ދާހިލީ ހަނގުރާމައިގެ ސަބަބުން ހުދެއިދާގެ މަސްވެރިން ގޮތް ހުސްވެފައި

ހުދެއިދާގެ މަސްވެރިންތަކެއް---

ހުދެއިދާ އަކީ ދާހިލީ ހަނގުރާމައިގެ ސަބަބުން ވީރާނާވެފައި އޮތް ޔަމަނުގެ ހަތަރުވަނަަށް އެންމެ ބޮޑު ސިޓީއެވެ. ހޫތީންގެ ބާރުގެ ދަށުގައި އޮތް ހުދެއިދާ އަކީ ރަތް ކަނޑާ ގުޅޭ މުހިންމު ޕޯޓެއް އޮންނަ ސިޓީއެކެވެ. އެހެންކަމުން އެ ސީޓީ ވެފައި ވަނީ ވަރަށް މުހިންމު ސިޓީއަކަށެވެ.

މި އަހަރުގެ ޖޫން މަހުގެ ތެރޭގައި ސައުދީ ކޯލިޝަންގެ އެހީތެރިކަން ލިބިފައިވާ އަބްދުއްރައްބު މަންސޫރު ހާދީގެ ސަރުކާރުން ވަނީ ހުދެއިދާއިން ހޫޘީން ބޭރު ކުރުމަށް "އޮޕަރޭޝަން ގޯލްޑަން ވިކްޓްރީ" ގެ ނަމުގައި ހާއްސަ އޮޕަރޭޝަނެއް ފަށައިފައެވެ. އޭގެ ކުރިންވެސް ހުޘީންގެ ބާރުގެ ދަށުގައި އޮތް ހުރިހާ ޕޯޓު ސިޓީތަށް ހިސޯރު ކުރަން ސައުދީ ކޯލިޝަނުން ވަނީ ނިންމާފައެވެ.

ސައުދީ ކޯލިޝަނުން ހުދެއިދާ ހިސޯރުކޮށްފައިވާ އިރު އެކަމުގެ އަސަރު އެންމެ ބޮޑަށް ކުރަމުން ދަނީ އެ ސިޓީގެ މަސްވެރިކަމަށެވެ. ކުރިން މަސްވެރިކަން ތިޔާގި ހުދެއިދާގެ މަސްވެރިކަން މިހާރު ވަނީ މުޅިންހެން ހުއްޓުމަކަށް އައިސްފައެވެ. އެކި ކުލަތަކުން ޖަރީކޮށްފައިވާ އެތައް ސަތޭކަ މަސްބޯޓު މިހާރު އޮތީ ބޭނުން ނުކޮށް ބަނދަރުކޮށްފައެވެ.

ހުދެއިދާގެ މަސްވެރިންތަކެއް---

ހުދެއިދާގެ މަސްވެރިން ބުނަމުން ދަނީ ސައުދީ ކޯލިޝަނުން އެ ސިޓީގެ މަސްވެރިކަން ހުއްޓުވުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. މާ ދުރުން މަސް ބާނަން ނުކުމެއްޖެ ނަމަ ހޫޘީންނަށް ހަތިޔާރު ފޯރުކޮށްދޭން އުޅޭ ކަމުގެ ތުހުމަތު އެމީހުންގެ މައްޗަށް ކޮށް ކޯލިޝަނުން އެމީހުން ހައްޔަރު ކުރެއެވެ. ނަތީޖާއެއްގެ ގޮތުން މަސްވެރިކަން ކުރަން ނުކެމެވޭ ސަރަހައްދު ވަނީ ވަރަށް ބޮޑުތަން ކުޑަވެފައެވެ.

ހަތިޔާރު އެތެރެ ކުރަން އުޅޭ ކަމުގެ ތުހުމަތު މަސްވެރިންގެ މައްޗަށް ކުރެވިފައި ވީނަމަވެސް އެމީހުން އެކަމަށް އިންކާރު ކުރެއެވެ. ހުދެއިދާގެ މަސްވެރިން ބުނަމުން ދަނީ އެމީހުން މަސްވެރިކަމަށް ނުކުންނަނީ އާއިލާއަށް ކާބޯތަކެތި ފޯރުކޮށްދޭން މަޖުބޫރުވާތީ ކަމަށެވެ.

