"ގެއްލިފައި އޮތް" ހަންޏާމީދޫގެ ފުޓްބޯޅަ ފޯރި އަނބުރާ ރަށަށް!

ހަންޏާމީދޫ ފުޓްބޯޅަ ޓީމް--- ފޯޓޯ/ ކިޔުންތެރިއެއް

މީގެ އަހަރުތަކެއް ކުރިން ފުޓްބޯޅަ ފޯރި ވަރަށް ބޮޑެވެ. ނަމަވެސް މަޑުމަޑުން އެ ފޯރި ފަޑުވަމުން އައިސް އެއްކޮށް ގެއްލިއްޖެއެވެ. ފަހަރުގައި އެއީ ޓީމަށް މާ ބޮޑު ކާމިޔާބީއެއް ނުލިބޭތީ ކަމުގައިވެސްް ވެދާނެއެވެ.

އަހަރުތަކެއްކުރިން މެޗެއް ކުޅޭނަމަ ސަޕޯޓަރުން މުޅި ދަނޑު ފުރާލާނެއެވެ. ރަށުން ބޭރު ރަށެއްގައި ކުޅެން ދާނަމަ، ސަޕޯޓަރުންވެސް ދެތިން ދޯންޏެއްގައި އެ ރަށަކަށް ދާނެއެވެ.

އެހެން ނަމަވެސް ފަހަކަށް އައިސް މެޗެއް ކުޅޭނަމަ ދަނޑުގެ ކަންމަތީގައި ދެތިން މީހަކު ތިބެދާނެއެވެ. ރަށުން ބޭރަށްދާނަމަ ދަނީ ޓީމު އެކަންޏެވެ. މިއީ އަރިއަތޮޅު ދެކުނުބުރީ ހަންޏާމީދޫ މީހުންގެ ވާހަކައެވެ.

އަހަރުތަކެއްގެ މެދުކެޑުމަކަށްފަހު އަރިއަތޮޅު ދެކުނު ބުރިއަށް ހާސްކޮށްގެން ޖުލައި 26ގައި ބާއްވާ ފުޓްބޯޅަ މުބާރާތް ބާއްވަން ނިންމި ހިސާބުން ހަންޏާމީދޫ ޓީމުވެސް އެ މުބާރާތުގައި ބައިވެރިވުމުގެ މަސައްކަތްތައް ފަށައިގަތެވެ. ނަމަވެސް ކުރިއާ ހިލާފަށް އެއްވެސް ފޯރިއެއްނެތިއެވެ. ޓީމު އޮތީ ފޮނި އުންމީދު ތަކަކާއެކުގައެވެ.

ހަންޏާމީދޫ ފުޓްބޯޅަ ޓީމް--- ފޯޓޯ/ ކިޔުންތެރިއެއް

އެ އަތޮޅު މާމިގިލީގައި އޮތް މުބާރާތުގެ ފުރަތަމަ ތިން މެޗުވެސް ހަންޏާމީދޫ ޓީމް ކުޅުނީ އެއްވެސް ސަޕޯޓަރަކާ ނުލައެވެ. ނަމަވެސް ޒުވާން ޓީމް ފޮނި އުންމީދުތަކަކާއެކު ކުރި ބުރަ މަސައްކަތުގެ ނަތީޖާއަކައްވީ އަހަރުތަކަކަށްފަހު އަތޮޅުގެ އެންމެ ގިނަދުވަސްވީ އެންމެ ވަރުގަދަ މުބާރާތުގެ ފައިނަލަށް ޓީމު ދަތުރުކުރުމެވެ.

އެއާއެކު ރަށަށް ނިސްބަތްވާ ވައިބަރ ގުރޫޕް ތަކުގައިވެސް "ގެއްލިފައި އޮތް" ފުޓްބޯޅައިގެ ރޫހު ކެކި އަރައިގަތީއެވެ. ޓީމަށް ސަޕޯޓު ކުރަން ދިޔުމުގެ މަސައްކަތްތައް "އަންބާކިއާ" ފަށައިގެންފިއެވެ.

