ދިއްލީގައި ތިން ކުއްޖަކު ބަނޑަށް މަރުވުމުން އިންޑިއާއަށް ސިހުން

އިންޑިއާގެ ދިއްލީގައި ތިން ކުއްޖަކު ވަނީ ހައިހޫނުކަމުގެ ސަބަބުން މަރުވެފައި -- ފޮޓޯ: ރޮއިޓާސް

ދިއްލީ (ޖުލައި 27): ދުނިޔޭގައި އެންމެ އަވަހަށް ކުރިއަރަމުން އަންނަ އިގުތިސާދުކަމަށްވާ އިންޑިއާގެ ވެރިރަށުގައި ތިން ކުޑަކުއްޖަކު ބަނޑަށް މަރުވި ހަބަރާއެކު މުޅި ގައުމަށް ސިހުން ލިބިއްޖެއެވެ.

އުމުރުން އަށް އަހަރުގެ މާންސީ، ހަތަރު އަހަރުގެ ޝީކާ އަދި ދެ އަހަރުގެ ޕަރުލް ހައިހޫނުކަމުގެ ސަބަބުން މަރުވިކަން މިދިޔަ އަންގާރަ ދުވަހު ހާމަކުރީ ނިއު ދިއްލީގެ ލާލް ބަހާދުރު ޝަސްތުރީ ހޮސްޕިޓަލުންނެވެ. އެ ހޮސްޕިޓަލުން ވަނީ އެކުދިންގެ ޕޯސްޓްމޯޓަމް ދެ ފަހަރަށް ހަދާފައެވެ.

"ޕޯސްޓްމޯޓަމް ހެދުމުން ފެނުނީ، އެކުދިންގެ ބަނޑުގައި އެއްވެސް އެއްޗެއް ނެތްކަށް އަދި ބްލެޑާއާއި ރެކްޓަމްގައިވެސް އެއްވެސް އެއްޗެއް ނެތްކަން. އެކުދިން ފާއިތުވި އަށެއް ނުވަތަ ނުވަ ދުވަސް ތެރޭ އެއްޗެއް ކޭކަމުގެ އެއްވެސް ހެއްކެއް ނެތް،" އެކުދިން ގެންދިޔަ ހޮސްޕިޓަލުގެ ޑޮކްޓަރު ޑރ. އަމިތު ސަކްސޭނާ ވިދާޅުވިއެވެ.

ދިއްލީގެ ފުލުހުން މިހާރު ވަނީ އެ މައްސަލަ ތަހުގީގުކުރަން ފަށާފައެވެ. ފުލުހުން ބުނާ ގޮތުގައި އެކުދިންގެ ބައްޕަ މަންގަލް ސިންހު ވަނީ ހޯދާ ނުފެނިފައެވެ. އަދި އެކުދިންގެ މަންމަގެ "ނަފްސާނީ މައްސަލަތަކެއް" ހުރުމުން އޭނާއަށް ފުލުހުން ކުރާ ސުވާލުތަކަށް ޖަވާބެއް ނުދެވެއެވެ.

އެ ހާދިސާގެ ސަބަބުން އިންޑިއާގައި ހައިހޫނުކަން ތަހައްމަލުކުރަން ޖެހޭ މީހުންގެ ހާލަތަށް ވަނީ ގިނަ ބައެއްގެ ސަމާލުކަން ލިބިފައެވެ.

އިންޑިއާގެ ރާޖަސްތާނުގައި މަސައްކަތު މީހުންގެ ހައްގުތަކަށް މަސައްކަތް ކުރާ ޖަމްއިއްޔާއެއްގެ އެކްޓިވިސްޓެއް ކަމަށްވާ ނިކްހިލް ދޭ ބުނި ގޮތުގައި އެ ހާދިސާއަށް ގިނަ ބަޔެއްގެ ސަމާލުކަން ލިބިފައި ވަނީ އެއީ ދިއްލީގައި ހިނގި ހާދިސާއަކަށްވުމުންނެވެ.

"ހައިހޫނުކަމުގެ ސަބަބުން އިންޑިއާގެ ވަރަށް ގިނަ އަވަށްތަކުގައި މީހުން މަރުވަމުން އެބަދޭ. ނަމަވެސް ދިއްލީގައި ހިނގި ހާދިސާއަށް ސަމާލުކަން ލިބުނީ އެއީ ގައުމުގެ ވެރިރަށަށް ވުމުން،" ދޭ ބުންޏެވެ.

އިންޑިއާ ސަރުކާރުގެ 2011 ވަނަ އަހަރުގެ ތަފާސްހިސާބުން ދައްކާ ގޮތުގައި އެގައުމުގެ 65 މިލިއަން މީހުން ދިރިއުޅެނީ އެންމެ އާދައިގެ ހިދުމަތްތައް ނުލިބޭ ސަރަހައްދުތަކުގައެވެ. އަދި އެ ގައުމުގެ އެންމެ ފަގީރު ސްޓޭޓުތަކުގެ ތެރޭގައި ހިމެނޭ ޖަރުޚަންދު ސްޓޭޓުން މިއަހަރު ތެރޭ ގިނަ އަދަދެއްގެ މީހުން ހައިހޫނުކަމުގެ ސަބަބުން މަރުވެފައިވާ ކަމަށް ރިޕޯޓުކޮށްފައިވެއެވެ.

(އަލްޖަޒީރާ)

ގުޅޭ ޓެގު
comment ކޮމެންޓް