ބަންގާޅުގައި އަންނަ ސެޕްޓެންބަރު މަހު އޮންނަ ސާފް ޗެމްޕިއަންޝިޕަށް ދިވެހި ގައުމީ ޓީމު ތައްޔާރުވަމުންދާ އިރު، ތަފާތު ގޮތްގޮތަށް ތަފާތު ވާހަކަތައް މީޑިއާގައި އަންނަނީ ދެކެވެމުންނެވެ.
އެންމެ ބޮޑު ވާހަކައަކީ ހަމަ ގައިމުވެސް ގައުމީ ޓީމު ސްކޮޑުގެ ވާހަކައެވެ. ދިވެހި ގައުމީ ޓީމު ދުށް އެންމެ މޮޅު ކުޅުންތެރިޔާ، އަލީ އަޝްފާގު (ދަގަނޑޭ) ޓީމުގައި ނުހިމެނުމުގެ ވާހަކައެވެ. އޭނާ ސާފް ޗެމްޕިއަންޝިޕަށް ދާން ހުއްޓާ، އޭނާއާ ނުލައި ގައުމީ ކޯޗު ޕީޓާ ސެގަޓް އިއުލާން ކުރި ސްކޮޑަކީ ބަހުސަކަށް ވެއްޖެއެވެ.
ސެގަޓް ގައުމީ ޓީމަށް ކުޅުންތެރިން ނެގި ގޮތް އޭނާ ކިޔައިދީފައިވާ އިރު، އެ ވާހަކަތައް ނޫސްވެރިންނާ ހިއްސާ ކުރުމަށް ބޭއްވި ޕްރެސްގައި ސެގަޓް ވަނީ އިތުރު މައުލޫއަކަށް ނަޒަރު ހުއްޓުވާލައިފައެވެ. ހަތަރު ލައްކައެއްހާ މީހުން ދިރިއުޅޭ ދިވެހިރާއްޖެ، ދުނިޔޭގެ ފުޓުބޯޅައިގެ އެންމެ މަތީ ފަންތީގައި ކުޅުމުގެ ވިސްނުމެއްގެ ވާހަކައެވެ. ދިވެހިން ވޯލްޑް ކަޕަށް ގެންދިއުމަށް އޭނާގެ މިސްރާބު ހުރި ވާހަކައެވެ.
ދިވެހިން ވޯލްޑް ކަޕްގައި ކުޅޭނެ ދުވަހަކީ ކޮންމެ މީހަކުވެސް ދެކޭނެ ހުވަފެނެކެވެ. އެ ހުވަފެނަށް ކުރަން ޖެހޭ ދަތުރުގެ ބޮޑުކަމުން، އެކަން ހިޔާލަށް ގެންނާނެ ދިވެހިންވެސް މަދޭ ބުނެވިދާނެއެވެ. އެހެން ނަމަވެސް އުންމީދެއް ކުރުން، ހުވަފެނެއް ދެކުން، ކުއްވެރި ނުކުރެވޭނެއެވެ. ސެގަޓް ދެކޭ ކަމަށް އޭނާ ބުނާ ވޯލްޑް ކަޕްގެ ހުވަފެން، ހަމަ ހުރިހާ ދިވެހިންވެސް ދެކޭނެއެވެ. ސުވާލަކީ އެ ހުވަފެނަށް ވާސިލްވުމަށް ކުރަން ޖެހޭ ރަނގަޅު އިންވެސްޓްމަންޓް ކުރެވިދާނެތޯ ކުރެވޭ ސުވާލެވެ.
"ހުވަފެންތަކެއް ނުދެކެންވީ ކީއްވެ؟ އަހަރެން މި ރާއްޖޭގެ ފުޓުބޯޅައަށް ހުވަފެންތަކެއް ދެކެން... އޭޝިއަން ކަޕަށް ދާން ނުވިސްނަންވީ ކީއްވެ؟ އެއަށްވުރެވެސް އުހަށް ނުދާންވީ ކީއްވެ؟ ބުނަން އޮތް ވާހަކައަކީ ހުވަފެންތަކެއް ނުދެކޭ މީހަކީ ގެއްލިފައިވާ މީހެކޭ. އަބަދުވެސް ކުރަން ބޭނުންވާ ކަމެއް، ނޫނީ ދެކެން ބޭނުންވާ ހުވަފެންތަކެއް ހުންނަން ޖެހޭނެ،" ސެގަޓް ބުންޏެވެ.
