އިވަންކާ ޓްރަމްޕްގެ ފެޝަން ބްރޭންޑް ހުއްޓުމަކަށް

އިވަންކާ ޓްރަމްޕް ވަނީ އެކަމަނާގެ ބްރޭންޑް ހުއްޓާލަން ނިންމަވާފައި -- ފޮޓޯ: ގެޓީ

ވޮޝިންޓަން (ޖުލައި 25): އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ދަރިކަނބަލުން އިވަންކާ ޓްރަމްޕްގެ ފެޝަން ބްރޭންޑް ހުއްޓާލައި، އެކުންފުނި ބަންދު ކުރަން އެކަމަނާ ނިންމަވައިފި އެވެ.

އިވަންކާ ވިދާޅުވި ގޮތުގައި ކުންފުނި ބަންދު ކުރަން ނިންމެވީ ވައިޓް ހައުސްގެ މަސައްކަތްތަކަށް އިސްކަން ދެއްވުމުގެ ގޮތުންނެވެ.

"ވޮޝިންޓަންގައި 17 މަސްވެފައިވާ އިރު، އަޅުގަނޑަކަށް ނޭނގެ ދެން ވިޔަފާރިއަށް އަނބުރާ ދެވެނޭ ކަމެއް. ނަމަވެސް ކައިރި މުސްތަގުބަލުގައި އަޅުގަނޑު އިސްކަންދޭނީ ވޮޝިންޓަންގައި މިކުރާ މަސައްކަތަށްކަން އެނގޭ، އެހެންކަމުން މިހާރު މިގޮތަށް ނިންމުމަކީ އަޅުގަނޑުގެ ޓީމަށާއި ޕާޓްނަރުންނަށް އެންމެ ރަނގަޅު ގޮތް،" އިވަންކާގެ ބަޔާނުގައިވެ އެވެ.

ދެހާސްސާދަ ވަނަ އަހަރު ލޯންޗު ކުރި އިވަންކާ ބްރޭންޑުން އުފައްދާ ތަކެތީގެ ތެރޭގައި އަންނައުނާއި އަތްދަބަހާއި ސެންޓު ފަދަ ތަކެތި ހިމެނެ އެވެ.

މިދިޔަ އަހަރު އިވަންކާ ވަނީ ރައީސް ޓްރަމްޕްގެ އިސް މުޝީރެއްގެ މަގާމަށް ވަޑައިގެންނެވުމާ އެކު އިވަންކާ ކުންފުނިން އިސްތިއުފާ ދެއްވާފައި އެވެ. އެހެންނަމަވެސް ގިނަ އަދަދެއްގެ މީހުން ވަނީ އިވަންކާ އެފަދަ މަގާމެއްގައި ހުންނެވުމުން ވިޔަފާރީގެ މަސްލަހަތަށް ފުށޫ އަރާނެ ކަމަށް ބުނެފަ އެވެ.

އަދި ރައީސް ޓްރަމްޕްގެ ވެރިކަމާ ދެކޮޅު ގިނަ އަދަދެއްގެ މީހުން ވަނީ އިވަންކާ ބްރޭންޑް ބޯއިކޮޓްކޮށްފަ އެވެ.

މިދިޔަ ހަފްތާގައި، ކެނެޑާގެ އެންމެ ބޮޑު ޑިޕާޓްމެންޓް ސްޓޯ ޗެއިން ކަމަށްވާ ހަޑްސަންސް ބޭ އިން ވަނީ އިވަންކާ ބްރޭންޑުގެ ތަކެތި ނުވިކޭ ކަމަށް ބުނެ، އެބްރޭންޑުގެ ތަކެތި ވިއްކުން ހުއްޓާލާފަ އެވެ. (ބީބީސީ)

comment ކޮމެންޓް