ލަގްޒަރީ އެޕާޓްމަންޓްތަކަށް ޑިމާންޑް އެބައޮތްތަ؟

ހުޅުމާލޭގައި ހުންނަ ޕްލެޓިނަމް ރެސިޑެންސް.-- ސަން ފޮޓޯ: ފަޔާޒު މޫސާ

ރާއްޖޭގެ ރިއަލް އެސްޓޭޓް އިންޑަސްޓްރީ ފުޅާވެ، އާންމުންނަށް ފްލެޓް ވިއްކުން ފަދަ ވިޔަފާރިތަކަށް ކުންފުނިތައް ނިކުތީ ދާދި ފަހުންނެވެ. ނަމަވެސް މި އިންޑަސްޓްރީ އަކީ މިހާރު ރާއްޖޭގައި އެންމެ ބާރަށް ކުރިއަރަމުން އަންނަ އެއް އިންޑަސްޓްރީ އެވެ. މި ދާއިރާގައި ހަރަކާތްތެރިވާ ކުންފުނިތައް އިތުރުވަމުން އަންނަ އިރު، އާންމުންނަށް ވިއްކަން ހަދާ ތަންތަން ވެސް އަންނަނީ ދުވަހުން ދުވަހަށް އިތުރުވަމުންނެވެ.

އެގޮތުން އާންމުންނަށް ވިއްކަން ހަދާފައިވާ ލަގްޒަރީ ފްލެޓްތަކުގެ އަދަދު ވެސް މި އަންނީ ދުވަހުން ދުވަހަށް އިތުރުވަމުންނެވެ. ނަމަވެސް، ސުވާލަކީ، އޭގެ ޑިމާންޑް ދިވެހިންގެ މެދުގައި އެބައޮތް ހެއްޔެވެ؟

މި ސުވާލުގެ ޖަވާބު ދިނުމުގެ ކުރިން ކުންފުނިތަކުން އިމާރާތް ކޮށްފައި ހުރި، އަދި އިމާރާތް ކުރަމުން އަންނަ ލަގްޒަރީ އެޕާޓްމަންޓް ބިލްޑިންގްތަކުގެ ޑިމާންޑަށް ބަލާލުން މުހިންމުވާނެއެވެ.

އާންމުންނަށް ވިއްކަން ރާއްޖޭގައި އެންމެ ފުރަތަމަ އެޅި ލަގްޒަރީ އެޕާޓްމަންޓް ބިލްޑިންގަކަށް ވާނީ، ހުޅުމާލޭގައި ކޯސްޓްލައިނުން ހަދާފައިވާ ޕްލެޓިނަމް ރެޒިޑެންސެވެ. އެނގިފައިވާ ގޮތުގައި އެ ތަނުގެ ގިނަ ތަންތަން ވިކިފައި ވީނަމަވެސް، އެ ތަނުގައި އެންމެ ފަހުން ހެދި ޓަވަރުގައި އަދި ވެސް ނުވިކޭ އެޕާޓްމަންޓްތައް އެބަހުއްޓެވެ.

އޭގެ އިތުރުން ދެން އެންމެ ގިނަ ބަޔަކަށް އެނގޭނެ ލަގްޒަރީ އެޕާޓްމަންޓްތައް ހަދަނީ ނަސަންދުރާ ކުރިން ހިންގި ބިމުގައެވެ. މަތީ ފެންވަރުގެ ސާވިސްޑް އެޕާޓްމަންޓްތައް ވިއްކަން އިއުލާނުކޮށް، އެތަނުގެ މަސައްކަތްތައް ފެށިގެން ކުރިއަށް ދާއިރު، އެ ތަނުގައި ވެސް ނުވިކި ހުރި އެޕާޓްމަންޓްތައް މަދެއް ނޫނެވެ.

ދެން މިއޮތީ އެންމެ ފަހުން ރަސްފަނު ކުރިމަތީގައި އިމާރާތް ކުރަން ފަށާ ކޮރަލް ބޮލެވާޑް އެވެ. ބޮޑު ހޮޓަލަކާ އެކު އަޅާ ޓަވަރުތަކުގެ އެޕާޓްމަންޓްތައް ވިއްކަން އިއުލާނު ކުރިތާ އަދި ވީ ދުވަސްކޮޅެކެވެ. އެތަނުގެ އެޕާޓްމަންޓްތައް ވިކެން ފަށާފައިވީނަމަ ވެސް ސުވާލަކީ، މިތަންތަނަށް ދިވެހިންގެ މެދުގައި ޑިމާންޑް އެބައޮތްބާވައެވެ.

