ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މައްޗަށް ގަސްތުގައި ހުރަސްއެޅި ކަމުގެ ދައުވާ ސާބިތުވާ ކަމަށް ހައިކޯ ޓުން ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒުގެ މައްޗަށް ކޮށްފައިވާ ހުކުމުގެ އިސްތިއުނާފު މައްސަލަ ނުފަށާ ލަސްވަމުންދާތީ އޭނާގެ ގާނޫނީ ވަކީލުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ގާނޫނު ތަންފީޒު ކުރާ މުވައްޒަފަކަށް ގަސްދުގައި ހުރަސް އެޅުމުގެ ދައުވާ ޕީޖީ އިން ރިޔާޒުގެ މައްޗަށް މިދިޔަ އަހަރުގެ މާޗް މަހުގެ ތެރޭގައި ކްރިމިނަލް ކޯޓްގައި އުފުލި ނަމަވެސް، އެ ކޯޓުން ހުކުމް ކުރީ އޭނާގެ މައްޗަށް އެ ދައުވާ ސާބިތު ނުވާ ކަމަށެވެ. ނަމަވެސް، ދައުލަތުން އެ ހުކުމް ހައިކޯޓްގައި އިސްތިއުނާފު ކުރި އެވެ.
ހައި ކޯޓްގައި މިދިޔަ އޭޕްރިލް މަހުގެ 24 ވަނަ ދުވަހު ބޭއްވި އަޑުއެހުމުގައި ނިންމީ ކްރިމިނަލް ކޯޓުން އިއްވި ހުކުމް ބާތިލު ކުރުމަށާއި ރިޔާޒުގެ މައްޗަށް އެ ދައުވާ ސާބިތުވާ ކަމަށެވެ. ރިޔާޒު ޖަލަށް ލުމަށް ހުކުމް ކޮށްފައި ވަނީ ހަތަރު މަހާއި 24 ދުވަހަށެވެ.
ރިޔާޒުގެ ގާނޫނީ ވަކީލުންގެ ޓީމުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ ރިޔާޒު ޖަލަށްލުމަށް ހުކުމްކުރި މުއްދަތުގެ ތިން ބައިކުޅަ ދެބައި މިހާރު ތަންފީޒުކޮށް ނިމިފައިވާ އިރު ސުޕްރީމް ކޯޓުން އިސްތިއުނާފާ ގުޅޭ އެއްވެސް ކަމެއް ކުރިއަށް ނުގެންދިއުމަކީ ހިތާމަކުރާ ކަމެއް ކަމަށެވެ.
ހައުކޯޓުގައި ދައުލަތުން އިސްތިއުނާފްކޮށްފައިވާ މައްސަލާގައި ދައުލަތުން ހަމައެކަނި ހުށަހެޅީ އިޖުރާއީ ނުކުތާއެއްގެ އިސްތިއުނާފު ކަމަށް ވަކީލުން ފާހަގަކުރި އެވެ. އިޖުރާއީ ނުކުތާއާ ގުޅިގެން ބޭއްވުނު އެއްވެސް އަޑުއެހުމެއްގައި އެ މައްސަލައިގެ މައުޟޫއީ އެއްވެސް ކަމަކަށް ދައުލަތުން ވާހަކަދައްކާފައި ނުވާ ކަމަށް ވެސް ބަޔާނުގައިވެ އެވެ.