ޕާކިސްތާނުގެ ވޯޓުލާ މަރުކަޒެއް ކައިރިއަށް ހަމަލާދީ 28 މީހަކު މަރާލައިފި

ޕާކިސްތާނުގެ އާއްމު އިންތިހާބުގައި ވޯޓުލުން ވަނީ މިއަދު ފަށާފައި -- ފޮޓޯ: އޭއެފްޕީ

އިސްލާމްއާބާދު (ޖުލައި 25): ޕާކިސްތާނުގެ ކުއެޓާގައި ވޯޓުލާ މަރުކަޒެއް ކައިރިއަށް ބޮމުގެ ހަމަލާއެއްދީ 28 މީހަކު މަރާލައި، 35 މީހަކު ޒަހަމްކޮށްލައިފި އެވެ.

ކުއެޓާގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި އެހަމަލާ ދިން މީހާ މަސައްކަތް ކުރީ ވޯޓުލާ މަރުކަޒަށް ވަންނާށެވެ. ނަމަވެސް ފުލުހުން އެމީހާ ހުއްޓުވުމުން، އެމަރުކަޒު ކައިރީ އަމިއްލައަށް މަރުވެގެން ހަމަލާ ދިނީ އެވެ.

އެހަމަލާގެ ޒިންމާ އަދި އެއްވެސް ޖަމާއަތަކުން ނަގާފައި ނުވެ އެވެ. ނަމަވެސް މިމަހުގެ 14ގައި އިސްލާމިކް ސްޓޭޓް (އައިއެސް)އިން ވަނީ ކުއެޓާ ނިސްބަތްވާ ބަލޮޗިސްތާން ޕްރޮވިންސަށް ހަމަލާއެއްދީ، 153 މީހަކު މަރާލައިފަ އެވެ.

ޕާކިސްތާނުގައި މިއަދު ބާއްވާ އާއްމު އިންތިހާބުގެ ކެމްޕެއިން ތެރޭގައި އެކި ޕާޓީތަކަށް އަމާޒުކޮށް ދިން ހަމަލާތަކުގައި 179އަށް ވުރެ ގިނަ މީހުން މަރުވެފައިވެ އެވެ. އޭގެ ސަބަބުން މިއަދު ސަލާމަތީ ކަންތައްތައް ބެލެހެއްޓުމަށް އެގައުމުގައި 800،000 އަށް ވުރެ ގިނަ ފުލުހުންނާއި ސިފައިން ހަރަކާތްތެރިވާނެ އެވެ.

ޕާކިސްތާނުގެ ގާނޫނު ހަދާ މަޖިލީހުގެ ތިރީގެއަށާއި ހަތަރު ޕްރޮވިންސެއްގެ މަޖިލީހަށް މެމްބަރުން ހޮވަން ހަމަޖެހިފައިވާ އެއިންތިހާބުގައި ވޯޓުލާން 106 މިލިއަން މީހުން ރެޖިސްޓާކޮށްފައިވެ އެވެ.

އަދި އެއިންތިހާބުގައި މަޖިލީހުގެ ތިރީގޭގެ 272 ގޮނޑިއަށް 3,675 ކެނޑިޑޭޓުން ވާދަ ކުރެ އެވެ. އަދި ކޯލިޝަނެއް ހެދުމަކާ ނުލައި، އެއް ޕާޓީއަކަށް އެގައުމުގެ ވެރިކަން ކުރެވޭނީ 137 ގޮނޑި ކާމިޔާބުކޮށްގެންނެވެ.

އެ އިންތިހާބުގައި އެންމެ ގާތުން ވާދަ ކުރާނެ ކަމަށް ބެލެވެނީ ވެރިކަން ކުރާ ޕާކިސްތާން މުސްލިމް ލީގް ނަވާޒް (ޕީއެމްއެލް-އެން) އާއި އިދިކޮޅު ލީޑަރު އިމްރާން ޚާންގެ ޕާޓީ ޕާކިސްތާން ތަހްރީކް އީ އިންސާފް (ޕީޓީއައި) އެވެ.

އަދި ކުރީގެ ބޮޑުވަޒީރު ބޭނަޒީރު ބުއްޓޫގެ ދަރިކަލުން ބިލާވަލް ބުއްޓޫ ޒަރުދާރީ އިސްކޮށް ހުންނަވާ ޕާކިސްތާން ޕީޕަލްސް ޕާޓީ (ޕީޕީޕީ) އާއި ދީނީ ޕާޓީތަކުގެ ކޯލިޝަން، މުއްތަހިދާ މަޖިލިސް އީ އަމާލް (އެމްއެމްއޭ)އިން ވެސް މަޖިލީހުގެ ގިނަ ގޮނޑިތައް ކާމިޔާބު ކުރާނެ ކަމަށް ބެލެވެ އެވެ. (އޭއެފްޕީ)

comment ކޮމެންޓް