ޓީމުން ފައިނަލް މެޗަށް ވަމުންދާ ތައްޔާރީތައް ޓީމްގެ މެނޭޖްމަންޓުން ފޭސްބުކް ލައިވް މެދުވެރިކޮށް ރަށުގެ ރައްޔިތުންނާ ހަމައަށް ގެނެސްދެމުން ދިޔައެވެ. ފުރިހަމަ ތައްޔާރީތަކަކާއެކު ފައިނަލް މެޗް ކުޅެން އޮތް ދުވަހު ހަންޏާމީދޫ ޓީމްގެ ސަޕޯޓަރުން ލޯންޗުތަކުގައާއި ދޯނި ތަކުގައި މާމިގިއްޔަށް ދިޔައެވެ.

އަހަރުތަކަކަށްފަހު ލިބުނު ހިތްވަރާއެކު ރަށުގެ ޒުވާން ޓީމް ވެސް މަސައްކަތް ކުރަމުން ދިޔައީ ސަޕޯޓަރުން ހިތްހަމަޖެހޭ ފަދަ ކާމިޔާބީއެއް ހޯދުމަށެވެ.

ޓީމް މުބާރާތް ބާއްޗާ ރަށް މާމިގިލީގައި-- ފޮޓޯ/ ކިޔުންތެރިއެއް

ފައިނަލް މެޗް ނިމުނުއިރު ދެޓީމް އެއްވަރުވެފައި އޮތުމުން ނަތީޖާއެއް ނެރުމަށް ޖެހި ޕެނަލްޓީން ހަންޏާމީދޫއަށް ކާމިޔާބެއް ނުވިއެވެ. މުބާރާތުގެ ޗެންޕިއަންކަން ގެންދިޔައީ މާމިގިލިންނެވެ. ނަމަވެސް މިކަން މާބޮޑު މާޔޫސް ކަމަކަށް ޓީމުގެ ސަޕޯޓަރުންނަކަށްވެސް ނުވިއެވެ.

ހަންޏާމީދޫ ޓީމް ރާށައް އައިސް ކައުންސިލްގެ ރައީސް އާއެކު ތަށި އުފުލާލަނީ--- ފޮޓޯ/ކިޔުންތެރިއެއް

"ރަށު ޓީމް ކުރި ހިތްވަރު އަހަރުމެންނަށް ފެނުނު. ތަށި ނުލިބުނަސް މާޔޫސް ނުވޭ. ޓީމް ކުރި ހިތްވަރުން އަހަރުމެންނަށް އިހްސާސް ވަނީ ތަށި ލިބުނު އިހުސާސް،" މެޗް ބަލަން ދިޔަ ހަންޏާމީދޫ ޓީމްގެ ސަޕޯޓަރެއް ބުންޏެވެ.

މުބާރާތުގެ ފައިނަލުން ބަލިވިނަމަވެސް "ކުރި ހިތްވަރަށް ސާބަސް. އަހުރުމެންނަށް އިހްސާސް ވަނީ ހަމަ ތަށި ލިބުނުކަމުގެ އިހުސާސް،" މިފަދަ އިބާރާތްތަކުން ޓީމަށް މަރުހަބާ ކިޔަމުން ދިޔައެވެ.

"މިއީ ހިތްވަރުގަދު ޒުވާނުންތަކެއް ކުރި ބުރަ މަސައްކަތް. އެހެން ކަމުން ރަށުގެ ހުރިހާ ރައްޔިތުންގެ ނަމުގައާއި ރަށު ކައުންސިލްގެ ނަމުގައި ޓީމަށް ނުހަނު އިހްލާސްތެރިކަމާއެކު ޝުކުރު ދަންނަވަން. ހާއްސަކޮށް ރަށު ރައްޔިތުން ޓީމަށް ދެއްވި ހިތްވަރާއި، ކީ ހޫނު މަރުހަބާ ފާހަގަކޮށްލަން"، ހަންޏާމީދޫ ކައުންސިލްގެ ނައިބު ރައީސް ހަސަން އަސްރަފް ވިދާޅުވިއެވެ.

މުބާރާތަށް ފަހު އެނބުރި ރަށަށް އައިސް، ޓީމް ދަތުރު ކުރި ލޯންޗު ހަންޏާމީދުއަށް ބަނދަރުކުރިއިރު މުޅި ރަށުގެ ރައްޔިތުން ޓީމަށް މަރުހަބާ ކިޔަން ބަނދަރު މައްޗަށް އެއްވެ ތިއްބެވެ.

