ކުޅިވަރުގެ އިންފްރާސްޓްރަކްޗާއަށް ހަގީގީ ތަރައްގީއެއް ގެނެސްދެއްވީ ރައީސް ޔާމީން: އިރުތިޝާމް

ސަރުކާރުގެ ސްޕޯޓްސް އެރީނާ މަޝްރޫއުގެ ދަށުން ގާއިމްކޮށްފައިވާ 50 ފުޓްސަލް ދަނޑެއް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ކުޅިވަރުގެ އިންފްރާސްޓްރަކްޗާއަށް ހަގީގީ ތަރައްގީއެއް ގެނެސްދެއްވީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އުއްމީދީ ތަސައްވުރަކާއެކުގައި ކަމަށް ޔޫތު މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީންގެ ކުޅިވަރު ތަސައްވަރުގައި ހިމެނޭ ސްޕޯޓްސް އެރީނާ މަޝްރޫއުގެ ދަށުން ތަރައްގީ ކޮށްފައިވާ 50 ފުޓްސަލް ދަނޑެއް ރަސްމީކޮށް ހުޅުވުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ މީގެ ކުރިން ރާއްޖޭގެ ކުޅިވަރަށް ނުގެންނަވަރުގެ އިންގިލާބީ ބަދަލުތަކަށް މި ސަރުކާރުން ގެންނަވައިފި ކަމަށެވެ.

"ދިވެހިރާއްޖޭގެ ކުޅިވަރަށް ތާރީހީ ކުރިއެރުންތަކެއް ގެންނަވާ، ކުޅިވަރުގެ އިންފްރާސްޓްރަކްޗާއަށް ހަގީގީ ތަރައްގީއެއް ގެނެސްދެއްވީ ރައީސް ޔާމީންގެ އުއްމީދީ ތަސައްވުރަކާއެކު. މާޒީގައި މިފަދަ ތަރައްގީއެއް ދިވެހިރާއްޖޭގެ ކުޅިވަރުގެ މައިދާނަށް ގެނެސްދެވިފައެއް ނުވޭ. މިސަރުކާރު އައުމުގެ ކުރިން ޓާފް އެޅި ފުޓްސަލް ދަނޑެއް އެއްވެސް ރަށެއްގައި ނެތް. ލައިޓް ޖަހާ ރޭގަނޑު ކުޅެވޭފަދަ ފުޓްސަލް ދަނޑެއް އެއްވެސް ރަށެއްގައި ނެތް. ވަށާ ފެންސްޖެހި، ތަރުތީބުކުރެވިފައިވާ ކުޅިވަރު ކޯޓްތަކެއް އެއްވެސް ރަށެއްގައި ނެތް. ރައީސް ޔާމީންގެ ޒައާމަތުގައި ގާއިމްކުރެވުނު އިންފްރާސްޓްރަކްޗާގެ ހަގީގީ ތަރައްގީ ރާއްޖޭގެ ކަންކޮޅުތަކުން މިދަނީ ފެންނަމުން،" އިރުތިޝާމް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ކުޅިވަރު މެނިފެސްޓޯގައި ހިމެނޭ ސްޕޯޓްސް އެރީނާ މަޝްރޫއުގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ އަދަދެއްގެ ކުޅިވަރުގެ ވަސީލަތްތައް ގާއިމް ކުރެވެމުންދާ ކަމަށެވެ. އެގޮތުން މިސަރުކާރުން މިހާތަނަށް 86 ފުޓްސަލް ދަނޑު ގާއިމްކޮށް ނިންމާފައިވާ އިރު، 94 ފުޓްސަލް ދަނޑުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިނިސްޓަރު ވިދާޅުވީ މީގެ ކުރިން ޓައިލްސް ބޭނުންކޮށްގެން ގާއިމްކުރެވިފައވާ ފުޓްސަލް ދަނޑުތައް، ރައީސްގެ އެދިލެއްވުމުގެ މަތިން ޓާފަށް ބަދަލުކުރުމުގެ މަސައްކަތްވެސް މިހާރު ކުރިއަށްދާ ކަމަށެވެ.

"މީގެކުރިން ޓައިލް ބޭނުންކޮށްގެން ގާއިމްކުރެވިފައިވާ ފުޓްސަލް ދަނޑުތައް، ޓާފް ދަނޑުތަކަށް ބަދަލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާތީ، 37 ފުޓްސަލް ދަނޑުގައި ޓާފް އެޅުމަށްޓަކައި، އެމަސައްކަތުގެ ބިޑިން ޕްރޮސަސް މިނިސްޓްރީގައި ކުރިއަށްދާ ކަން މިފުރުސަތުގައި އަޅުގަނޑު ފާހަގަކޮށްލަން" އިރުތިޝާމް ވިދާޅުވިއެވެ.

އިރުތިޝާމް ވިދާޅުވީ ފެހި ރީތި ފުޓްސަލް ދަނޑުތަކުން ގެނުވައިދެނީ ވަޒީފާގެ ބުރަ މަސްއޫލިއްޔަތަށްފަހު ސިކުނޑި ހަމަޖައްސާލުމުގެ ފުރުސަތުގެ އިތުރުން ކަސްރަތާއި ހެލިފެލިވުމުގެ މާހައުލެއް ކަމަށެވެ. އަދި ދުޅަހެޔޮ ސިއްހަތަކަށް މަގުފަހިވުމާއެކު އާއިލާއާއެކު ކުޅިވަރު ކުޅެލުމުގެ އުފާވެރިކަންވެސް ދަނޑުތަކުން ގެނުވާ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

comment ކޮމެންޓް