"ލަގްޒަރީ އެޕާޓްމަންޓްތައް ހަދާއިރު ދިވެހިންނަކަށް އާންމުކޮށް ފޯކަހެއް ވެސް ނުކުރާނެ މިހާރަކު. މިސާލަކަށް ބޭރު މީހުންނަށް ދިގުމުއްދަތަށް ލީޒް ކުރާ ވިސްނުން ބައެއް ކުންފުނިތަކުން ގެންގުޅެނީ،" ކޮންސްޓްރަކްޝަން ކުންފުންޏެއްގެ ވެރިއަކު ވިދާޅުވިއެވެ.

ނަމަވެސް ހުޅުމާލޭގައި ހަދާފައިވާ އަމީން އެވެނިއު އާއި ބައެއް ކުދި ލަގްޒަރީ އެޕާޓްމަންޓް ބިލްޑިންގްތަކުން ގިނަ ތަންތަން ވިކިފައިވާ ކަން އޭނާ ފާހަގަ ކުރިއެވެ.

"ކުރިން ޑިމާންޑް އޮތް މިހާރު ވެދާނެ ދިވެހިންގެ ތެރެއިން މިކަހަލަ އެޕާޓްމަންޓްތައް ގަންނަން ބޭނުންވާ މީހުންނަށް ބޭނުންވާ ވަރަށް އެޕާޓްމަންޓްތައް ލިބުނީ ކަމަށް ވެސް. ނުވަތަ އަގު ބޮޑުވީމަ، އެފޯޑް ކުރަން އުނދަގޫ ވަނީ ކަމަށް ވެސް ވެދާނެ،" އޭނާ ކިޔައިދިނެވެ.

އަމިއްލަ ކުންފުނިތަކުން ވިއްކާ އާދައިގެ އެޕާޓްމަންޓުތަކުގެ އަގުތައް ގާތްގަނޑަކަށް ދެ މިލިޔަން ރުފިޔާއިން ފެށިގެން މަތީގައި ހުރި އިރު، ލަގްޒަރީ އެޕާޓްމަންޓްތަކުގެ އަގުތައް ދެ ގުނަ އަށް ވުރެ ބޮޑެވެ. އެހެންކަމުން، ބޭންކުން ނުވަތަ ލީޒިން ކުންފުންޏެއް މެދުވެރިކޮށް ގަންނަން ބަލާއިރު ވެސް މަހުން މަހަށް ދައްކަން ޖެހޭ އަދަދު ބޮޑުވެއެވެ. އަދި ޑައުން ޕޭމަންޓަށް ދައްކަންޖެހޭ ވަރު ވެސް ބޮޑުވެގެން ދެއެވެ.

ރާއްޖޭގެ ގާނޫނުތައް ބުނާ ގޮތުން ބޭރު މީހުންނަށް އެޕާޓްމަންޓް ވިއްކުމަކީ މަނާ ކަމެކެވެ. އަދި ބޭރު މީހަކަށް އެފަދަ ތަނެއް ވާރުތަ ވެސް ނުކުރެވެއެވެ. ނަމަވެސް ދިގު މުއްދަތަށް ކުއްޔަށް ދިނުމަށް ހުރަހެއް ނެތެވެ.

"މިސާލަކަށް ދިގު މުއްދަތަށް ލީޒް ކޮށްފަ އެއްފަހަރާ ޕޭމަންޓް ނަގާފަ ނޫނީ ވަކި ގޮތަކަށް ބަހާލައިގެން ޕޭމަންޓް ނަގާ ގޮތަސް ހެދިޔަސް އެޕާޓްމަންޓް ވިއްކާލައިގެން ލިބޭ އަގު ނެރެވޭނެ،" ރިއަލް އެސްޓޭޓް ދާއިރާގައި ހަރަކާތްތެރިވާ ބޮޑު ކުންފުންޏެއްގެ ވެރިއަކު ވިދާޅުވިއެވެ.

ބޯހިޔާވަހިކަމުގެ މައްސަލައަކީ، ދިވެހީންގެ އެންމެ ގިނަ ބަޔަކު އެކަމެއްގެ ދަތިކަން ތަހައްމަލުކުރާ އެއް މައްސަލައެވެ. ނަމަވެސް މަތީގައި ބުނެވިދިޔަ ވާހަކަތަކަށް ރިއާޔަތްކޮށް، އަދި ބައެއް ލަގްޒަރީ ތަންތަނުގައި އެޕާޓްމަންޓްތައް ނުވިކި ދިގުލައިގެން ގޮސްފައިވާއިރު މިކަމަށް ދިވެހިންގެ ޑިމާންޑް އޮތްތޯ އަމިއްލައަށް ވަޒަންކޮށްލާށެވެ.

comment ކޮމެންޓް