ރާއްޖެއިން އެންމެފަހުން ސަރަހައްދީ މުބާރާތެއް ގެނައީ 2008 ވަނަ އަހަރުގައެވެ. އެހިސާބުން ދިވެހި ފުޓުބޯޅައަށް ފުދުނީތޯއެވެ. ނޫނީ އެހިސާބުން ހުވަފެނެއް ނުދެކުނީތޯއެވެ. ހަމަ ޔަގީނުންވެސް އޭޝިއަން ކަޕަށް އަޅަން އޮތް ފިޔަވަޅަށް މަސައްކަތް ކުރިއެވެ. އެކަން ނާކާމިޔާބުވީއެވެ. އެ ނާކާމިޔާބީގައި މަދުވި "ފެކްޓާ"އަކީ ވަތަނީ ރޫހެއްގައި ހުވަފެނެއް ނެތި، ފުޓުބޯޅައިގެ ދިރުން ގެއްލިފައި އޮތުން ކަމަށްވެސް ވެދާނެއެވެ.
"ވެދާނެ މިއީ މާ ބޮޑު ހުވަފެނެއް ކަމަށްވެސް. އެކަމަކީ ނުވާނެ ކަމެއް ކަމަށްވެސް ވެދާނެ. އެކަމަކު މިއަދުވެސް އެކަމަށް އުންމީދު ކަނޑާލައިފި ނަމަ، އެ މީހަކު ފެއިލްވީ. އެއީ އެންމެންވެސް ފެއިލްވާ ހިސާބު. އަހަރެން ބޭނުމެއް ނޫން ރާއްޖޭގެ ފުޓުބޯޅައަށް ދެން އަންނަ ޖީލަކީ އެއްވެސް މިސްރާބެއް ނެތް ޖީލަކަށް ހަދާކަށް. އަހަރެން ބޭނުން ވަނީ އެ ޖީލަކީ ކަންތައްތަކެއް ކުރެވޭނެކަން ގަބޫލުކުރާ ޖީލަކަށް ހަދަން. ރާއްޖެއަށް ނުވާނެކަން ގަބޫލުކުރާ އެއްވެސް މީހަކު ހުރެގެން ނުވާނެ. އެ ވިސްނުން ބަދަލުކުރަން ޖެހޭނެ،" ވޯލްޑް ކަޕްގެ ހުވަފެނަކީ ޖޯކެއްތޯ ސެގަޓް ކުރެން އެހުމުން އޭނާ ބުންޏެވެ.
ވޯލްޑް ކަޕެއްގެ ހުވަފެން ދެކުމަކީ ޖޯކަކަށްވެސް ބައެއް މީހުންނަށް ވެދާނެއެވެ. އަނެއް ބަޔަކު ދެކޭ ގޮތުގައި އެ ހުވަފެން ދެކިގެން ކިރިޔާ އޭޝިއަން ކަޕަށް ފޯރާނީއެވެ. ކޮންމެއަކަސް ރާއްޖޭގެ ފުޓުބޯޅައަށް ބޮޑެތި ބަދަލުތަކެއް ސެގަޓްގެ ފަރާތުން ގެންނަމުންދާ އިރު، އޭނާ 2022 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ޓާގެޓް ކުރުންވީ ގިނަ ބަޔަކަށް ސިހުން ގެނުވި ކަމަށެވެ. ހާއްސަކޮށް އެކަމަކީ ކަނޑައެޅިގެން ނުވާނެ ކަމެއް ކަމަށް ގިނަ ބަޔަކު އިއްތިފާގުވާ ކަމެކެވެ. އެހެން ނަމަވެސް ސެގަޓް ދިވެހިންގެ ތެރެއަށް އެ ވިސްނުން ގެންނަން ބޭނުން ވަނީ ވިސްނުމަށް ބަދަލުތަކެއް ގެނެސް، ފުޓުބޯޅައިގެ ދިރުން ގެނުވަން ކަމަށްވުންވެސް އެކަށީގެންވެއެވެ.
