ފީއަލި ބަލިކޮށް ދަރަނބޫދޫން ލޭޑީސް ކަޕްގެ ޗެމްޕިއަންކަން ހޯދައިފި

"ލޭޑީސް ކަޕް 2018" ވޮލީބޯލް މުބާރާތުގެ ޗެމްޕިއަން ފ. ދަރަނބޫދޫ، އެސޯސިއޭޝަން ފޯރ ދަރަނބޫދޫ ޑިވެލޮޕްމަންޓް (އޭޑީޑީ) -- ފޮޓޯ: އެމްޒެޑްސީ

ފ. އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން، އެއަތޮޅު މަގޫދޫ ޒުވާނުންގެ ކްލަބުން އިންތިޒާމްކޮށްގެން ބޭއްވި "ލޭޑީސް ކަޕް 2018" ވޮލީބޯލް މުބާރާތުގެ ފައިނަލްގައި ފީއަލި އެކުވެރި ޒުވާނުންގެ ގުޅުން (އެފްއީޒެޑްޖީ) އާ ވާދަކޮށް، އެސޯސިއޭޝަން ފޯރ ދަރަނބޫދޫ ޑިވެލޮޕްމަންޓް (އޭޑީޑީ)އިން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.

ވޭތުވެ ދިޔަ އަހަރުގެ ޗެމްޕިއަންކަން ފިއަލީގެ މައްޗަށް ދަރަނބޫދޫން ކުރި ހޯދީ، ފީއަލިން ދެ ސެޓް ގެންގޮސްފައި ވަނިކޮށް ފަހަތުން އަރައި 3 ސެޓް 2 ސެޓްގެ ނަތީޖާއަކުންނެވެ.

އިއްޔެ ހަވީރު ކުޅުނު ފައިނަލް މެޗުގައި ދެޓީމުގެ ފަރާތުން ވެސް ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ އިރު، ފުރަތަމަ ސެޓު ފީއަލިން ނެގީ، 25:21 އިންނެވެ. ދެވަނަ ސެޓް ގެންދިޔައީ 25:15އެވެ. ނަމަވެސް ދަރަނބޫދޫން ވަނީ ތިން ވަނަ ސެޓް 14:25ން ކާމިޔާބުކޮށްފައެވެ. އަދި ވާދަވެރި ކުޅުމަކަށް ފަހު ހަތަރު ވަނަ ސެޓް 22:25 ދަރަނބޫދޫން ކާމިޔާބުކުރި އިރު، އެޓީމުން ފަހު ސެޓް ނެގީ 13:15 އިންނެވެ.

ޖުމުލަ ހަތް ޓީމަކުން ވާދަކުރި މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 10000 ރުފިޔާގެ ފައިސާގެ އިނާމެއް ދިންއިރު، މުބާރާތުގެ ރަނަރަޕް ޓީމަށް ވަނީ، 5000 ރުފިޔާގެ ފައިސާގެ އިނާމު ދީފައެވެ.

"ލޭޑީސް ކަޕް 2018" ވޮލީބޯލް މުބާރާތުގެ އެންމެ މޮޅު ހަ ކުޅުންތެރީން -- ފޮޓޯ: އެމްޒެޑްސީ

މިނިވަން ދުވަހާ ގުޅުވައިގެން ކުރިއަށް ގެންދާ މި މުބާރާތަކީ، މީގެ 30 އަހަރުކުރީން ފެށިގެން މަގޫދޫ ޒުވާނުންގެ ކްލަބުން ކުރިއަށް ގެންދާ ކުޅިވަރު ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ ބައެކެވެ.

ރާއްޖެއާއި ރާއްޖޭން ބޭރުގެ ހުނަރުވެރި ކުޅުންތެރީން ޓީމުތަކުން ފެނިގެން ދިޔަ މި މުބާރާތުގެ ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ، ދަރަނބޫދޫ ޓީމަށް ކުޅޭ ޔޫކްރެއިން ކުޅުންތެރިޔާ، ޕޮލީނާއެވެ. މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވުނީ ދަރަނބޫދޫ ޓީމުގެ ކޯޗު ޞަފްވާން އަހްމަދުއެވެ. މުބާރާތުގެ ބެސްޓް ލިބަރޯއަކަށް ހޮވުނީ، ފީއަލީ ޓީމުގެ އަހްލާމް ހަސަންއެވެ. އަދި އެންމެ އުންމީދީ ކުޅުންތެރިއަކަށް ހޮވުނީ، ފައިހާ އަހްމަދެވެ.

މުބާރާތުގެ ގަދަ 6 ކުޅުންތެރީން:

  • ޕޮލީނާ (އޭޑީޑީ)
  • ޗަންދިމާ، ސްރީ ލަންކާ (އެފްއީޒެޑްޖީ)
  • އަނުރިޝާ، ސްރީ ލަންކާ (ބީސީ)
  • އައިޝަތު މާޖިދާ (އޭޑީޑީ)
  • ފާތިމާ ތަހޫރާ (ބީސީ)
  • އާމިނަތު ޒަމީލާ (އެފްއީޒެޑްގީ)

މިއަހަރުގެ މުބާރާތުގައި، ފ. އަތޮޅުގެ އެކި ރަށްރަށުން ޖުމުލަ ހަތްޓީމު ބައިވެރިވެފައި ވެއެވެ. މި މުބާރާތުގެ މެއިން ސްޕޮންސަރަކީ ބިލެއްދޫ ދާއިރާގެ މެންބަރު އަހްމަދު މުބީންގެ "މުބީން ފައުންޑޭޝަން"އެވެ. އަދި ކޯ ސްޕޮންސަރަކީ ފ. މަގޫދޫ ކައުންސިލެވެ.

comment ކޮމެންޓް