ދިރާގު އެމްއެންޔޫއެސްޔޫ ފުޓްސަލް ފިއެސްޓާގެ ގުރުއަތު ނަގައިފި

އެމްއެންޔޫއެސްޔޫގެ ފުޓްސަލް ފިއެސްޓާގެ ގުރުއަތު ނެގުމުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ދިރާގު އެމްއެންޔޫއެސްޔޫ ފުޓްސަލް ފިއެސްޓާގެ ގުރުއަތުލުން ބާއްވައިފި އެވެ.

ގައުމީ ޔުނިވާސިޓީގެ އޮޑިޓޯރިއަމްގައި ރޭ ބޭއްވި ހަފްލާގައި މުބާރާތުގެ އަންހެން އަދި ފިރިހެން ޑިވިޝަންގެ ގްރޫޕް ސްޓޭޖުގެ ގުރުއަތު ވަނީ ނަގައިފަ އެވެ. މާދަމާ ރޭ ފެށުމަށް ހަމަޖެހިފައިވާ މުބާރާތުގެ ކުޅުން މިމަހުގެ 17 ވަނަ ދުވަހާ ހަމައަށް ކުރިއަށްދާނެ އެވެ.

މެޗުތައް އޮންނާނީ ކޮންމެ ބުރާސްފަތި، ހުކުރު އަދި ދުވަހުއެވެ. މުބާރާތުގައި މިފަހަރު އަންހެން ޑިވިޝަންވެސް ކުރިއަށްދާ އިރު، މިއީ އެ މުބާރާތުގެ އަންހެން ޑިވިޝަންގެ ކުޅުން ކުރިއަށް ގެންދާ ފުރަތަމަ ފަހަރެވެ.

އެމްއެންޔޫއެސްޔޫގެ ފުޓްސަލް ފިއެސްޓާގެ ގުރުއަތު ނެގުމުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ގުރުއަތު ނެގުމުގެ ހަފްލާ ޝަރަފުވެރިކޮށްދެއްވަމުން ރައްޔިތުން މަޖިލީހުގެ މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު (ބޮޗޭ) ވިދާޅުވީ މިދިޔަ އަހަރުގެ މުބާރާތަށް ފަހު، މި އަހަރުގެ މުބާރާތުގައި އަންހެން ޑިވިޝަން ހިމެނުމުގެ ހަރަދު ހޯދައިދިނުމަށް ވައުދުވެ، އެކަން ފުރިހަމަ ކުރެވުމުން ވަރަށް ބޮޑަށް އުފާކުރާ ކަމަށެވެ.

މިއަހަރުގެ މުބާރާތް ވެސް އެމްއެންޔޫއެސްޔޫ އިން ފުރިހަމައަށް އިންތިޒާމް ކޮށްދެއްވާތީ ވަރަށް ބޮޑަށް ޝުކުރު އަދާކުރާ ކަމަށާއި މުބާރާތް ފޯރިއާ އެކު ނިންމާލާނެ ކަމަށް އުންމީދު ކުރާ ކަމަށް ވެސް ބޮޗޭ ވިދާޅުވި އެވެ.

މިރޭގެ ހަފްލާގައި ވާހަކަ ދައްކަވަމުން އެމްއެންޔޫއެސްޔޫގެ ރައީސް އަރުޝަދު އަޝްރަފް ވިދާޅުވީ އެ ޖަމިއްޔާ އިން ކުރިން އިންތިޒާމްކުރި މުބާރާތްތައް ކުރިއަށް ގެންދަން ވަރަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވި ނަމަވެސް، ބޮޗޭގެ މަސައްކަތާ އެކު އެކަންކަމަށް ފަސޭހަވެގެން ދިޔަ ކަމަށެވެ. އަދި އެމްއެންޔޫއެސްޔޫ އިން އިންތިޒާމް ކުރާ މުބާރާތްތަކުގެ އެންމެ މުހިއްމު ރޯލެއް ކުޅޭ ބަޔަކީ ބައިވެރިންކަމަށާއި އެފަދަ ހުރިހާ ކަމަކަށް ދެއްވާ އެއްބާރުލުމަށް ޝުކުރު އަދާކުރައްވާ ކަމަށް ވެސް އަރުޝަދު ވިދާޅުވި އެވެ.

