އަމުރެއް ނެރެއްވައިފައި ވާތީ ނަދީމަށް ދައުވާ ކުރާ ކަމަށެވެ.

އަދި ސަރުކާރު ވައްޓާލަން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންތަކެއް ކުރަމުން ދިޔަ މަސައްކަތުގައި ނަދީމް ބައިވެރިވެފައިވާ ކަމަށާއި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން އެކަމުގައި އެންގެވި އެންގުތަކާ އެއްގޮތަށް ނަދީމް އަމަލުކުރައްވާފައިވާ ކަމަށް ވެސް ދައުވާގައިވެ އެވެ.

މީގެ ކުރިން މި މައްސަލާގައި ބޭއްވ އިބްތިދާއީ އަޑުއެހުމެއްގައި ނަދީމް ވަނީ އޭނާގެ ދައުވާއަށް އިންކާރުކޮށްފަ އެވެ.

ނަދީމްގެ ޓެރަރިޒަމް މައްސަލައިގެ ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

comment ކޮމެންޓް