މަސްވެރިންނަށް މިހާރު އޮތީ ދެ ގޮތެކެވެ. އެއްގޮތަކީ ބަނޑުހައި ހޫނުކަމާއި ފަގީރުކަމާ ކުރިމަތިލުމެވެ. އަނެއް ގޮތަކީ ސައުދީ ކޯލިޝަންގެ މަނަވަރުތަކާއި، ވައިގެ ހަމަލާތަކާއި، ހޫޘީން ބަހަައްޓާފައި ހުރި ކަނޑުގެ މައިނުތަކުން ރެކ،ި ދިރިއުޅުމަށް ބޭނުންވާ އެންމެ މަދު މިންވަރު ހާސިލް ކުރުމެވެ.

ހުދެއިދާގެ މަސްވެރިއަކު މަސް ވިއްކަން ތައްޔާރަށް--

ގޮންޖެހުންތައް ހުރި ނަމަވެސް އަދިވެސް ހުދެއިދާގައި މަދު ބަޔަކު މަސްވެރިކަން ކުރެއެވެ. އެހެން ނަމަވެސް ގިނަ ފަހަރު މަސްވެރިކަމަށް ނުކުންނަ މީހުން އަނބުރާ އަންނަނީ ހުސް ދާގަނޑަކާ އެކުއެވެ.

ހުދެއިދާގެ މަސްވެރިއެއް ކަމަށްވާ އިބްރާހިމް ޒައިން ބުނީ ހުދެއިދާގެ ކައިރީގައިވާ ކަނޑުގެ ސަރަހައްދުން މަސް މަދުވެފައި ވަނީ މިސްރާއީ ޔޫއޭއީގެ ކުންފުނިތަކުން ފަރުތައް ހަލާކުވާ ފަދަ ބޮޑު މެޝިނުތައް ބޭނުންކުރާތީ ކަމަށެވެ.

ޔަމަނުގެ ޔޫނިއަން އޮފް ފިޝަރމަން އިން ބުނެފައި ވަނީ 2015 ވަނަ އަހަރުގެ މާޗް މަހުގެ ތެރޭގައި ދާހިލީ ހަނގުރާމަ ފެށުނު ފަހުން މި އަހަރުގެ އޭޕްރިލް މަހުގެ ނިޔަލަށް ސައުދީ ކޯލިޝަނުން 80 މަސްވެރިން ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި ކޯލިޝަނުން އެ މުއްދަތުގެ ތެރޭގައި 20 މަސްބޯޓަށް އަމާޒުކޮށް ވައިގެ ހަމަލާ ދީފައިވާ ކަމަށެވެ.

ހަތިޔާރު އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުގައި ފާއިތުވި ބުރާސްފަތި ދުވަހުވެސް ސައުދީ ކޯލިޝަނުން ވަނީ ހުދެއިދާގެ މަސްބޯޓުތަކަކަށް ވައިގެ ހަމަލާތައް ދީފައެވެ. އެ ހަމަލާތަކުގައި ހަ މަސްވެރިން މަރުވެފައިވެއެވެ.

ޔަމަނުގެ ދާހިލީ ހަނގުރާމަ ފެށުނު ފަހުން އެގައުމުގެ ބޮޑެތި ސިޓީތައް ވަނީ ސުންނާފަތިވެފައެވެ. އެތައް ހާސް ބަޔަކު ވަނީ ހަނގުރާމައާއި ބަލިމަޑުކަމުގެ ސަބަބުން މަރުވެ ގޮސްފައެވެ. އެހެންނަމަވެސް ޔަމަނުގެ ހާލަތު ރަނގަޅުވާނެ ކަމުގެ ނިޝާނެއް އަދިވެސް ނުފެނެއެވެ.

comment ކޮމެންޓް