ހިޔާ އެކޮމްޕްލިޝްޑް މަޝްރޫގެ ދަށުން ފޯމު ދޫކުރަން ފަށައިފި

ހައުސިން މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ތިންލައްކަ މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ނިންމައި އިއުލާނުކޮށްފައިވާ "ހިޔާ އެކޮމްޕްލިޝްޑް" މަޝްރޫއުގެ ދަށުން ގޯއްޗަށް އަދި ފްލެޓަށް އެދޭ ފޯމު ދޫކުރަން ފަށައިފިއެވެ.

ހައުސިން މިނިސްޓްރީން ބުނީ މިއަދުން ފެށިގެން އަންނަ އަހަރުގެ ޖެނުއަރީ 31ގެ ނިޔަލަށް ފޯމު ދޫކުރާނެ ކަމަށެވެ. ފޯމު ބަލައިގަންނާނީ މި މަހުގެ 15 އިން ފެށިގެން އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށެވެ.

ފޯމު ދޫކުރާނީ ހައުސިން މިނިސްޓްރީގެ ހިޔާ އެކްސްޕޯ އިން އަދި ޕޯސްޓު ލިމިޓެޑުގެ ހެޑް އޮފީހާއި ވެލާނާގޭގައި ހުންނަ ޕޯސްޓް ޝޮޕުން ލިބޭނެއެވެ. މީގެ އިތުރުން ހައުސިންގެ ވެބްސައިޓުން ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ.

ހިޔާ އެކޮމްޕްލިޝްޑް މަޝްރޫއުގެ ދަށުން ވިލިމާލެ - 2 ތަރައްގީ ކުރަން ނިންމައި އެކަން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު އިއުލާނު ކުރެއްވީ މި އަހަރުގެ މިނިވަންދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައެވެ.

ހިޔާ އެކޮމްޕްލިޝްޑް މަޝްރޫއާ ގުޅޭގޮތުން ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މި މަޝްރޫއުގެ ދަށުން ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް 1000 ހެކްޓަރުގެ ބިން ހިއްކާނެ ކަމަށެވެ. އެގޮތުން ގުޅީފަޅުން 230 ހެކްޓަރު އަދި އެނބޫދޫ ފަޅާ އިންވެގެން އޮންނަ ފުށިދިއްގަރު ފަޅުން 800 ހެކްޓަރުގެ ބިން ހިއްކާނެ ކަމަށް މިނިސްޓަރު މުއިއްޒު ވިދާޅުވިއެވެ.

"އެއްހާސް އަކަފޫޓުގެ ފްލެޓެއް ބޭނުންވެ ލައްވާ ފަރާތްތަކަށް ވިލިމާލެ 2 އިން ފްލެޓު ލިބިލައްވާނެ. އެއްހާސް އަކަފޫޓުގެ ގޯތި ބޭނުންވަންޏާ ފުށި ދިއްގަރު ފަޅުން ގޯތި ލިބިގެންދާނެ،" މިނިސްޓަރު މުއިއްޒު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ފުށިދިއްގަރު ފަޅު ހިއްކާނީ ހަތަރު ފޭސްއަކަށް ބަހާލައިގެން ބިމަށް އެދި ކުރިމަތިލާ މީހުންގެ އަދަދަށް ބަލައިގެން ކަމަށެވެ. އަމިއްލަ ނަމުގައި 1000 އަކަފޫޓުގެ ބިމެއް ނުވަތަ ފްލެޓެއް ނެތް އަށާރަ އަހަރުން މަތީގެ ކޮންމެ މީހަކަށްވެސް މި މަޝްރޫއުގެ ދަށުން ބޯހިޔާވަހިކަމަށް އެދި ކުރިމަތިލެވޭނެއެވެ.

މި މަޝްރޫއާއެކު "2030 އަހަރާ ހަމައަށްދާއިރު 18 އަހަރު ފުރޭނެ ކޮންމެ މީހަކަށް ވެސް ބޯހިޔާވަހިކަން ލިބޭނެ،" ކަމަށް މިނިސްޓަރު މުއިއްޒު ވިދާޅުވިއެވެ. އަންނަ ދައުރުގެ ކުރީކޮޅު މި މަޝްރޫއު ފެށޭނެ ކަމަށްވެސް ހައުސިން މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ ހިޔާ އެކޮމްޕްލިޝްޑް މަޝްރޫއާއެކު ތިލަފުށިން ފެށިގެން ގޮސް ހުޅުމާލެ-2 އާ ހަމައަށް ހަތަރު ބްރިޖަކުން ގުޅާލާނެ ކަމަށެވެ.

މި މަޝްރޫއަށް ކުރިމަތިލާ މީހުންނަކަށް، ހުޅުމާލެއިން ދޫކުރަން މިހާރު ފުރުސަތު ހުޅުވާލާފައިވާ 7،000 ފްލެޓަށް ކުރިމަތި ނުލެވޭނެ ކަމަށާއި މި މަޝްރޫއަށް ކުރިމަތިލާނަމަ 7000 ފްލެޓް މަޝްރޫއަށް ކުރިމަތިލައި ހުށަހެޅި ފޯމު ނަގަން ޖެހޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭގައި އަޅާ ފްލެޓުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހަމަވާނީ މިމަހުގެ ނިޔަލަށެވެ.

comment ކޮމެންޓް