"ނިވައިރޯޅި" އަށް ބެލުންތެރިން ޝައުގުވެރިވާނެ ކަމުގެ ޔަގީންކަން

ނިވައިރޯޅިގެ ޝޫޓިން ކުރިއަށްދަނިކޮށް--- ފޮޓޯ/ ފޭސްބުކް

ކާމިޔާބު ބަތަލާ ނިއުމާ މުހައްމަދު ކެމެރާ ކުރިމަތިން ފެންނާނެ އެންމެ ފަހު ފިލްމު "ނިވައިރޯޅި"ގެ މަސައްކަތާ މެދު ވަރަށް ހިތްހަމަޖެހޭ ކަމަށާއި ފިލްމު ބެލުމަށްފަހު އެއްވެސް ބެލުންތެރިއެއް "ޑިސްއެޕޮއިންޓް" ނުވާނެ ކަމަށް ފިލްމުގެ ޑައިރެކްޓަރު މޫމިން ފުއާދު ބުނެފިއެވެ.

ސަން ޓީވީގެ "މަރިޔާދު" ޕްރޮގްރާމްގައި ވާހަކަ ދައްކަމުން މޫމިން ބުނީ ބޮޑު ފިލްމެއް ޑައިރެކްޓް މި ކުރަނީ އަށް ވަރަކަށް އަހަރު ފަހުން ކަމަށާއި އެންމެ ފަހުން ޑައިރެކްޓްކުރި "ލޫދިފާ" އަށްވުރެ މި ފިލްމު ވަރުގަދަވާނެ ކަމަށެވެ.

ވަރަށް ކުރިން ވެސް މޮޅު ތަފާތު ފިލްމެއް ހެދުމުގެ މަޝްވަރާ ނިއުމާ އާ އެކީ ކުރަމުން އަންނަ ކަމަށާއި މިހާރު މިއޮތީ ބޮޑު، މޮޅު ފިލްމެއް ހެދުމުގެ އިންތިޒާރަށް ނިމުމެއް އައިސްފައި ކަމަށް އޭނާ ބުންޏެވެ.

"އަބަދުވެސް ދެކެވޭނެ މޮޅު ފިލްމެއް ހަދާ ވާހަކަ. ދެން ނިއުމާ ފިލްމު ކުޅުން ހުއްޓާލާކަން އެނގުނު ހިސާބުން ހިތަށް އެރީ މިއޭ އެންމެ ރަނގަޅު ދަނޑިވަޅަކީ ބޮޑު، ރަނގަޅު ފިލްމެއް ހަދަން،" މޫމިން ބުންޏެވެ.

މޫމިން ބުނީ ފިލްމުގައި މަސައްކަތްކޮށްފައިވަނީ "ޕްރޮފެޝަނަލް" މީހުން ކަމަށާއި "ހިތް ހަމަޖެހޭ މިންގަނޑަށްވުރެ ތަންކޮޅެއް މައްޗަށް" މަސައްކަތް ކުރެވުނު ކަމަށެވެ.

ފިލްމުގެ ހުރިހާ ކާސްޓުންގެ މަސައްކަތާ މެދު ވަރަށް ހިތްހަމަޖެހޭ ކަމަށާއި ޝޫޓިން ކުރިއަށް ދިޔަ ގޮތާ މެދުވެސް ހިތްހަމަޖެހޭ ކަމަށް މޫމިން ބުންޏެވެ.

އެ ފިލްމުގެ ތަރިންނަކީ ޔޫސުފް ޝަފީއު (ޔޫއްޕެ)، ފާތިމަތު ޒީނަތު (ޒީތު)، ނިއުމާ މުހައްމަދު، އަމިނަތު ރިޝްފާ، އަހްމަދު ޒިޔާ، އަހްމަދު ސައީދު، މަރިޔަމް ޝަކީލާ، މަރިޔަމް ހަލީމް، އަމިނަތު ރަޝީދާ (އައިންތު)، އަހްމަދު އަޒްމީލް (އަޒޭ)، ނާޝިދާ މުހައްމަދު (ނާއްކޮ)، އަހްމަދު އާސިފް، އިސްމާއިލް ޒާހިރު، އާމިނަތު އިޝާލް ރަޝީދު އަދި އަޖްނާޒް އަލީ އެވެ.

"ނިވައިރޯޅި" ރިލީޒްކުރާނީ އަންނަ އޮކްޓޯބަރު މަހުގެ 15 ވަނަ ދުވަހު އެވެ.

"މި ފިލްމުގެ މަސައްކަތްކުރީ ހަމަ ބޮޑު ޓީމަކާ އެކީ. ޓީމް ވޯކް ވަރަށް ވަރުގަދަވާނެ. ފިލްމުގެ އެއްވެސް މަންޒަރެއް އުނި ކަމަކަށް ފާހަގައެއް ނުކުރެވޭ. އެހާވެސް މަސައްކަތްކޮށްފައި ހުންނާނެ ފިލްމަށް،"

"ނިވައިރޯޅި" ވެގެންދާނީ ބެލުންތެރިން ފާހަގަކޮށްލާނެ މޮޅު ފިލްމަކަށް ކަމަށް ވެސް ޑައިރެކްޓަރު މޫމިން ބުންޏެވެ.

comment ކޮމެންޓް