ޗެލްސީން ލޯ އަޅަމުންދިޔަ ގޮލޮވިން މޮނާކޯއަށް

ރަޝިއާގެ ތަރި ގޮލޮވިން --- ފޮޓޯ/ އޭޕީ

ވޯލްޑް ކަޕްގައި ރަޝިއާ ޓީމުން އެންމެ ވިދާލި އެލެކްސެންޑްރާ ގޮލޮވިން ޗެލްސީއަށް ނޫނެކޭ ބުނެ، ފްރާންސްގެ މޮނާކޯއާ ގުޅިއްޖެއެވެ.

ވޯލްޑް ކަޕަށްފަހު ގޮލޮވިން ހޯދުމަށް އެންމެ ބޮޑު މަސައްކަތެއް ކުރި ޓީމަކީ ޗެލްސީއެވެ. އެޓީމުން ދެ ފަހަރެއްގެ މަތިން ގޮލޮވިން ހޯދުމަށް ސީއެސްކޭ މޮސްކޯއަށް ހުށަހެޅި ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފައިވާ އިރު، ގޮލޮވިން މޮނާކޯއާ ގުޅިފައި ވަނީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ.

އުމުރުން 22 އަހަރުގެ ގޮލޮވިންގެ ސޮއި މޮނާކޯއިން ހޯދީ ކިހާވަރެއްގެ އަގަކަށް ކަމެއް އެ ކްލަބުން ހާމަކޮށްފައެއް ނުވެއެވެ.

ރަޝިއާއިން މިފަހަރުގެ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލް ކުޅެފައިވާ އިރު، ގޮލޮވިން ވަނީ ހަތަރު މެޗު ކުޅެ، ފުރަތަމަ މެޗުގައި ގޯލްވެސް ޖަހާފައެވެ. މޮނާކޯއާ ގުޅުމަށްފަހު ގޮލޮވިން ބުނެފައި ވަނީ މޮނާކޯ ވެގެންދާނީ އޭނާއަށް ތަފާތު ތަޖުރިބާއަކަށް ކަމަށާއި، މޮނާކޯއާ ގުޅުމަށް އޭނާ ގިނަ ހުށަހެޅުންތަކަކަށް އިންކާރު ކުރި ކަމަށެވެ.

ގޮލޮވިންގެ ސޮއި ހޯދުމާއެކު މޮނާކޯއިން ބުނެފައި ވަނީ ޔޫރަޕްގެ ބޮޑެތި ކްލަބުތަކަށް އިންކާރު ކޮށް، ގޮލޮވިން މޮނާކޯއަށް ސޮއިކުރީ، އޭނާގެ ކުރިއެރުމަށް އެންމެ ބޮޑު ޕްރޮޖެކްޓެއް އޮތީ މޮނާކޯގައި ކަމަށް ވާތީ ކަމަށެވެ.

ސީއެސްކޭ މޮސްކޯގެ ޔޫތު ޓީމަށްވެސް ކުޅުނު ގޮލޮވިން އެ ކްލަބުގެ ސީނިއާ ކެރިއަރަށް ފުރަތަމަ މެޗު ކުޅެދީފައި ވަނީ 2014 ވަނަ އަހަރުގައެވެ. އެ އަހަރުން ފެށިގެން އޭނާ ވަނީ ކްލަބަށް 81 މެޗު ކުޅެ، ނުވަ ގޯލް ޖަހައިފައެވެ.

comment ކޮމެންޓް