އެމްޑަބްލިއުއެސްސީ ރީސައިކަލްސްގެ އެއްވަނަ ސްކޫލަކަށް ހުޅުދެލި ސްކޫލް

އެމްޑަބްލިއުއެސްސީ ރީސައިކަލްސްގެ އެއްވަނަ އަށް ދިޔަ ހުޅެދެލި ސްކޫލަށް އިނަމު ހަވާލުކޮށްދެއްވަނީ --- ފޮޓޯ: އެމްޑަބްލިއުއެސްސީ

"ރިވެތި ރާއްޖެ، މަގޭ ރާއްޖެ" ޝިއާރުގެ ދަށުން ތިމާވެއްޓާ މެދު ރައްޔިތުން ހޭލުންތެރިކުރުވުމަށް އެމްޑަބްލިއުއެސްސީ އިން ކުރިއަށްގެންދާ އެމްޑަބްލިއުއެސްސީ ރީސައިކަލްސް ގެ މިއަހަރުގެ މައުރަޒުގެ އެއްވަނަ ސްކޫލަކަށް ހުޅުދެލި ސްކޫލު ހޮވިއްޖެއެވެ.

މި މައުރަޒުގެ ދެވަނަ އަށް ހޮވިފައިވަނީ ޣާޒީ ސްކޫލެވެ. ތިން ވަނަ ސްކޫލަކަށް ހޮވިފައިވަނީ ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލެވެ.

ދެ ކެޓަގަރީ އަކަށް ބަހާލައިގެން މުޅި ރާއްޖެ އަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ މި މުބާރާތަށް ފައިސާގެ ބޮޑެތި އިނާމުތަކެއް ވަނީ ހުށަހަޅައިފައެވެ.

ކޮންމެ ކެޓެގަރީއަކުން އެއްވަނަ އަށް އަންނަ ފަރާތަކަށް 20،000 ރުފިޔާ، ދެވަނަ އަށް 15،000 ރުފިޔާ އަދި ތިން ވަނަ އަށް 10،000 ރުފިޔާ ހުށަހަޅާފައިވާ މި މުބާރާތުގައި ސްކޫލުތަކުގެ ކެޓެގަރީ އިން އެއްވަނަ އަށް 40،000 ރުފިޔާ، ދެވަނަ އަށް 30،000 ރުފިޔާ އަދި ތިންވަނަ އަށް 20،000 ރުފިޔާ ހުށަހަޅާފައިވެއެވެ.

އެމްޑަބްލިއު ރިސައިކަލްސްް ކުރިއަށް ގެންގޮސްފަައި ވަނީ ކެޓެގަރީ އޭ ( 13 އަހަރުން ދަށް، 17 އަހަރުން ދަށް، 18 އަހަރުން މަތި އަދި ސްކޫލު) އަދި ކެޓެގަރީ ބީ (ނުކުޅެދުންތެރިން ހުންނަ ފަރާތްތައް) އަށް ބަހާލައިގެންނެވެ.

އެމްޑަބްލިއުއެސްސީގެ ޑީއެމްޑީ --- ފޮޓޯ: އެމްޑަބްލިއުއެސްސީ

މައުރަޒުގެ ވަނަތައް ހޮވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޝަހީލް ޖަލީލް ވިދާޅުވީ މައުރަޒަށް ބޮޑުތަރުހީބެއް ލިބުނު ކަމަށެވެ. މިދިޔަ އަހަރަށް ވުރެ މިއަހަރު މައުރަޒުގައި ބައިވެރިވި މީހުންގެ އަދަދު އިތުރުވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

މި މައުރަޒުގެ ސަބަބުން ތިމާވެށި ރައްކާތެރި ކުރުމަށް އިތުރު ދޮރެއް ހުޅުވިގެން ދިޔަކަމަށް އުއްމީދު ކުރާ ކަމަށް އެމްޑަބްލިއުއެސްސީގެ ޑީއެމްޑީ ވިދާޅުވިއެވެ.

މި މައުރަޒުގައި ބައިވެރިކޮށްފައިވަނީ ޕްލާސްޓިކް ފުޅި، ޕައިޕު، ޕީވީސީ، ޔޫޕީވީސީ، ޕްލާސްޓިކް ރެޕާ އަދި ކޮތަޅު، ޝްރިންކް ފިލްމް އަދި ޕޮލިމާ އިން އުފައްދާފައިވާ އުފެއްދުންތަކެވެ.

މި މުބާރާތުގައި ޖަޖުކަން ކޮށްފައިވަނީ ދާއިރާގައި ތަޖުރިބާކާރު ބޭފުޅުންނެވެ. މި މައުރަޒުގެ ފަނޑިޔާރުންނަކީ އަހުމަދު ޝުއައިބު، އިސްމާއިލް އާސިފް އަދި އަބްދުﷲ ނަޝާތެވެ.

މިއަހަރުގެ މަރުރަޒުގައި ބައިވެރިކޮށްފައިވާ އުފެއްފެއްދުންތައް މިދިޔަ އަހަރާ އަޅާބަލާއިރު ކޮލެޓީ ރަނގަޅުކަން ޖަޖުން ވަނީ ފާހަގަ ކޮށްފައެވެ. ޖަޖުން ފާހަގަކުރި ގޮތުގައި މުބާރާތަށް (މައުރަޒަށް) ނުކުޅެދުންތެރިކަން ހުންނަ ކުދިން ހުށަހަޅާފައިވާ ތަކެތި، ކުޅެދޭކުދިން ހުށަހަޅާފައިވާ ތަކެއްޗަށްވުރެ ފުރިހަމައެވެ.

comment ކޮމެންޓް