ސާފް ޗެމްޕިއަންޝިޕަށް ނުކުންނަ ރާއްޖޭގެ ގައުމީ ސްކޮޑު އިއުލާން ކުރުމާއެކު އެެތައް ބަޔަކަށް ސިހުން ގެނުވީ ރަނގަޅު ފޯމެއްގައި ހުރި އަލީ އަޝްފާގު (ދަގަނޑޭ) ޓީމުގައި ނެތުމުންނެވެ.
އަޝްފާގަކީ ރާއްޖޭގެ ތާރީހު ދުށް އެންމެ މޮޅު ކުޅުންތެރިޔާއެވެ. ދެކުނު އޭޝިއާގެ ފުޓުބޯޅަ ތާރީހުގެވެސް އެންމެ މުހިއްމު އެއް ކުޅުންތެރިޔާއެވެ.
ގައުމީ ޓީމުން އޭޝިއަން ކަޕް ކޮލިފިކޭޝަންގައި އެންމެފަހުން ބޫޓާނާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން، މެޗު ޕްރެސްއަށް ނުދިއުމުން ދަގަނޑޭ ޓީމުން ބޭރުކޮށްފައިވާ އިރު، އޭގެ ފަހުން ގައުމީ ޓީމުގެ ކޯޗާއި ދަގަނޑޭއާ ދެމެދު ބަހުގެ ހަމަލާތަކެއް ގޮސްފައިވެއެވެ.
ދަގަނޑޭ ޓީމަށް ނުނެގި އެއް ސަބަބެއްގެ ގޮތުގައި ކޯޗު ފާހަގަކޮށްފައި ވަނީ އޭނާގެ އުމުރެވެ. އަދި އޭގެ އިތުރުންވެސް ކުރިން ބުނިގޮތަށް ޑިސިޕްލިންނާއި ޓީމަށް 100 ޕަސެންޓް ދޭ ކުޅުންތެރިން ޓީމަށް ނެގި ކަމަށް ވިސްނިކަމަށްވެސް ކޯޗު ބުނެފައިވެއެވެ.
އިންޑިއާގައި 2015 ވަނަ އަހަރު އޮތް ސާފް ޗެމްޕިއަންޝިޕަށްފަހު ދަގަނޑޭ ބުނެފައި ވަނީ އެ މުބާރާތުން ރިޓަޔާ ކުރި ކަމަށެވެ. އެހެން ނަމަވެސް މިވަގުތު ރަނގަޅު ފޯމެއްގައި ހުރި ދަގަނޑޭ ބުނީ، ކޯޗު ސެގަޓް އޭނާއަށް ޓީމުން ޖާގަ ދިން ނަމަ، މިފަހަރުގެ މުބާރާތަށް ދާން ތައްޔާރަށް ހުރި ކަމަށެވެ. އެހެން ނަމަވެސް އޭޭނާ ބުނީ ސްކޮޑު ނެގުމުގައި ކޯޗުގެ ވިސްނުމަށް އިހުތިރާމް ކުރާ ކަމަށާއި، އެދުމަކީ ސާފް ޗެމްޕިއަންޝިޕްގެ ތަށި އަނބުރާ ރާއްޖެ ގެނެސްދިނުމަށް ކަމަށެވެ.
އެންމެފަހުން ރާއްޖެއިން 2008 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕްގެ ތަށި އުފުލާލި އިރު، ދަގަނޑޭއަކީ އެންމެ މުހިއްމު އެއް ކުޅުންތެރިޔާއެވެ. ދަގަނޑޭގެ ލެއާ ދާ އޮހޮރުވައިގެން ދިވެހި ޓީމުން، ދިވެހި ރާއްޖެ ފަހުރުވެރިކޮށްދިން ހަނދާން އެތައް ބަޔަކު އެބަހުއްޓެވެ. މިއަދުވެސް ދަގަނޑޭ ޓީމަށް ދިން ނަސޭހަތަކީ ކުޅުންތެރިންނަށް މުހިއްމު ނަސޭހަތެކެވެ.
ދަގަނޑޭ އޭނާގެ މީސް މީޑިއާގައި ކޮށްފައިވާ ޕޯސްޓްގައި ހިމަނާފައި ވަނީ މަޝްހޫރު އަންހެން ފުޓުބޯޅަ ކުޅުންތެރިޔާ އެލެކްސް މޯގަންގެ ބަސްކޮޅެކެވެ. އެލެކްސް މޯގަން އަކީ އެމެރިކާ ގައުމީ ޓީމާއެކު އޮލިމްޕިކް ރަން މެޑަލް ހޯދުމުގެ އިތުރުން ވޯލްޑް ކަޕްވެސް ކާމިޔާބުކޮށްފައި ކުޅުންތެރިއެކެވެ. ފީފާއިން ހޮވާ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑުގެ ގަދަ ތިނަކަށްވެސް ޝޯޓްލިސްޓް ކުރެވުނު އެލެކްސް މޯގަން އަކީ 2016 ވަނަ އަހަރުގެ ފީފާ ފިފް ޕްރޯގައި ހިމެނުނު ކުޅުންތެރިއެކެވެ.
ދަގަނޑޭގެ ޕޯސްޓްގައި ހިމަނާފައިވާ ބަސްކޮޅުގައި ބުނެފައި ވަނީ އަބަދުވެސް ބުރަކޮށް މަސައްކަތް ކުރުމަށެވެ. މެޗުގެ ފަހު ކަށި ގަނޑު ނުފުމޭހާ ހިނދަކު މެޗު ނިންމާ ނުލުމަށްވެސް އެ ބަސްކޮޅުގައި ވެއެވެ.
ދަގަނޑޭ ޓީމަށް ނަގަން ޖެހޭ ކަމަށް އެތަކެއް ދިވެހި ރައްޔިތުންނެއް ބުނަމުންދެއެވެ. އެކަމަށްޓަކައި އަޑު އުފުލުމުގެ ހަރަކާތެއްވެސް ކުރިއަށް ގެންގޮސްފައިވެއެވެ.