ހަންޏާމީދޫ ފުޓްބޯޅަ ޓީމް މުބާރާތް ނިންމުމައް ފަހު ރަށައް އައިސް: ފޯޓޯ/ ކިޔުންތެރިއެއް

"މުބާރާތަށް ދިޔުމުގެ ކުރިންވެސް އުންމީދަކަށްވީ ރަށުގެ ރައްޔިތުން ހިތްހަމަޖެހޭ ފަދަ ކާމިޔާބީއެއް ހޯދުން. އަލްހަމްދުލިﷲ، ބޮޑެތި ގޮންޖެހުންތަކަކާއެކުވެސް އުންމީދުކުރިވަރުގެ ރަގަޅު ނަތީޖާއެއް ހޯދުނު. އުންމީދަކީ ކުރިއަށް އޮތް ތަނުގައިވެސް ހަންޏާމީދޫގެ ފުޓްބޯޅަ ފޯރި މިގޮތަށް އޮތުން. ރަށުގެ ރައްޔިތުން ކީ ހޫނު މަރުހަބާއަށް ހިތުގެ އަޑިން ޝުކުރުވެރިވަން،" ޓީމްގެ ކަންކަމުގައި އެންމެ އިސްކޮށް އުޅުނު ޒުވާނެއް ކަމުގައިވާ އާދަމް ތޮލްހަތު "ސަން" އަށް ބުންޏެވެ.

ކެޕްޝަން.. ޓީމްގެ ބައެއް ކުޅުންތެރިން މުބާރާތް ނިންމުމައްފަހު ރަށައް އައިސް--- ފޮޓޯ/ކިޔުންތެރިއެއް

"އަލްހަމްދުލިﷲ. މިއީ ހަގީގަތުގައިވެސް މިރަށުގެ ފުޓްބޯޅައަށް ލިބުނު ވަރަށް ފުރިހަމަ ކާމިޔާބީއެއް. މިިއީ 20 އަހަރު ފަހުން މި މުބާރާތުގެ ފައިނަލަށް މިރަށް ދަތުރު ކުރި ފުރަތަމަ ފަހަރު. އަދި ފައިނަލްގައި ވާނީ މުބާރާތް ބޭއްވި މާމިގިލި ސިއްސުވާލާ ވަރުގެ ކުޅުމެއް ދައްކައި ބެލުން ތެރިން ހައިރާންކޮށްލާފަ،" ހަންޏާމީދޫ ޓީމްގެ ކެޕްޓަން އަދި މި މުބާރާތުގެ އެންމެ މޮޅު ގޯލް ކީޕަރުގެ ހުސެެއިން ޝިފާދު ބުންޏެވެ.

"މި ކާމިޔާބީއަކީ ރަށުގެ މަދު ޒުވާނުންކޮޅެއް މުބާރާތުގައި ބައިވެރި ވުމަށް ހިތްވަރާއެކު ކުރި ބުރަމަސައްކަތް އަދި ޓީމް ކުޅުންތެރިންނާއި މެނޭޖްމެންޓްގެ ނުގުޑާފަދަ އަޒުމާއި ދަނޑުމަތީގައި ދެއްކި ހިތްވަރު."

ހަންޏާމީދޫ ފުޓްބޯޅަ ޓީމްގެ ކެޕްޓަން އަދި މުބާރާތުގެ އެންމެ މޮޅު ގޯލްކީޕަރު ހުސެއިން ސިފާދު

އަހަރުތަކަކަށްފަހު ޒުވާން ޓީމް ކުރި ބުރަ މަސައްކަތުން، ހަންޏާމީދޫގައި ގެއްލިފައި އޮތް ފުޓްބޯޅައިގެ ފޯރި އަނބުރާ ރަށަށް ލިބެއްޖެއެވެ. މިއަދު ހަންޏާމީދޫގެ ކޮންމެ ރައްޔިތެއްގެވެސް އުންމީދަކީ، އަދި އެދުމަކީ ފުޓްބޯޅައިން ރަށަށް ގެނުވައިދިން މި އިޖްތިމާއީ ރޫހު، ހުރިހާކަމެއްގައިވެސް އޮތުމެވެ.

comment ކޮމެންޓް