181 މީހަކަށް ގާނޫނީ ވަކީލު ކަމުގެ ހުއްދަ ދީފި

ރޭ ބޭއްވި ގާނޫނީ ވަކީލުން ހުވާކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: ޑީޖޭއޭ

ރާއްޖޭގައި ގާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަ 181 ފަރާތަކަށް ރޭ ދީފި އެވެ.

ގާނޫނީ ވަކީލުން ހުވާ ކުރުމަށް ޓަކައި ރޭ ބޭއްވި ރަސްމިއްޔާތުގައި ގާނޫނީ ވަކީލުކަމުގެ ހުވާ ލައިދެއްވީ ރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢަބްދުﷲ ދީދީ އެވެ.

އެ ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި ދައުލަތުގެ ބަންޑާރަނައިބުގެ އިތުރުން، ދިވެހިރާއްޖޭގެ ހައިކޯޓާއި ސުޕީރިއާ ކޯޓުތަކުގެ އިސް ފަނޑިޔާރުންނާއި ދައުލަތުގެ ބަންޑާރަނައިބު އޮފީހުގެ ގާނޫނީ ވަކީލުންނާއި ޝަރުޢީ ދާއިރާގެ މުވައްޒަފުން ބައިވެރިވެވަޑައިގެންނެވި އެވެ.

ރޭ ބޭއްވި ގާނޫނީ ވަކީލުން ހުވާކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: ޑީޖޭއޭ

މި ރަސްމިއްޔާތުގައި ގާނޫނީ ވަކީލުކަމުގެ ހުވާ ކުރެއްވި ބޭފުޅުންނަށް ދިވެހިރާއްޖޭގައި ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ހުއްދަ ޙަވާލުކޮށްދެއްވީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު ޢަބްދުﷲ ދީދީ އާއި ދައުލަތުގެ ބަންޑާރަނައިބު މުޙައްމަދު އަނިލް އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ޢަބްދުﷲ ޢަރީފް އާއި އާދަމް މުޙައްމަދު ޢަބްދުﷲ އާއި ޢަބްދުﷲ ދީދީ ގެ އިތުރުން، ޢަބްދުލްޣަނީ މުޙައްމަދު އެވެ.

ރޭ ބޭއްވި ގާނޫނީ ވަކީލުން ހުވާކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: ޑީޖޭއޭ

އެ ރަސްމިއްޔާތުގައި، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ އާއި ދައުލަތުގެ ބަންޑާރަނައިބު މުޙައްމަދު އަނިލް ޤާނޫނީ ވަކީލުކަމުގެ ހުވާކުރެއްވި ވަކީލުންނާ މުޚާތަބުކުރައްވައި ވާހަކަފުޅުދެއްކެވި އެވެ.

މިއީ މި އަހަރު ގާނޫނީ ވަކީލުން ހުވާ ކުރުމަށްޓަކަައި ބޭއްވުނު ދެވަނަ ރަސްމިއްޔާތެވެ. މި އަހަރު ކުރިން ބޭއްވި ރަސްމިއްޔާތުގައި 170 އަށް ވުރެ ގިނަ މީހުންނަށް ވަކީލުކަމުގެ ހުއްދަ ދީފައިވެ އެވެ.

comment ކޮމެންޓް