ތިނަދޫ ރައްޔިތުން ތިބީ ރައީސް ޔާމީން ދެވަނަ ދައުރަކަށް އިންތިޚާބު ކުރަން ތައްޔާރަށް: ޖިހާދު

ނައިބު ރައީސް އަބްދުﷲ ޖިހާދު: އެމަނިކުފާނު ވިދާޅުވީ ތިނަދޫ ރައްޔިތުން ތިބީ ރައީސް ޔާމީން ދެވަނަ ދައުރަކަށް އިންތިޚާބު ކުރަން ތައްޔާރަށް ކަމަށް --- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ގދ. ތިނަދޫ ރައްޔިތުން ތިބީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ދެވަނަ ދައުރަކަށް އިންތިޚާބުކުރަން ތައްޔާރަށް ކަމަށް ނައިބު ރައީސް އަބްދުﷲ ޖިހާދު ވިދާޅުވެއްޖެއެވެ.

ތިނަދޫގައި ޒުވާނުން މިއަދު ބޭއްވި ހިނގާލުމަށްފަހު މީޑިއާއަށް މައުލޫމަތު ދެއްވަމުން ނައިބު ރައީސް ޖިހާދު ވިދާޅުވީ ތިނަދޫ އަކީ މި ސަރުކާރުން އެންމެ ގިނަ އެއް މަޝްރޫއު ހިންގި އެއް ރަށް ކަމަށާއި ރައީސް ޔާމީން ގެނެސްދެއްވި ތަރައްގީ އެރަށު ރައްޔިތުން ބަލައިގަންނަ ކަމަށެވެ.

"އާދެ. ތިނަދޫ އަކީ ރައީސް ޔާމީންގެ ސަރުކާރުން އެންމެ ގިނަ މަޝްރޫއުތައް ހިންގި އެއްރަށް. އެކަމުން ދޭހަވެގެންދަނީ ރައީސް ޔާމިންގެ ހިތްޕުޅުގައި ތިނަދޫއާ މެދު އޮތް ހާއްސަ ލޯބި،" ޖިހާދު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ތިނަދޫއަކީ ތަރައްގީއަށް ލޯބި ކުރާ ހޭލުންތެރި އަދި ތައުލީމީ ބަޔަކު ދިރިއުޅޭ ރަށެއްކަމަށާއި އެ ރަށުގެ ރައްޔިތުން ތިބީ ރައީސް ޔާމީނާ އެކު ކަމަށެވެ.

ރައީސް ޔާމީނަށް އޮތް ތާއީދު ދެއްކުމަށް ތިނަދޫ ޒުވާނުން މިއަދު ބޭއްވި ހިނގާލުމުގެ ތެރެއިން ---

ވޭތުވެދިޔަ ސަރުކާރުތަކުން އެތައް އަހަރެން ވަންދެން ކޮށްދިން ކަންތައްތަކާއި ރައީސް ޔާމީންގެ ފަސް އަހަރު ދުވަހުގެ ޒައާމަތުގައި ކޮށްދެއްވި ކަންތައްތައް ނުބައްދަލު ކަމަށެވެ. އަދި ސަރުކާރުން 47 މަޝްރޫއު ތިނަދޫގައި ހިންގިއިރު އެއިން ކޮންމެ މަޝްރޫއުއަކީވެސް ތިނަދޫގެ ކުރިމަގާ ގުޅިފައިވާ މަޝްރޫއެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ތިނަދޫގައި މިއަދު ކުރިއަށްދިޔަ ޚާއްސަ ހިނގާލުމުގައި ގިނަ އަދަދެއްގެ ބަޔަކު ވަނީ ބައިވެރިވެފައެވެ. ހިނގާލުމަށްފަހު ވަނީ އެރަށުގައި ގަސް އިންދުމުގެ ހަރާކާތެއް ވެސް ކުރިއަށްގެންގޮސްފައެވެ.

ހިނގާލުމުގައި ބައިވެރިވި މީހަކު ބުނީ ތިނަދޫގެ ކޮންމެ ދިމާލެއް ބަލާލިޔަސް ފެންނަނީ ރައީސް ޔާމީން އެރަށަށް ގެނެސްދެއްވާފައިވާ ތަރައްގީ ކަމަށެވެ.

"ހިނގާލުން މި ބޭއްވި މަގުތަކަކީވެސް ރައީސް ޔާމީން ހައްދަވައި ދެއްވާފައިވާ މަގުތަކެއް. މިއީ ޒުވާނުން ބޭނުންވާ ތަރައްގީއަކީ. މުޅި ތިނަދުއަށްވެސް ބަލައިލުމުން ފެންނަނީ ރައީސް ޔާމީން ތިނަދޫއަށް ގެނެސްދެއްވި ތަރައްގީގެ ރަމްޒުތައް،" އޭނާ ބުންޏެވެ.

ތިނަދޫ ޒުވާނުން އިސްނަގައިގެން މިރޭ ވަނީ އެރަށުގައި ކެމްޕެއިން ޖަގަހައެއް ވެސް ހުޅުވާފައެވެ.

comment ކޮމެންޓް