އަންހެން ޗެމްޕިއަންކަން ނިއު ރޭޑިއަންޓަށް، ފިރިހެން ޗެމްޕިއަންކަން ޔޫތު ސްޕޯޓްސް ކްލަބަށް

އަންހެން ޗެމްޕިއަންކަން ހޯދި ނިއު ރޭޑިއަންޓް ތަށްޓާއެކު ---

ހަތަރުވަނަ ގައުމީ ހޭންޑްބޯލް ޗެމްޕިއަންޝިޕްގެ އަންހެން ޗެމްޕިއަންކަން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު، ފިރިހެން ޗެމްޕިއަންކަން ޔޫތު ސްޕޯޓްސް ކްލަބުން ހޯދައިފިއެވެ.

މުބާރާތުގެ އަންހެން އަދި ފިރިހެން ޑިވިޝަންގެވެސް ފައިނަލް މެޗު ކުޅެފައި ވަނީ ރޭ ގައުމީ ހޭންޑް ބޯލް ގްރައުންޑުގައެވެ.

އަންހެން ޑިވިޝަން ފައިނަލްގައި ނިއުއާ ދެކޮޅަށް ނުކުތީ އޮރިކްޒް ހޭންޑްބޯލް ކްލަބެވެ. ނިއުއިން ފޯރިގަދަ ފައިނަލް މެޗު ކާމިޔާބު ކުރީ 21-22އިންނެވެ. މުބާރާތުގެ އަންހެން ޑިވިޝަން ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށްވެސް ހޮވުނީ ނިއުގެ ފާތިމަތު ރިޝްމާއެވެ. ރިޝްމާއަކީ ބާސްކެޓް ބޯޅައިގަވެސް ފާހަގަ ކޮށްލެވޭ ކުޅުންތެރިއެކެވެ.

ރިޝްމާގެ އިތުރުން ނިއުގެ އައިޝަތު ރީމާއާއި ފާތިމަތު ޝިފާވެސް ވަނީ މުބާރާތުގެ ގަދަ ހަތް ކުޅުންތެރިންގެ ތެރޭގައި ހިމެނިފައެވެ. ދެން އެ ލިސްޓްގައި ހިމެނުނީ އޮރިކްޒްގެ ނަޝްފާ އާމިރާއާއި ޒުލައިޚާ އިބްރާހީމް އަދި އައިމިނަތު އިޝްރާއު އަބްދުލްޝުކޫރުގެ އިތުރުން ޔޫތު ސްޕޯޓްސް ކްލަބުގެ ނާހިދާ އަހުމަދެވެ.

ފިރިހެން ޗެމްޕިއަން ޓީމު ޔޫތު ސްޕޯޓްސް ކްލަބު ---

ފިރިހެން ޑިވިޝަންގެ ފައިނަލްގައި ޔޫތު ސްޕޯޓްސް ކްލަބުން ދިވެހި ސިފައިންގެ ކްލަބު ބަލިކުރީ 29-26 އިންނެވެ.

މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މުބާރާތުގެ މޮޅު ކުޅުންތެރިންގެ ތެރޭގައިވެސް ހިމެނުނު ޔޫތު ސްޕޯޓްސް ކްލަބުގެ އަބްދުﷲ ޒިޔާއެވެ. މުބާރާތުގެ މޮޅު ހަތް ކުޅުންތެރިންގެ ތެރޭގައި ޔޫތު ސްޕޯޓްސް ކްލަބުން ދެން ހިމެނުނީ އަހުމަދު ސައިފް ނައީމްގެ އިތުރުން އަހުމަދު އިނާޝް، މުހައްމަދު ފިރުނާޝް އަބްދުﷲ އަދި ރިފްޝާން ރަޝީދެވެ.

މޮޅު ކުޅުންތެރިންގެ ތެރޭގައި ދެން ހިމެނުނީ ދިވެހި ސިފައިންގެ ކްލަބުގެ އަހުމަދު ނަސީރާއި އަހުމަދު ރިޒުނީއެވެ.

މިފަހަރުގެ ގައުމީ ހޭންޑްބޯލް މުބާރާތުގައި އަންހެން ޑިވިޝަންގެ ފަސް ޓީމާއި ފިރިހެން ޑިވިޝަންގެ ފަސް ޓީމު ވާދަކޮށްފައިވެއެވެ.

comment ކޮމެންޓް