"އަހަރެންގެ ހިޔާލު ތަފާތު ވެދާނެ މިކަމުގައި. އަހަރެން މިއީ ގަބޫލުކުރާ މީހެއް. މި ގައުމަށްވެސް ވާނެކަން ގަބޫލުކުރާ މީހެއް. މި ދެކޭ ހުވަފެން ހާސިލް ނުވެދާނެ. ހާސިލްވުމަކީ އަދި އެހެން ކަމެއް. އެކަމަކު ހުއްޓާލަންވީހޭ އެކަމަށް އުންމީދު ކުރުން؟" ސެގަޓް އޭނާގެ ހުވަފެންތައް ހިއްސާކުރިއެވެ.
"ނޫން... އެހިސާބަށް ދިއުމަށް އަޒުމެއް ނެތި ކުރިއަށްދާން ފަށާ ހިސާބަކީ ފެއިލްވާ ހިސާބު. ފުޓުބޯޅަ ކުޅުންތެރިއަކު ކުޅޭނީ މޮޅުވާން. އެއީ ކޮންމެ ޓީމަކާ ދެކޮޅަށް ކުޅުނަސް، ފުޓުބޯޅަ ކުޅުންތެރިއަކު އަބަދުވެސް ކުޅޭނީ މޮޅުވާން. ދިރިއުޅުމުގައި ކޮންމެ ކަމެއްވެސް ފަށާނީ ދެކޭ ހުވަފެނަކުން. އަހަރެންގެ އުންމީދަކީ ރާއްޖޭގެ ގައުމީ ޓީމާއެކު އޭޝިއަން ކަޕަށްވެސް ދާން. އެއަށްވުރެ އުހަށް ދެވެން އޮތިއްޔާ އެހިސާބަށްވެސް ދާން. އަހަރެން ދެކޭ ހުވަފެނެއް ރާއްޖޭގެ ކުޅުންތެރިން ޔޫރަޕްގައި ކުޅުމަކީވެސް."
މިހާތަނަށް ވޯލްޑް ކަޕްގައި ކުޅުނު އެންމެ މީހުން މަދު، ކުޑަ ގައުމަކީ އައިސްލޭންޑެވެ. އެޓީމުން 2016 ވަނަ އަހަރުގެ ޔޫރޯގައި އިންގްލެންޑްވެސް ބަލިކޮށް، ކުއާޓާ ކުޅުނު އިރު، ތާރީހުގައި ކުޅުނު ފުރަތަމަ ވޯލްޑް ކަޕް ގްރޫޕް ސްޓޭޖުން ނިންމާލީ ހިތްހަމަ ޖެހުމާއެކުގައެވެ.
އެންމެ 335،000 މީހުން ދިރިއުޅޭ އައިސްލޭންޑަށް އެ ހުވަފެންތަކާ ހަމައަށް ދެވުނީ ކިހިނަކުން ހެއްޔެވެ. ދިވެހިންނަށް އެ ވިސްނުމާއެކު، އެ މަގުން ހިނގިދާނެތޯއެވެ. އައިސްލޭންޑްގެ ލީގަކީ ސެމީ ޕްރޮފެޝަނަލް ލީގެކެވެ. އެހެން ނަމަވެސް އެ ގައުމުން ވޯލްޑް ކަޕަށް ކުރި ދަތުރަކީ ދުރު ރާސްތާ ޕްލޭނެކެވެ. ޕްރޮފެޝަނަލް މަދު ކުޅުންތެރިންތަކަކާއެކު އައިސްލޭންޑުން ކުރީ ރަނގަޅު އިންވެސްޓްމަންޓް ތަކެކެވެ.
ދެހާހުގެ އަހަރުތައް ފެށުނު ހިސާބުން އައިލޭންޑުން ވޯލްޑް ކަޕަށް ޓާގެޓް ކުރި އިރު، އެގައުމުގައި އިންފްރާސްޓްރަކްޗާ ހަރުދަނާ ކުރިއެވެ. ފިނި މޫސުމުގައިވެސް ފުޓުބޯޅައިގައި ހަރަކާތްތެރިވެވޭނެ ގޮތަކަށް 200 އަށްވުރެ ގިނަ އިންޑޯ ފުޓުބޯޅަ ދަނޑުތައް ތަރައްގީކޮށް، މުޅި ގައުމު ފުޓުބޯޅައަށް ލޯ ހުޅުވާލިއެވެ. ޒުވާން ޖީލެއް ބިނާ ކުރުމަށް ހާއްސަކޮށްގެން 500 އަށްވުރެ ގިނަ، ޔޫއެފާ ބީ ލައިސަންސް ކޯޗުން ތަމްރީނު ކުރިއެވެ. 300 ކުދިންނަށް ކޯޗުންގެ ތަމްރީނުތައް ހިލޭ ލިބޭނެ ވައުޗަރުތައް ތައާރަފްކޮށް، ޕްރޮފެޝަނަލް ކުޅުންތެރިންތަކެއް އުފެއްދުމަށް ބިންގާ އެޅިއެވެ.
