މަގުބޫލު ފޮޓޯ ޝެއަރިން އެޕްލިކޭޝަން ސްނެޕްޗެޓުގެ ހާޑްވެއާ ވައިސް ޕްރެޒިޑެންޓު މާކް ރެންޑަލް އެ ކުންފުނިން އިސްތިއުފާ ދީފިއެވެ.
މާކެޓުގައި އެހާ މަގުބޫލު ނޫން ސްނެޕް ކުރެވޭ އައިނު ނުވަތަ ސްނެޕް ސްޕެކްޓެކްސްލް އުފެއްދުމުގެ އެއް މޭސްތިރިޔާ ކުންފުނިން އިސްތިއުފާ ދިނީ އަމިއްލަ ވިޔަފާރިއެއް ފަށައި އެ ވިޔަފާރިއަށް ވަގުތު ދިނުމަށެވެ.
މާކް ސްނެޕް ކުންފުންޏާ ގުޅުނީ އެކުންފުނީގެ ހާޑްވެއާ ވިޔަފާރި އިތުރަށް ކުރިއަރުވައި ވަރުގަދަ ކުރުމަށެވެ.
މާކްގެ އިސްތިއުފާ އާއެކު ސްނެޕްޗެޓުގެ ހިންގުމުގެ އޮނިގަނޑަށް ބޮޑު ބަދަލެއް އަންނާނެއެވެ. ހުސްވި އަހަރަކީވެސް ސްނެޕްޗެޓަށް އެންމެ ކާމިޔާބު އަހަރެއް ނޫނެވެ. 40 މިލިއަން ޑޮލަރުގެ ގެއްލުމެއް ހުސްވި އަހަރު އެ ކުންފުންޏަށް ކުރިމަތިވިއިރު މިދިޔަ އަހަރު ނެރުނު ސެކަންޑް ޖެނެރޭޝަން ސްނެޕް ސްޕެކްޓެކްލްސް އަށް ފަހު އާ އުފެއްދުމެއް ނެރެން އުޅޭކަމުގެ ވާހަކައެއް އަދި ދެކެވިފައެއް ނުވެއެވެ.
މާކްގެ އިސްތިއުފާއާއި ސްނެޕް ސްޕެކްސް އަށް ލިބެމުންދާ ފިނި ތަރުހީބާ ގުޅުމެއް ނެތްކަމަށް ސްނެޕްޗެޓުން ބުނެއެވެ.