ގައުމީ އިނާމު 15 ބޭފުޅަކަށް، ޝަރަފުވެރިކަމުގެ އިނާމް ފަސް ބޭފުޅަކަށް ދޭން ނިންމައިފި

އަލީ ސަލީމް(ވ)އަށް ރައީސް ޔާމީން، ހިތްވަރުދިނުމުގެ ގައުމީ އިނާމު ހަވާލުކޮށްދެއްވަނީ --- ފައިލް ފޮޓޯ/ ރައީސް އޮފީސް

ޝަރަފުވެރިކަމުގެ ގައުމީ އިނާމު މި އަހަރު ފަސް ބޭފުޅަކަށް އަދި ހިތްވަރު ދިނުމުގެ ގައުމީ އިނާމު 15 ބޭފުޅަކަށް ދިނުމަށް ގައުމީ އިނާމާބެހޭ ކޮމިޓީން ކަނޑައަޅައިފި އެވެ.

ޝަރަފުވެރިކަމުގެ ގައުމީ އިނާމު ލިބިވަޑައިގަންނަވާ ފަސް ބޭފުޅުންގެ ތެރެއިން ހަތަރު ބޭފުޅުންނަކީ، މީގެކުރިން ހިތްވަރު ދިނުމުގެ ގައުމީ އިނާމު ލިބިވަޑައިގެންފައިވާ ބޭފުޅުންނެވެ.

އެ ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޝަރަފުވެރިކަމުގެ ގައުމީ އިނާމާއި ހިތްވަރު ދިނުމުގެ ގައުމީ އިނާމު ދެއްވުން އޮންނާނީ، މިނިވަން ދުވަހުގެ މުނާސަބަތުގައި މި މަހުގެ 26ވާ ބުރާސްފަތި ދުވަހުގެ ރޭ ޖުމްހޫރީ މައިދާނުގައި ބާއްވަވާ ރަސްމީ ޖަލްސާގަ އެވެ.

ގައުމީ އިނާމު ލިބިވަޑައިގަންނަވާ ބޭފުޅުން ހޮއްވެވުމަށް ގައުމީ އިނާމާ ބެހޭ ކޮމިޓީން ކުރެއްވި މަސައްކަތުގައި މައިގަނޑު ގޮތެއްގައި ބައްލަވާފައި ވަނީ، މި އިނާމާ ބެހޭ ގޮތުން ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައިވާ ކަންތައްތަކުގެ މައްޗަށެވެ.

މީގެ އިތުރުން މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު، މިއަހަރު 24 ބޭފުޅަކަށް ދިނުމަށް ޚާއްޞަ އިނާމާބެހޭ ކޮމިޓީން ވަނީ ނިންމަވައިފަ އެވެ.

މީގެ ތެރޭގައި ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ އެންމެމަތީ ލެވެލްގެ ސަނަދެއް ހާސިލު ކުރުމުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލު ކުރައްވާފައިވާ ދެ ބޭފުޅުންމާއި މަތީ ތަޢުލީމާއި ތަމްރީނުގެ ކޯހަކުން އެންމެމަތީ ވަނަ ހޯއްދަވަވާފައިވާ 19 ބޭފުޅުން އަދި ބައިނަލްއަގްވާމީ މަޢުރަޒަކުން ނުވަތަ މުބާރާތަކުން ނުވަތަ މިނޫންވެސް ބައިނަލްއަގްވާމީ މިންކުރުމަކުން އެންމެމަތީ ވަނަ ނުވަތަ ޝަރަފު ހޯއްދަވާފައިވާ ތިން ބޭފުޅުން ހިމެނެ އެވެ.

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު ދެއްވާނީ، މިނިވަންދުވަހުގެ މުނާސަބަތުގައި މިމަހުގެ 26 ވަނަ ދުވަހުގެރޭ ބާއްވާ ޚާއްސަ ޖަލްސާގަ އެވެ. މި ޖަލްސާގައި ސަރުކާރުން ދެއްވާ ބައެއް ޚާއްޞަ މެޑެލްވެސް ދެއްވާނެ އެވެ. މެޑެލް ދެއްވާނީ، ކީރިތި ގްރްއާން ހިތުދަސްކުރައްވައިގެން ޙާފިޡު ކަމުގެ ސަނަދު ހާސިލުކުރެއްވި ހަތް ބޭފުޅަކަށާއި 2017 ވަނަ އަހަރު ބޭއްވުނު ސާނަވީ އިމްތިޙާނާއި، 2017 އަދި 2018 ވަނަ އަހަރު ބޭއްވުނު މަތީ ސާނަވީ އިމްތިޙާނުން އެކި މާއްދާތަކުން މުޅި ދުނިޔެއިން އެއް ވަނަ ހާސިލުކުރި ދަރިވަރުންނަށެވެ.

comment ކޮމެންޓް