މޫޑީސް އިންވެސްޓާސް ސާވިސް އިން ރާއްޖެ އަށް ދީފައިވާ ބީ2 ކްރެޑިޓް ރޭޓިން ދެމެހެއްޓުމަށް ނިންމައިފި އެވެ.
ރާއްޖެ އަށް އެންމެ ފުރަތަމަ ކްރެޑިޓް ރޭޓިން ދިން މޫޑީސް އިން ބީ2 ރޭޓިން ދެމެހެއްޓި ނަމަވެސް، ރޭޓިން އައުޓްލުކް ނުވަތަ ތަސައްވުރު ވަނީ "ސްޓޭބަލް" އިން "ނެގެޓިވް" އަށް ބަދަލުކޮށްފަ އެވެ.
ދުނިޔޭގެ އެންމެ ބޮޑު ކްރެޑިޓް ރޭޓިން އެޖެންސީގެ ތެރޭގައި ހިމެނޭ މޫޑީސް އިންވެސްޓާސް ސާވިސް އިން ފުރަތަމަ ފަހަރަށް ރާއްޖެ ރޭޓު ކުރީ 2016 ވަނަ އަހަރު އެވެ. މިއީ މޫޑީސް އިން ރާއްޖެ ރޭޓުކުރި ދެ ވަނަ ފަހަރެވެ.
މިފަހަރުގެ ރޭޓިންގައި އައުޓްލުކް ނެގެޓިވް އަށް ބަދަލު ކޮށްފައިވާ މައިގަނޑު ސަބަބުތަކުގެ ގޮތުގައި މޫޑީސް އިން ފާހަގަ ކުރަނީ ސަރުކާރުން ހިންގާ ޕްރޮޖެކްޓުތަކަށް ދަރަންޏަށް ފައިސާ ނަގަމުން އަންނައިރު، އެ ފައިސާ އަނބުރާ ދެއްކުމުގައި ހުރި އުނދަގޫތަކެވެ.
މޫޑީސްގެ ރޭޓިން އާ ގުޅިގެން ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު މިއަދު "ސަން" އަށް ދެއްވި ޚާއްސަ އިންޓަވިއު އެއްގައި، ވިދާޅުވީ މޫޑީސް އިން ފާހަގަ ކުރާ ކަންކަމަކީ ސަރުކާރުން ވެސް ފާހަގަ ކުރަމުން އަންނަ ކަންކަން ކަމަށެވެ.
"އެބޭފުޅުން ނެގެޓިވް އޭ މި ބުނަނީ މިސާލަކަށް އައުޓް ޓާން އަންނަ ގޮތަކުން. އަޅުގަނޑުމެންނަކީ ފަތުރުވެރިކަމަށް ބިނާވެފަ އޮންނަ ގައުމަކަށް ވާތީ، މިސާލަކަށް ކޮންމެސް ކަހަލަ ގްލޯބަލް އައުޓްބްރޭކެއް އައީ ހެލްތު ކަހަލަ ކަމެއްގަ. ފަހަރުގަ އެކަހަލަ ޝޮކެއް އަތުވެދާނެ އިކޮނޮމީ އަށް. އެކަހަލަ ޝޮކެއް އަތުވެއްޖެއްޔާ ސަރުކާރަށް ޕްރެޝާ ވެދާނޭ ލިކުއިޑޭޝަނަށް،" މުނައްވަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އެފަދަ ރިސްކުތަކަށް ސަރުކާރުން ވެސް ސަމާލުކަން ދީގެން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން 2017 ވަނަ އަހަރު އުފެއްދި ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަކީ އެ ފަދަ ހާލަތްތަކުގައި ދައުލަތުގެ ދަރަނި އަދާކުރުމަށް ބޭނުން ކުރަން ރައްކާކުރާ ފައިސާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެ ފަންޑުގައި 2022 ވަނަ އަހަރު އަންނަ އިރު 500 މިލިޔަނެއްހާ ޑޮލަރު ޖަމާވެފައި ހުންނާނެ ކަމަށް ވެސް މިނިސްޓަރު ލަފާކުރެއްވި އެވެ.