މިއަހަރުގެ މުބާރާތުގައި އަންހެން ޑިވިޝަން 13 ޓީމު އަދި ފިރިހެން ޑިވިޝަންގެ 17 ޓީމު ވާދަކުރާނެ އެވެ. ކޮންމެ ޑިވިޝަނެއްގައި ވެސް އެމްއެންޔޫ އިން ހިމެނޭނީ ހަތް ފެކަލްޓީއެއްގެ ޓީމުތަކެވެ. ދެން ހިމެނޭނީ އެހެނިހެން ކޮލެޖްތަކަށް ދައުވަތު ދީގެން ބައިވެރިވާ ޓީމުތަކެވެ.

އެމްއެންޔޫއެސްޔޫގެ ފުޓްސަލް ފިއެސްޓާގެ ގުރުއަތު ނެގުމުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މުބާރާތުގެ ގްރޫޕްތައް:

ފިރިހެން ޑިވިޝަން

ގްރޫޕް އޭ: ސައިރެކްސް ކޮލެޖް، އެމްއެންޔޫ ބިޒްނަސް ސްކޫލް، މޯލްޑިވްސް ބިޒްނަސް ސްކޫލް، ޕޮލިޓެކްނިކްސް، ފައުންޑޭޝަން ސްޓަޑީޒް

ގްރޫޕް ބީ: ފެކަލްޓީ އޮފް ހެލްތު ސައިންސް، މެޕްސް ކޮލެޖް، ވިލާ ކޮލެޖް، ފެކަލްޓީ އޮފް އެޑިއުކޭޝަން

ގްރޫޕް ސީ: ފެކަލްޓީ އޮފް އިންޖިނިއަރިން އެންޑް ސައިންސް، އިސްލާމިކް ޔުނިވާސިޓީ އޮތް މޯލްޑިވްސް، އެވިޑް ކޮލިޖް، ލޯ އެންޑް އިސްލާމިކް ސްޓަޑީޒް

ގްރޫޕް ޑީ: މެޕްސް އިންޓަނޭޝަލް ހައި ސްކޫލް، ފެކަލްޓީ އޮފް ހެލްތު ސައިންސް، ކްލިކް ކޮލެޖު، އެމްއައި ކޮލެޖު

އަންހެން ޑިވިޝަން

ގްރޫޕް އޭ: ވިލާ ކޮލެޖް، ސައިރެކްސް ކޮލެޖް، ސްކޫލް އޮފް ނާސިން، ފެކަލްޓީ އޮފް ހެލްތު ސައިންސް

ގްރޫޕް ބީ: މެޕްސް ކޮލިޖް، ފައުންޑޭޝަން ސްޓަޑީޒް، ފެކަލްޓީ އޮފް ހެލްތު ސައިންސް

ގްރޫޕް ސީ: އެމްއެންޔޫ ބިޒްނަސް ސްކޫލް، އެމްއައި ކޮލެޖް، ލޯ އެންޑް އިސްލާމިކް ސްޓަޑީޒް

ގްރޫޕް ޑީ: ކްލިކް ކޮލެޖް، އެވިޑް، ފެކަލްޓީ އޮފް އެޑިއުކޭޝަން

އެމްއެންޔޫއެސްޔޫ އުފެދުނުފަހުން ކޮންމެ އަހަރަކު ވެސް ބާއްވާ ފުޓްސަލް ފިއެސްޓާގެ ޓައިޓްލް ސްޕޮންސަރަކީ ދިރާގެވެ. ކޯ ސްޕޮންސަރުންނަކީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ އިތުރުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އެވެ.

comment ކޮމެންޓް