ގޯތި ދޫކުރުމަށް ފުށިދިއްގަރު ފަޅު ހިއްކަނީ

ފުށި ދިއްގަރުފަޅު

މާލެ ސަރަހައްދުގައި އޮންނަ ބޮޑު ފަޅެއް ކަމަށްވާ ފުށިދިއގަރު ފަޅުން 800 ހެކްޓަރުގެ ބިން ހިއްކައިގެން ގޯތި ދޫކުރުމަށް ނިންމައި ސަރުކާރުން އެކަން އިއުލާނު ކޮށްފިއެވެ.

ތިންލައްކަ މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ނިންމައި އިއުލާނުކޮށްފައިވާ "ހިޔާ އެކޮމްޕްލިޝްޑް" މަޝްރޫއުގެ ދަށުން ވިލިމާލެ-2 ތަރައްގީ ކުރަން ވަނީ ނިންމައިފައެވެ. މި މަޝްރޫއާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ހިޔާ އެކޮމްޕްލިޝްޑް މަޝްރޫއުގެ ދަށުން ޖުމްލަ އެއްހާސް ހެކްޓަރުގެ ބިން ހިއްކާނެ ކަމަށެވެ.

ފުށިދިއްގަރު ފަޅަކީ ޓޫރިޒަމް އަށް ކުއްޔަށް ދިނުމަށް ނިންމައި ބޭރުގެ ބަޔަކަށް ކުއްޔަށް ވެސް ދިން ފަޅެކެވެ. އެ ފަޅު ކުއްޔަށް ދިނުމުގައި ކޮރަޕްޝަން އެކުލެވެކަމަށް ތުހުމަތުކޮށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަނީ ކުރީގެ ނައިބު ރައީސް އަދި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު އަބްދުލް ޣަފޫރާ ސުވާލުވެސް ކޮށްފައެވެ. އަދި އެ ފަޅު ވިއްކާލަން މި ސަރުކާރުން ވަނީ 2016 ވަނަ އަހަރު އިއުލާނުވެސް ކޮށްފައެވެ.

ހިޔާ އެކޮމްޕްލިޝްޑް މަޝްރޫއުގެ ދަށުން ގުޅީފަޅުން 230 ހެކްޓަރު އަދި އެނބޫދޫ ފަޅާ އިންވެގެން އޮންނަ ފުށިދިއްގަރު ފަޅުން 800 ހެކްޓަރުގެ ބިން ހިއްކާނެ ކަމަށް މިނިސްޓަރު މުއިއްޒު ވިދާޅުވިއެވެ. ހިޔާ އެކޮމްޕްލިޝްޑް މަޝްރޫއުގެ ދަށުން 82000 ފްލެޓު އިމާރާތް ކުރާނެއެވެ. މީގެ އިތުރުން ބިން ބޭނުންވާމީހުންނަށް ބިން ވެސް ލިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އެއްހާސް އަކަފޫޓުގެ ފްލެޓެއް ބޭނުންވެ ލައްވާ ފަރާތްތަކަށް ވިލިމާލެ 2 އިން ފްލެޓު ލިބިލައްވާނެ. އެއްހާސް އަކަފޫޓުގެ ގޯތި ބޭނުންވަންޏާ ފުށި ދިއްގަރު ފަޅުން ގޯތި ލިބިގެންދާނެ،" މިނިސްޓަރު މުއިއްޒު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ފުށިދިއްގަރު ފަޅު ހިއްކާނީ ހަތަރު ފޭސްއަކަށް ބަހާލައިގެން ބިމަށް އެދި ކުރިމަތިލާ މީހުންގެ އަދަދަށް ބަލައިގެން ކަމަށެވެ.

އަމިއްލަ ނަމުގައި 1000 އަކަފޫޓުގެ ބިމެއް ނުވަތަ ފްލެޓެއް ނެތް އަށާރަ އަހަރުން މަތީގެ ކޮންމެ މީހަކަށްވެސް މި މަޝްރޫއުގެ ދަށުން ބޯހިޔާވަހިކަމަށް އެދި ކުރިމަތިލެވޭނެއެވެ.

މި މަޝްރޫއަށް ބަލާއިރު ފުށިދިއްގަރު ފަޅަކީ މާލޭގެ ސައިޒުން ބަލާނަމަ ހަތަރު މާލެ ކަމަށާއި ހުޅުމާލެ ދެ ފިޔަވަހީގެ ވެސް އިތުރު ދެ ފިޔަވަހި ކަމަށް މިނިސްޓަރު މުއިއްޒު ވިދާޅުވިއެވެ.

މި މަޝްރޫއާއެކު "2030 އަހަރާ ހަމައަށްދާއިރު 18 އަހަރު ފުރޭނެ ކޮންމެ މީހަކަށް ވެސް ބޯހިޔާވަހިކަން ލިބޭނެ،" ކަމަށް މިނިސްޓަރު މުއިއްޒު ވިދާޅުވިއެވެ. އަންނަ ދައުރުގެ ކުރީކޮޅު މި މަޝްރޫއު ފެށޭނެ ކަމަށްވެސް ހައުސިން މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވި ހިޔާ އެކޮމްޕްލިޝްޑް މަޝްރޫއާއެކު ތިލަފުށިން ފެށިގެން ގޮސް ހުޅުމާލެ-2 އާ ހަމައަށް ހަތަރު ބްރިޖަކުން ގުޅާލާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ހިޔާ އެކޮމްޕްލިޝްޑް މަޝްރޫއާ ގުޅޭ ފަންނީ އަދި އިދާރީ ކަންތައް މިހާރު ފެށިގެން ކުރިއަށް ދާކަމަށެވެ. މި މަޝްރޫއުގެ ދަށުން މިމަހުގެ ހަތަކުން ފެށިގެން ހަތަރު މަސްދުވަހަށް ފޯމު ދޫކުރާނެއެވެ. ފޯމު ބަލައިގަންނާނީ މި މަހުގެ 15 ގައެވެ.

މި މަޝްރޫއަށް ކުރިމަތިލާ މީހުންނަކަށް، ހުޅުމާލެ އިން ދޫކުރަން މިހާރު ފުރުސަތު ހުޅުވާލާފައިވާ 7،000 ފްލެޓަށް ކުރިމަތި ނުލެވޭނެ ކަމަށާއި މި މަޝްރޫއަށް ކުރިމަތިލާނަމަ 7000 ފްލެޓް މަޝްރޫއަށް ކުރިމަތިލައި ހުށަހެޅި ފޯމު ނަގަން ޖެހޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

comment ކޮމެންޓް