އިމްރާން ދެއްކި ނަމޫނާއަށް ބައްސާމްގެ ތައުރީފް!

ރާއްޖޭގެ ގައުމީ ޓީމު ގަތަރަށް ފުރުމުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ގައުމީ ޓީމުގެ ސްކޮޑް ރާއްޖެއިން ބޭރަށް ދާ ކޮންމެ ފަހަރަކުވެސް ހިތްވަރުދޭން ދާ އެންމެ މުހިއްމު އެކަކީ ގައުމީ ޓީމުގެ ކުރީގެ ލެޖެންޑްރީ ގޯލްކީޕަރު އިމްރާން މުހައްމަދު (އިންމަ)އެވެ.

ރާއްޖޭގެ އެތައް ބައެއްގެ ލޯތްބާއި އިހުތިރާމް ހޯދައިފައި ގޯލްކީޕަރު އިންމަ ގައުމީ ޓީމުން ރިޓަޔާ ކުރީ 2016 ވަނަ އަހަރު އޮކްޓޯބަރު މަހުގައެވެ. އޭނާ ގައުމީ ގޯލް ބެލެހެއްޓުމުގެ ހިދުމަތުގައި 17 އަހަރު ހޭދަކުރިއެވެ. ގައުމީ ޓީމަށް، ގައުމަށް ދިން އެ ލޯބި މިއަދުވެސް އިންމެގެ އަމަލުތަކުން ފެނެއެވެ.

އިންމަ ދައްކަމުންދާ ނަމޫނާގެ މަންޒަރެއް މިއަދުވެސް ފެނުނެވެ. ގައުމީ ޓީމު ސާފް ޗެމްޕިއަންޝިޕުގެ އެންމެ ފަހުގެ ތައްޔާރީތަކަށް ގަތަރަށް ފުރަން ދިޔަ އިރު، ހެނދުނުގެ ވަގުތުގައި އެއް ނަންބަރު ޖެޓީގައި އިންމަ ހުއްޓެވެ. ހުރިހާ ކުޅުންތެރިންނާ ވަކިވަކިން ސަލާންކޮށް ހިތްވަރު ދިނެވެ. ކޯޗު ޕީޓާ ސެގަޓް އަދި އޭނާގެ ޓީމަށްވެސް އިންމެ އެނާގެ ހެޔޮ އެދުންތައް ފޮނުވިއެވެ.

ގައުމީ ޓީމު ގަތަރަށް ފުރުމުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ޓީމު ހުޅުލެއަށް ދިއުމަށް ފެރީއަށް އެރިއިރުވެސް އެންމެ ކުރީގައި ހުރެ ޓީމަށް ވަދާއީ ސަލާން ދިނީ އިންމައެވެ. ކޮންމެ ކުޅުންތެރިއަކަށްވެސް ހިތްވަރު ދިނީ ޓީމަށް ހުރި ލޯބީގެ ބޮޑު ކަމުންނެވެ.

މިއަދުވެސް، އަދި ކުރިންވެސް އިންމަގެ ފަރާތުން ލާމަސީލު މަންޒަރުތައް ފެންނަކަން ގިނަ ސަޕޯޓަރުން ފާހަގަކުރާ އިރު، އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްވެސް އޭނާގެ ޓްވިޓާ އެކައުންޓުގައި އިންމައަށް ވަރަށް ބޮޑަށް ތައުރީފް ކޮށްފައިވެއެވެ.

ބައްސާމް ވިދާޅުވީ ޓީމު ފުރާތަނަށް އިންމަ ދިއުމަކީ ކުޅުންތެރިންނަށް ލިބޭނެ ބޮޑު ހިތްވަރެއް ކަމަށާއި، އިންމަގެ މިސާލަށް ޝުކުރު އަދާކުރާ ކަމަށެވެ.

ބައްސާމްގެ ޓްވީޓަށް އިންމަދިން ރައްދުގައި އޭނާ ބުނެފައި ވަނީ އަބަދުވެސް ދިވެހި ފުޓުބޯޅައަށް ލޯބިކުރާނެ ކަމަށާއި، ދިވެހި ފުޓުބޯޅަ ކުރިއެރުވުމަށް އޮތް ކަމެއް ކުރާނެ ކަމަށެވެ. އަދި މިފަދަ ވަގުތެއްގައި ޓީމަށް ހިތްވަރު ދިނުމުގެ މުހިއްމުކަން އޭނާގެ ތަޖުރިބާއިން އެނގޭ ކަމަށާއި، މިވަގުތަކީ ދިވެހި ޓީމަށްޓަކައި އެންމެން އެކީ އެކައްޗެއް ކިޔަންވި ވަގުތު ކަމަށްވެސް އިންމަ ބުނެފައިވެއެވެ.

