އިސްތިއުމާރީ ބާރުތަކުން ކުރިން ރާއްޖެ އަޅުވެތުކުރި ގޮތަށް މިއަދުވެސް ރާއްޖެ އަޅުވެތިކުުރުމަށް މަސައްކަތް ކުރަމުންގެންދާ ކަމަށް ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ވިދާޅުވެއްޖެއެވެ.
މިއަހަރުގެ ގައުމީ އިނާމް ދިނުމަށް މިރޭ ޖުމްހޫރީ މައިދާންގައި ބޭއްވި ޖަލްސާގައި ވާހަަކަފުޅުދައްކަވަމުން ހޯމް މިނިސްޓަރު ވިދާޅުވީ އިންޑިއާ ކަނޑުގައި ރާއްޖެ އޮތް ސަރަހައްދަކީ ދުނިޔޭގެ ކުރިއަރައިފައިވާ ބާރުަތަކަށް ވަރަށް މުހިންމު ސަރަހައްދެއް ކަމަށެވެ.
"ދިވެހިންނަށް ހެޔޮ ނޭދޭ ދުނިޔޭގެ ބާރުަތަކަށް މިގައުމު އެބަ މުހިންމުވޭ. ތާރީހް ކަށަވަރުކޮށްދޭ ގޮތުގައި އެފަދަ ބާރުތަކުގެ އެ ދެންނެވި ފަދަ ފެންބޮވައިގަތުމުގެ އާޚިރު ނަތީޖާއަކީ ދިވެހިރާއްޖޭގެ އަމަން އަމާންކަން ފުނޑު ފުނޑުވުން. ދިވެހީންގެ ކުރިއެރުމާއި ތަރައްގީ އިނދަޖެހުން. ރައްޔިތުންގެ ލޭ އޮހޮރުވުން. މުދަލާއި ގެދޮރުގައި އަލިފާން ޖެހުން،" އަޒްލީން ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، މިއީ ރާއްޖެއާ ރާއްޖެއިން ބޭރުގައި ހިނގަމުންދާ ކަންތައްތަކާމެދު ފުންކޮށް ވިސްނާލަން ރަނގަޅު މުހިންމު ވަގުތުކޮޅެއް ކަމަށާއި ކުރީގެ ތާރީހީ ދުވަސްތަކާއި މިއަދާ އެއްވެސް ފަރަގެއް ނެތް ކަމަށެެވެ.
ރާއްޖެ އިނގިރޭސީންގެ ހިމާޔަތުގެ ދަށަށް ދިޔަ ދުވަސްވަރަށް އިޝާރާތްކުރައްވައި މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި އޭރު ހިންގި ބޮޑު ހުޅުގެ ހާދިސާގެ އަޑީގައި ތިބި މީހުންނަށް ސިލޯނުގައި ތިބި އިނގިރޭސީން ހިމާޔަތް ދިން ކަމަށެވެ. އަދި މިއަދުވެސް ރާއްޖޭގައި ދައުލަތުގެ މުދާތައް އަންދައި އެކަމަށް ހިތްވަރުދިން ފަރާތްތަކާ އިނގިރޭސީންނާ ގުޅުން އޮންނަ ކަމަށް އޭނާ ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ މިޒަމާނުގައި ގައުމެއްގެ މައްޗަށް އަތްގަދަކުރާ ފަރާތްތަކުން އެންމެ ފުރަތަމަ ނަގާލަނީ ގައުމުގެ އަމަން އަމާންކަން ކަމަށާއި އެކަން ކުރާނެ ގޮތް އަބަދުވެސް ދުރާލައި ރޭވިފައި އޮންނަ ކަމަށެވެ. އަދި ރާއްޖެއަށް އެހެން ދީންތައް ގެންނަން މަސައްކަތްކުރާނީވެސް ރާއްޖޭގެ ރައްޔިތުން ބައިބައިކުރަންވެގެން ކަމަށް އަޒްލީން ވިދާޅުވިއެވެ.