ބަޖެޓުގެ ދަތިކަން އިންތިހާއަށް ކުރިމަތިވެ، އައިސްލޭންޑް ބަނގުރޫޓުވާން ދިޔަ އިރުވެސް، އެ ޕްރޮޖެކްޓަށް ހުރަހެއް ނައިސް ކުރިއަށްދިޔައެވެ. ޕާޓް ޓައިމް ކުޅުންތެރިން ކުޅޭ ލީގުން ބޮޑު ޕަސެންޓެއް ޔޫރަޕަށް ބަދަލުވިއެވެ. ފެންވަރު މަތީ ކުޅުންތެރިންގެ ޖީލެއް ބިނާކުރެވުނެވެ.
މިފަހަރުގެ ވޯލްޑް ކަޕަށް އައިސްލޭންޑުން ގެންދިޔަ ޓީމުގައި ހިމެނޭ ކުޅުންތެރިންގެ ތެރެއިން އެގައުމުގެ ލީގުގައި ކުޅޭ ހަމައެކަނި ކުޅުންތެރިއަކީ ކީޕަރު ހެނޭސް ހެލްޑަސަންއެވެ. އޭނާ އަކީ އަދިވެސް ޕާޓް ޓައިމްކޮށް ފިލްމު އުފައްދާ މީހެކެވެ.
ދެ ކޯޗުން އިރުޝާދާއެކު އެ ގައުމުން ޓީމެއް ބިނާ ކުރީ ސީދާ ވޯލްޑް ކަޕަށް އަމާޒު ހިފައިގެންނެވެ. އެގައުމުގެ ކާމިޔާބީއަކީ ކުޅުންތެރިންގެ ޑިސިޕްލިންގެ އިތުރުން އާންމު ރައްޔިތުންގެ ރޫހު ކަމަށް އައިސްލޭންޑްގެ ކޯޗު ބުނެފައިވާ އިރު، އެގައުމުގެ ކާމިޔާބީއަކީ ރަނގަޅު އިންވެސްޓްމަންޓެކެވެ.
ރާއްޖެއަށްވުރެ ވަރުގަދަ، އިންފްރާސްޓްރަކްޗާ މުއްސަނދި ގައުމުތަކަށްވެސް ވޯލްޑް ކަޕަށް ދިއުމަށް ހަރުދަނާ ފިޔަވަޅުތަކެއް ނޭޅިގެންދާތަން ފެންނަ އިރު، އެކަމަށް ދިވެހިން ކުރަން އޮތް އިންވެސްޓްމަންޓް ވަރަށް ބޮޑެވެ. އެހެން ނަމަވެސް އެ ހުވަފެން ނުދެކުމަކީވެސް ގޯހެއް ކަމަށް ވެދާނެއެވެ. ގައުމީ ކޯޗު ސެގަޓް ބުނީ މިއަދުގެ ޖީލުގައި އެ ހުވަފެން ނެތަސް، އަރަމުން އަންނަ ޖީލުގެ އެ ހުވަފެނަށް ފަސްއެޅުމަކީ ގޯހެއް ކަމަށެވެ.
"ބައެއް މީހުންގެ އެ ހުވަފެންތައް ނެތަސް. ރާއްޖޭގެ އެތައް ސަތޭކަ ކުދިންނެއް ދެކޭ ހުވަފެނަކީ ވޯލްޑް ކަޕް. އަހަރެން ވޯލްޑް ކަޕް ބެލީ އެ ކުދިންނާ އެކު. ކޮންމެސް ކުއްޖަކު އަހަނީ.. ރާއްޖެއަށް ދުވަހަކުވެސް އެހިސާބަށް ދެވޭނެތޯ... އަހަރެން ބުނިން އެހެން އެހި ކުއްޖާ ކައިރީގައި، ކީއްވެހޭ ނުދެވެންވީ. އެކަމަށް މަސައްކަތް ކުރުމޭ އޮތީ،" ސެގަޓް ބުންޏެވެ.