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕަށް އިއުލާން ކުރި ގައުމީ ޓީމުގެ ސްކޮޑުގައި ޒުވާން ގިނަ ކުޅުންތެރިންތަކެއް ހިމެނިފައިވާ އިރު، ޓީމުގެ ކުރީގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) ހިމެނިފައެއް ނުވެއެވެ.

ގައުމީ ޓީމުން އޭޝިއަން ކަޕް ކޮލިފިކޭޝަންގައި އެންމެފަހުން ބޫޓާނާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން، މެޗު ޕްރެސްއަށް ނުދިއުމުން ދަގަނޑޭ ޓީމުން ބޭރުކޮށްފައިވާ އިރު، އޭގެ ފަހުން ގައުމީ ޓީމުގެ ކޯޗާއި ދަގަނޑޭއާ ދެމެދު ބަހުގެ ހަމަލާތަކެއް ގޮސްފައިވެއެވެ.

ދަގަނޑޭ ޓީމަށް ނުނެގި އެއް ސަބަބެއްގެ ގޮތުގައި ކޯޗު ފާހަގަކޮށްފައި ވަނީ އޭނާގެ އުމުރެވެ. އަދި އޭގެ އިތުރުންވެސް ކުރިން ބުނިގޮތަށް ޑިސިޕްލިންނާއި ޓީމަށް 100 ޕަސެންޓް ދޭ ކުޅުންތެރިން ޓީމަށް ނެގި ކަމަށް ވިސްނިކަމަށްވެސް ކޯޗު ބުނެފައިވެއެވެ.

ގައުމީ ޓީމު ސެގަޓްގެ ފުރަތަމަ މެޗަށް ސިންގަޕޫރަށް ފުރުމުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒް މޫސާ

އިންޑިއާގައި 2015 ވަނަ އަހަރު އޮތް ސާފް ޗެމްޕިއަންޝިޕަށްފަހު ދަގަނޑޭ ބުނެފައި ވަނީ އެ މުބާރާތުން ރިޓަޔާ ކުރި ކަމަށެވެ. އެހެން ނަމަވެސް މިވަގުތު ރަނގަޅު ފޯމެއްގައި ހުރި ދަގަނޑޭ ބުނީ، ކޯޗު ސެގަޓް އޭނާއަށް ޓީމުން ޖާގަ ދިން ނަމަ، މިފަހަރުގެ މުބާރާތަށް ދާން ތައްޔާރަށް ހުރި ކަމަށެވެ.

ދަގަނޑޭއަށް ދިމާވި ކަންތައްތަކާ ގުޅިގެން މީޑިއާގައި އެކިއެކި އަޑުތައް ފެތުރިފައިވާ އިރު، އިންމަ މިއަދު ވަނީ އެކަމާ ގުޅިގެންވެސް އޭނާގެ މީސް މީޑިއާގައި ހާއްސަ ޕޯސްޓެއް ކޮށްފައެވެ. އިންމަ ބުނެފައި ވަނީ ދަގަނޑޭ ގައުމީ ޓީމަށް ކޮށްދިން ހިދުމަތްތަކަކީ ހުރިހާ ދިވެހިންވެސް ގަބޫލުކުރާނެ ފަހުރުވެރިވާން ޖެހޭ ހިދުމަތްތަކެއް ކަމަށެވެ.

ދަގަނޑޭއަކީ ރާއްޖޭގެ ޒުވާން ޖީލަށް ނަމޫނާއަކަށްވާ އިރު، އެފަދަ އަގުހުރި ކުޅުންތެރިއެއްގެ އަގު ވައްޓާލަން ކުރާ މަސައްކަތް ގަބޫލުނުކުރާނެ ކަމަށްވެސް އިންމަ ބުނެފައިވެއެވެ.

އިންމަ ބުނެފައި ވަނީ އަބަދުވެސް އެދެނީ ދިވެހި ފުޓުބޯޅައަށް އުފާ ފާގަތިކަން ކަމަށާއި، ސާފް ޗެމްޕިއަންޝިޕްގެ ތަށި ގެންނާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.

comment ކޮމެންޓް