"ރާވެރިބޭ ކޮއްތު ވެނި" ގެ ނަމުގައި ހާބަރު ފުޑްކޯޓުތައް ރައީސް ހުޅުވައިދެއްވައިފި

ރާވެރިބޭ ކޮއްތު ވެނި ގެ ނަމުގައި ހާބަރު ފުޑްކޯޓުތައް ހުޅުވުން --- ފޮޓޯ: ރައީސް އޮފީސް

މ،ާލޭ ހުޅަނގުފަރާތު ހާބަރު ސަރަހައްދުގައި ތަރައްގީ ކުރި ފުޑްކޯޓުތައް ރަސްމީކޮށް ހުޅުވައިފިއެވެ.

"ރާވެރިބޭ ކޮއްތު ވެނި" ގެ ނަމުގައި މި ފުޑްކޯޓުތައް ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމެވެ.

ހައުސިން މިނިސްޓްރީ އިން އެސްޓީއޯ ހަވާލު ކޮށްގެން ކުރިއަށް ގެންދިޔަ މި މަޝްރޫއުގެ ދަށުން ހާބަރު ސަރަހައްދުގައި ވަނީ 26 ފުޑް ކޯޓު ތަރައްގީ ކޮށްފައެގެ. މި މަޝްރޫއަށް އެސްޓީއޯ އިން ވަނީ 32 މިލިއަން ރުފިޔާ ޚަރަދު ކޮށްފައެވެ.

ރާވެރިބޭ ކޮއްތު ވެނި ގެ ނަމުގައި ހާބަރު ފުޑްކޯޓުތައް ހުޅުވުން --- ފޮޓޯ: ރައީސް އޮފީސް

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މީގެ ކުރިން ހާބަރު ސަރަހައްދު އޮތީ ވަރަށް ބޮޑަށް ދޫކޮށްލެވިފައި ކަމަށާއި އެ ސަރަހައްދު ތަރައްގީކޮށް އެތަނުގައި ކުޑަކުދިންނަށް ޚާއްސަ ޕާކެއް ތަރައްގީކޮށްދެއްވީ ވެސް ރައީސް ޔާމީން ކަމަށެވެ.

"މިސަރަހައްދަށް އިތުރު ދިނުން ގެނެސްދިނުމަށް މިތަނުގައި ހުރި ސައިބޯ ތަންތަން މިވަނީ ޒަމާނީ ފެންވަރަކަށް ތަރައްގީކޮށްދެއްވާފައި. ތަނުގެ މުޅި ކޮންސެޕްޓަކީ ސީދާ ރައީސް ޔާމީން އަމިއްލަފުޅަށް ބައްލަވާފައިވާ ކޮންސެޕްޓެއް،" މުއިއްޒު ވިދާޅުވިއެވެ.

ޒަމާނީ ފެންވަރަށް ރާއްޖޭގެެ އެކި ކަންކޮޅުތައް ތަރައްގީ ކުރެއްވުމަށް ރައީސް ގެންގުޅުއްވާ ޕްލޭންގެ ދަށުން އެމަނިކުފާނު ގެނެސްދެއްވަނީ ހަމައެކަނި ކޮންކްރީޓް ތަރައްގީ ނޫން ކަމަށާއި ރައީސް ގެންދަވަނީ ފެހި ތަރައްގީވެސް ރައްޔިތުންނަށް ގެނެސްދެއްވަމުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އިޖްތިމާއީ ގޮތުންނާއި އިގްތިސާދީ ގޮތުންވެސް ތަރައްގީ ގެނެސްދެއްވާ،" މިނިސްޓަރު ވިދާޅުވިއެވެ.

ހާބަރު ފުޑްކޯޓުތަކަކީ ރާއްޖެއިން ބޭރުން ޕްރީ ފެބްރިކޭޓަޑް ސްޓްރަކްޗާތައް ގެނެސްގެން ރާވާފައިވާ ފުޑް ކޯޓު ތަކެކެވެ. އެތަކެތި ގެނެސްފައިވަނީ ޗައިނާ އިންނެވެ.

comment ކޮމެންޓް