މޫޑީސް އިން ވަނީ ސަރުކާރުން ބޮންޑް ވިއްކުން ވެސް ފާހަގަ ކޮށްފަ އެވެ.
ރާއްޖޭން ބޭރުގެ މާލީ ބާޒާރަށް ވިއްކާފައިވާ 200 މިލިޔަން ރުފިޔާގެ ބޮންޑު އަދާކުރަން ޖެހޭނީ 2022 ވަނަ އަހަރުގެ މެދުތެރޭގަ އެވެ. މުނައްވަރު ވިދާޅުވީ އޭރަށް ވާއިރު ބޮންޑް އަދާ ކުރުމަށް ވެސް ދަތި ނުވާނެ ކަމަށެވެ.
ރާއްޖޭގެ ބަޖެޓް ޑެފިސިޓް ކުޑަ ކޮށް، ސަރުކާރުގެ ހަރަދުތައް މެނޭޖް ކުރަމުން އަންނަ ގޮތާ މެދު މޫޑީން ހިތްހަމަ ޖެހޭ ކަމަށް ކްރެޑިޓް ރޭޓިން ދެމެހެއްޓުމަށް ފަހު ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ. އަދި މިނިސްޓަރު ފާހަގަ ކުރެއްވި ގޮތަށް ރާއްޖޭގެ ސޮވަރިން ޑިވެލޮޕްމަންޓް ފަންޑެއް ގާއިމް ކޮށްގެން އެ ފަންޑަށް ފައިސާ ޖަމާ ކުރަމުން އަންނަ އައުމަކީ ދަރަނި އަދާކުރުމަށް ދިމާވާ ދަތިތަކުން އަރައިގަތުމަށް ސަރުކާރުން ފަށާފައިވާ ވަރަށް މުހިންމު މަސައްކަތެއް ކަމަށް މޫޑީސް އިން ވެސް ބުނެ އެވެ.
އޭގެ އިތުރުން ދަރަނި ނަގައިގެން ރާއްޖޭން ކުރިއަށް ގެންދަނީ އުމްރާނީ ބޮޑެތި މަޝްރޫއުތައް ކަމުން، އެ ކަންކަމުން ދުރު މުސްތަގުބަލުގައި ފައިދާ ވާނެ ކަމަށް މޫޑީން ބުނެ އެވެ. އަދި އެ ޕްރޮޖެކްޓްތައް ނިމުމުން ޚިދުމަތްތައް އަވަސްވެ، ރާއްޖެ އަށް ލިބޭ އާމްދަނީ އިތުރު ވާނެ ކަމަށް މޫޑީން ބުނެ އެވެ.
މޫޑީސްގެ ރޭޓިން ދެމެހެއްޓީ އެ ތަނުގެ އޮފިޝަލުން ރާއްޖެ އައިސް، ސަރުކާރުގެ ކަމާ ގުޅޭ އިދާރާތަކުގެ އިތުރުން އަމިއްލަ ވިޔަފާރިތައް ހިންގާ ފަރާތްތަކާ އެކު ބޭއްވި މަޝްވަރާތަކަށް ފަހު އެވެ.
ހޮންކޮންގްގެ ފިޗް ރޭޓިންސް އިން ވެސް ވަނީ މިދިޔަ އަހަރު ރާއްޖެ އަށް ދިން "ބީ ޕްލަސް" ރޭޓިން މި އަހަރު ވެސް ދަމަހައްޓާފަ އެވެ. މޫޑީސްގެ ބީ2 ރޭޓިން އަކީ ފިޗްގެ "ބީ ޕްލަސް" ރޭޓިންއާ ގާތްގަނޑަކަށް އެއް ވަރެއްގެ ރޭޓިން އެކެވެ.